މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ ލ. އަތޮޅު ފައިނަލްގެ ޖާގަތައް ގަމާއި އިސްދޫން ޔަގީންކޮށްފިއެވެ.
މުބާރާތުގެ މެޗުތައް ހުޅުމާލޭ ރެހެންދި ޓާފުގައި ކުރިއަށްދާ އިރު، މިއަދު ހަވީރު ވަނީ ހަތަރު މެޗެއް ކުޅެފައެވެ. އެއީ ލ. އަތޮޅުގެ ދެ މެޗާއި ކ. އަތޮޅު ގްރޫޕް އެކެއްގެ ފަހު ދެ މެޗެވެ.
މިއަދު ކ. އަތޮޅު ގްރޫޕް އެކެއްގައި ކުޅުނު ފަހު ދެ މެޗަށް ނުކުތްއިރުވެސް އެ ގްރޫޕުން ސެމީއަށްދާ ދެ ޓީމު އޮތީ ކަށަވަރުވެފައެވެ. އެއީ އެންމެފަހުގެ ރަނަރަޕް ގާފަރާއި ދިއްފުއްޓެވެ. މިއަދު ދިއްފުއްޓާއި ގާފަރު ވާދަކުރި މެޗު ގާފަރު 5-0 އިން ކާމިޔާބުކުރުމާއެކު އެ ގްރޫޕުން އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔައީ ގާފަރެވެ. ދިއްފުއްޓަށް ލިބެނީ ގްރޫޕް ދެވަނައެވެ.
ގާފަރުން ތަފާތު މޮޅުކޮށް މުބާރާތުގައި ފެނިގެންދާއިރު، އެ ޓީމުން މިއަދުގެ މެޗުގައި ގޯލުތައް ޖެހީ ކެޕްޓަން ޝާމިން މުހައްމަދު ނަސީރާއި އަލީ މާއިސް (މައްޓު)ގެ އިތުރުން ނާހް މުފީދާއި އިބްރާހީމް ރިމާހް (ރިމޭ) އެވެ. ޝާމިން މެޗުގައި ދެ ގޯލް ޖެހި އިރު، މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މައްޓުއެވެ.
އެ އަތޮޅު ގްރޫޕް އެކެއްގެ އަނެއް މެޗުގައި މިއަދު ތުލުސްދުއާއި ގުރައިދޫ ވީ 2-2 އިން އެއްވަރެވެ. އެއީ އެ ދެ ޓީމަށްވެސް މި ފަހަރުގެ މުބާރާތުގައި ކުޅެން ޖެހުނު ފަހު މެޗެވެ.
ލ. އަތޮޅުން ފަސް ޓީމު މުބާރާތުގައި ބައިވެރިވެފައިވުމުން އަތޮޅު ބުރު ކުރިއަށްދަނީ ލީގު އުސޫލުންނެވެ. އަތޮޅު ބުރުގައި އިސްދުއާއި ގަންވެސް މިހާތަނަށް ކުޅުނު ތިން މެޗު ކާމިޔާބުކޮށް ފައިނަލް ޔަގީންކޮށްފައިވާ އިރު، ފައިނަލްގެ ކުރިން ލީގު ބުރުގައި އަދި އިސްދުއާއި ގަން ކުރިމަތިލާން ޖެހޭނެއެވެ. އެ އަތޮޅުގައި މާބައިދުއާއި ކަލައިދޫ އަދި މާމެންދުއަށް އަދި މުބާރާތް ނުނިމި އޮތް ނަމަވެސް، ދެން ފައިނަލްގެ ފުރުސަތެއް ނޯންނާނެއެވެ.
އިސްދުއާއި މާމެންދޫ މިއަދު ކުޅުނު މެޗު ފޯރިފަދަކޮށް ދިޔައިރު، އިސްދޫން މެޗު ކާމިޔާބުކޮށް ފައިނަލް ޔަގީންކުރީ 6-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި އިސްދޫގެ އަލީ ހުމޭޒު ހެޓްރިކް ފުރިހަމަ ކުރި އިރު، އަނެއް ގޯލުތައް ޖެހީ އަލީ މީސާގު އީސައާއި ހުސައިން އަފްހާމެވެ. މާމެންދޫގެ ގޯލުތައް ޖެހީ އަހުމަދު ނަސްއަތާއި ހުސައިން އަޒުމަތެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހުމޭޒެވެ.
ގަމުން މިއަދު ތިންވަނަ މޮޅު ހޯދީ މާބައިދޫ ކައިރިން 2-0 އިން މޮޅުވެގެންނެވެ. ގަމުގެ ގޯލުތައް ޖެހީ އަލީ ސާމިސް (ތޮއްޕެ) އާއި ހުސައިން ޝަރީފް (އޮންލީ)އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގަމުގެ ތޮއްޕެއެވެ.
ލ. އަތޮޅުގެ ފައިނަލް މެޗު އޮންނާނީ 24 ވަނަ ދުވަހުގެ ރޭގައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މި އަހަރުގެވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
20:00 ހއ. މުރައިދޫ - ހއ. ފިއްލަދޫ (ގްރައުންޑް 1)
20:00 ހއ. ވަށަފަރު - ހއ. އުތީމު (ގްރައުންޑް 2)
21:00 ހދ. ނައިވާދޫ - ހދ. ކުމުންދޫ (ގްރައުންޑް 1)
21:00 ހދ. ނެއްލައިދޫ - ހދ. ނޭކުރެންދޫ (ގްރައުންޑް 2)
22:00 އދ. އޮމަދޫ - އދ. މަހިބަދޫ (ގްރައުންޑް 1)
22:00 އދ. މާމިގިލި - އދ. ހަންޏާމީދޫ (ގްރައުންޑް 2)
23:00 މ. މުލަކު - މ. ދިއްގަރު (ގްރައުންޑް 1)
23:00 މ. ކޮޅުފުށި - މ. މުލި (ގްރައުންޑް 2)
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް