މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ ހއ. އަތޮޅު ފައިނަލަށް މުޅިން އަލަށް އުތީމާއި ފިއްލަދޫ ދަތުރުކުރި އިރު، ހދ. އަތޮޅު ފައިނަލަށް ނޭކުރެންދޫ އާއި ނައިވާދޫ ދަތުރު ކޮށްފިއެވެ.
މުބާރާތުގެ މެޗުތައް ހުޅުމާލޭ ރެހެންދި ޓާފުގައި ކުރިއަށްދާ އިރު، ރޭ ވަނީ ހދ. އަތޮޅާއި ހއ. ގެ ސެމީ ފައިނަލް މެޗުތައް ކުޅެފައެވެ. ދެ އަތޮޅުގެ ސެމީ ފައިނަލްތައްވެސް ފޯރިގަދަކޮށް ފެނިގެން ދިޔަ އިރު، ހއ. އަތޮޅުން އުތީމު ފައިނަލަށް ދިޔައީ ސެމީގައި ޕެނަލްޓީގައި ވަށަފަރު ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި އުތީމުން މެޗު ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ.
ރޭގެ ސެމީ ފައިނަލްގައި އުތީމުގެ ގޯލު ޖެހީ އަހުމަދު ނަބީލެވެ. ވަށަފަރުގެ ގޯލު ޖެހީ އަހުމަދު ސިނާނެވެ. ފުރިހަމަ ވަގުތަށްފަހު ޖެހި ޕެނަލްޓީގައި އުތީމުގެ އަހުމަދު އައިހަމް، ރިޝްވާން އިބްރާހިމް ރަޝީދު، ނަބީލް އަދި މުހައްމަދު ރިފާއު (އަސްކާ) ވަނީ ޕެނަލްޓީ ކާމިޔާބު ކޮށްފައެވެ. ވަށަފަރަށް ޕެނަލްޓީތައް ކާމިޔާބު ކޮށްދިނީ އަހުމަދު މަހުތޫމް މުސްތަފާ، ސިނާން އަދި ސާޖިދު ރަޝީދު (ސާޖީ)އެވެ.
އެ އަތޮޅުގެ އަނެއް ސެމީގައި ފިއްލަދޫން ވަނީ 2-1 އިން މުރައިދޫ އަތުން މޮޅުވެފައެވެ. ފިއްލަދޫން މުރައިދޫ ކޮޅަށް ގޯލުތައް ޖެހީ އަހުމަދު ހުސާމާއި އިބްރާހިމް ފަޒީލެވެ. މުރައިދޫގެ ހަމައެކަނި ގޯލް ޖެހީ އިޔާން އަހުމަދު ރަޝީދެވެ.
އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން ނައިވާދޫން ފައިނަލަށް ދިޔައީ ސެމީގައި 3-1 އިން ކުމުންދޫ ބަލިކޮށްގެންނެވެ. ހދ. އަތޮޅު ފުރަތަމަ ބުރުގައި އެއް ގްރޫޕެއްގައި ވާދަކުރި ނައިވާދޫ އާއި ނޭކުރެންދޫ ފައިނަލަށް ދިޔަ އިރު، ނައިވާދޫގެ މެޗުގައި ގޯލުތައް ޖެހީ މުހައްމަދު އަސްލަމާއި އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. އަސްލަމް މެޗުގައި ދެ ގޯލު ޖެހި އިރު، އެ ދެގޯލަށްވެސް ފުރުސަތު ތަނަވަސްކޮށްދިނީ ޝާއްޕެއެވެ. ކުމުންދޫގެ ގޯލު ޖެހީ އަބްދުﷲ ހަސަނެވެ.
ނޭކުރެންދޫ ވަނީ އެ އަތޮޅުގެ ދެވަނަ ސެމީގައި ނެއްލައިދޫ އަތުން 2-1 އިން މޮޅުވެފައެވެ. މެޗުގައި ނޭކުރެންދޫގެ ގޯލުތައް ޖެހީ އަލީ އިފާޒާއި މުހައްމަދު ވިލްފެވެ. ނެއްލައިދޫގެ ގޯލު ޖެހީ ނެއްލައިދޫގެ އަހުމަދު ރީހާނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މި އަހަރުގެވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
16:00 ގދ. ހޯޑެއްދޫ - ގދ. ގައްދޫ (ގްރައުންޑް 1)
16:00 ގދ.ވާދޫ - ގދ. މަޑަވެލި (ގްރައުންޑް 2)
17:00 ށ. ކަނޑިތީމު - ށ. ފީވަށް (ގްރައުންޑް 1)
17:00 ށ. ފޯކައިދޫ - ށ. ބިލެތްފަހި (ގްރައުންޑް 2)
20:00 ރ. އިންނަމާދޫ - ރ. މީދު (ގްރައުންޑް 1)
20:00 ރ. ދުވާފަރު - ރ. އަލިފުށި (ގްރައުންޑް 2)
21:00 ފ. މަގޫދޫ - ފ. ދަރަނބޫދޫ (ގްރައުންޑް 1)
21:00 ފ. ނިލަންދޫ - ފ. ބިލެތްދޫ (ގްރައުންޑް 2)
22:00 ތ. ގާދިއްފުށި - ތ. ހިރިލަންދޫ (ގްރައުންޑް 1)
22:00 ތ. ވޭމަންޑޫ - ތ. އޮމަދޫ (ގްރައުންޑް 2)
23:00 ތ. ކިނބިދޫ - ތ. ބުރުނި (ގްރައުންޑް 1)
23:00 ދ. މާއެނބޫދޫ - ދ. ކުޑަހުވަދޫ (ގްރައުންޑް 2)
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް