މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގއ. އަތޮޅު ސެމީ ފައިނަލްގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ގއ. މާމެންދުއާއި އެ އަތޮޅުގެ ނިލަންދޫ ފައިނަލަށް ދަތުރުކޮށްފިއެވެ.

މުބާރާތުގެ މެޗުތައް ހުޅުމާލޭ ރެހެންދި ޓާފުގައި ކުރިއަށްދާ އިރު، ރޭ އެންމެ ފަހު ދެ މެޗަކަށް ކުޅުނީ ގއ. އަތޮޅުގެ ސެމީ ދެ މެޗެވެ. ސެމީގެ ފުރަތަމަ މެޗުގައި ގްރޫޕް ދޭއްގެ އެއްވަނަ ޓީމު، ކަނޑުހުޅުދުއާއި ގްރޫޕް އެކެއް ދެވަނަ ޓީމު މާމެންދޫ ވާދަކުރި މެޗު މާމެންދޫން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި މާމެންދޫން ފުރަތަމަ ކޮޅުގައި ލީޑު ނެގީ ޝަމްވީލް މުހައްމަދު ޖެހި ގޯލުންނެވެ.

އެ ގޯލަށްފަހު ފުރަތަމަ ހާފުގައި މާމެންދޫން ރަނގަޅަށް ކުޅެ، ހާފު ނިންމާލީ އިތުރު ގޯލަކާ އެކުއެވެ. އެ ގޯލަކީ ކަނޑުހުޅުދޫއަށް ފައުލް ހަމަވެ، މާމެންދުއަށް ލިބުނު ދުރު ޕެނަލްޓީއެއްގައި ރައުހާން ރިއްފަތު ޖެހި ގޯލެކެވެ.

ދެވަނަ ހާފަށް ނުކުމެ ކަނޑުހުޅުދޫ ކުޅުން ރަނގަޅުކޮށް، އަހުނަފް ޒާހިރުގެ ގޯލާއެކު ފަރަގު ކުޑަކުރި ނަމަވެސް މެޗުގެ ނަތީޖާ އަނބުރާލަން އެ ޓީމުން ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވިއެވެ.

އެ އަތޮޅުގެ އަނެއް ސެމީ މެޗުގައި ދެއްވަދޫން ނިލަންދުއާ ދެކޮޅަށް ނުކުތް އިރު، އެ މެޗު ނަތީޖާ ނެރުނީ ޕެނަލްޓީގައެވެ. އެއީ ފޯރިގަދަކޮށް ފެނުނު އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ނަތީޖާ 3-3 އިން އެއްވަރުވެފައި އޮތުމުންނެވެ. ޕެނަލްޓީގައި ނިލަންދޫ މެޗު ކާމިޔާބުކުރީ 6-5 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗު ފެށިގެން ފުރަތަމަ ކޮޅުގައި ނަސޫހު ސައީދު ގޯލު ޖަހައި ދެއްވަދުއަށް ލީޑު ނަގައިދިން ނަމަވެސް، މައުޒޫފް އާދަމްގެ ދެ ގޯލާއި މުހައްމަދު ޔަމާން އަޝްރަފުގެ ގޯލުން ނިލަންދޫ ނަތީޖާ އަނބުރާލިއެވެ.

ފަހުކޮޅާ ޖެހެންދެންވެސް ނިލަންދޫން ދެ ގޯލުގެ ލީޑެއް ދަމަހައްޓަމުން ދަނިކޮށް، އެ ޓީމަށް އުނދަގޫތަކެއް ދިމާވީ ފައުލް ހަމަވުމުންނެވެ. ނިލަންދޫގެ ފައުލް ހަމަވެ، ދެއްވަދުއަށް ލިބުނު ދެ ޕެނަލްޓީގައި އައިމަން ތައުފީގް ވަނީ ދެއްވަދުއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ޕެނަލްޓީއަށް މެޗު ގޮސް، ދެ ގޯލްކީޕަރުންގެ ފަރާތުންވެސް ސޭވްތައް ފެނިގެން ގޮސްފައިވާ އިރު، ނިލަންދުއަށް ޕެނަލްޓީ ކާމިޔާބު ކޮށްދިނީ މައުޒޫފާއި މަމްދޫހު އިބްރާހީމް އަދި މުހައްމަދު ޒާހިލް އަހުމަދެވެ. އަނެއްކޮޅުން ދެއްވަދޫގެ ނަސޫހާއި އަހުމަދު ރާހިލް ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މި އަހަރުގެވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.

މުބާރާތުގެ އަތޮޅު ބުރުގެ މެޗުތައް މިއަދު ހަވީރާއި މިރޭވެސް ކުރިއަށްދާނެއެވެ.

16:00 ލ. މާބައިދޫ - ލ. ގަން (ގްރައުންޑް 1)

16:00 ލ. މާމެންދޫ - ލ. އިސްދޫ (ގްރައުންޑް 2)

17:00 ކ. ތުލުސްދޫ - ކ. ގުރައިދޫ (ގްރައުންޑް 1)

17:00 ކ. ގާފަރު - ކ. ދިއްފުށި (ގްރައުންޑް 2)

20:00 ހއ. މުރައިދޫ - ހއ. ފިއްލަދޫ (ގްރައުންޑް 1)

20:00 ހއ. ވަށަފަރު - ހއ. އުތީމު (ގްރައުންޑް 2)

21:00 ހދ. ނައިވާދޫ - ހދ. ކުމުންދޫ (ގްރައުންޑް 1)

21:00 ހދ. ނެއްލައިދޫ - ހދ. ނޭކުރެންދޫ (ގްރައުންޑް 2)

22:00 އދ. އޮމަދޫ - އދ. މަހިބަދޫ (ގްރައުންޑް 1)

22:00 އދ. މާމިގިލި - އދ. ހަންޏާމީދޫ (ގްރައުންޑް 2)

23:00 މ. މުލަކު - މ. ދިއްގަރު (ގްރައުންޑް 1)

23:00 މ. ކޮޅުފުށި - މ. މުލި (ގްރައުންޑް 2)