މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ އަތޮޅު ބުރުގައި ރޭ ކުޅުނު ތ. އަތޮޅު މެޗުން ތިމަރަފުށި މޮޅުވި އިރު، ށ. އަތޮޅު މެޗުތަކުން ބިލެތްފައްސާއި ފޯކައިދޫ މޮޅުވެއްޖެއެވެ.

މުބާރާތުގެ މެޗުތައް ހުޅުމާލޭ ރެހެންދި ޓާފުގައި ކުރިއަށްދާއިރު، ރޭވެސް ޖުމުލަ އަށް މެޗު ކުޅެފައިވެއެވެ. އޭގެ ތެރެއިން އެއް މެޗަކީ ތ. އަތޮޅު ގްރޫޕް ދޭއްގެ މެޗެކެވެ. އެ މެޗުގައި އެންމެފަހުގެ ޗެމްޕިއަން ތިމަރަފުށިން ވަނީ އޮމަދޫ ކައިރިން 2-0 އިން މޮޅުވެފައެވެ. ގްރޫޕް ދޭއްގައި ކުޅުނު ދެ މެޗުންވެސް މޮޅުވެ، ތިމަރަފުށި އަތޮޅު ސެމީ ޔަގީންކުރީ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ތިމަރަފުށީގެ ގޯލުތައް ޖެހީ އަބްދުﷲ ޒިޔާން (ޖަންކީ)އާއި އިބްރާހީމް ހަމްދާން (މެސީ) އެވެ.

ރޭ ށ. އަތޮޅުގެ ތިން މެޗެއް ކުޅެފައިވާ އިރު، އެއީ އެ އަތޮޅު ގްރޫޕް އެކެއްގެ ދެ މެޗާއި ށ. އަތޮޅުގެ ގްރޫޕް ދޭއްގެ މެޗެކެވެ. ގްރޫޕް ދޭއްގެ މެޗުގައި ފޯކައިދޫން އެ އަތޮޅު ޅައިމަގު ބަލިކުރީ 5-3 ގެ ނަތީޖާއަކުންނެވެ. ފޯކައިދޫގެ މުހައްމަދު ރިޝްވާން މެޗުގައި ހެޓްރިކް ހެދި އިރު، ދެން ގޯލުތައް ޖެހީ އިބްރާހީމް މުޝީރާއި ހަސަން ފަޒީލެވެ. މެޗުގައި ޅައިމަގުގެ ގޯލުތައް ޖެހީ އަބްދުލް ކަރީމް އަހުމަދާއި މުހައްމަދު އިމާދުﷲ އަދި މުހައްމަދު އިރުޝާދެވެ.

އެ މެޗާއެކު ށ. އަތޮޅު ގްރޫޕް ދޭއްގެ މެޗުތައް ނިމިފައިވާ އިރު، އެއްވަނައިގައި ސެމީއަށް ދިޔައީ ފޯކައިދުއެވެ. ދެވަނަ ލިބެނީ ފީވަކަށެވެ.

ށ. އަތޮޅު ގްރޫޕް އެކެއްގައި ރޭ ކަނޑިތީމުން ކުޅުނު މެޗުގައި މިލަންދުއާ އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ. މިލަންދޫގެ ގޯލުތައް މުހައްމަދު ނާއިލާއި އަހުމަދު ޝާނީ ޖެހި އިރު، ޝާނީ ވަނީ މެޗުގައި ދެ ގޯލް ޖަހައިފައެވެ. ކަނޑިތީމުގެ ގޯލުތައް ޖެހީ އަހުމަދު ރިޒާނާއި އިބްރާހީމް ނަދާދެވެ. ރިޒާން ވަނީ މެޗުގައި ދެ ގޯލް ޖަހައިފައެވެ.

އެ އަތޮޅު ގްރޫޕް އެކަކުން ކުރިންވެސް ކަނޑިތީމް ސެމީ ޔަގީންކޮށްފައިވާ އޮތްއިރު، ދެވަނަ ހޯދައިގެން ސެމީ ޔަގީންކުރީ ބިލެތްފައްސެވެ. ބިލެތްފަހިން މަރޮށި ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ބިލެތްފަހީގެ މުހައްމަދު އަމީން (އަމިއްޓެ) މެޗުގައި ދެ ގޯލް ޖެހި އިރު، އެ ޓީމުގެ އަނެއް ގޯލު ޖެހީ އަލީ އިރުފާދެވެ. މަރޮށީގެ ހަމައެކަނި ގޯލު ޖެހީ ޝައިލާން އުސްމާނެވެ.

ރޭ ވަނީ ގދ. އަތޮޅުގެ އަތޮޅު ބުރުގެ ދެ މެޗުވެސް ކުޅެފައެވެ. އެ އަތޮޅުން ފަސް ޓީމު ވާދަކުރަމުންދާ އިރު، އަތޮޅު ބުރު ކުޅެމުންދަނީ ލީގު އުސޫލުންނެވެ. ފައިނަލަށް ދާ ޓީމުތައް އަދި ޔަގީން ވެފައިނުވާ އިރު، ރޭ ވާދޫން ވަނީ ކުޅުނު ދެވަނަ މެޗުގައި 6-1 އިން ހޯޑެއްދޫ ބަލިކޮށްފައެވެ. ވާދޫގެ މުހައްމަދު ނާއިލާއި އަޔާޒް އަހުމަދު (އަޔާ)، ކޮންމެ ކުޅުންތެރިޔަކު މެޗުގައި ދެ ގޯލު ޖެހި އިރު، އަނެއް ގޯލުތައް އެޓީމަށް ޖަހައިދިނީ އިބްރާހީމް ޝައުފާއި މުސައްނިފް މުހައްމަދެވެ. ހޯޑެއްދޫގެ ހަމައެކަނި ގޯލު ޖެހީ އާލިފް ޒާހިރެވެ.

ގދ. އަތޮޅު ރޭ ކުޅުނު އަނެއް މެޗުގައި ތިނަދުއާއި މަޑަވެލި އެއްވަރުވީ 4-4 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ތިނަދޫއަށް ފައިނަލްގެ ފުރުސަތު ޔަގީންކޮށް ގެއްލިފައިވާ އިރު، ތިނަދުއަށް ރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ ހުސައިން އަބްދުލް ކަރީމާއި އިބްރާހީމް ހުސައިން އަދި ނަސްރުﷲ ސަލީމެވެ. އިބްރާހީމް ހުސައިން މެޗުގައި ދެ ގޯލު ޖެހި އިރު، މަޑަވެލީގެ ގޯލުތައް ޖެހީ ސަމާހް އަންވަރާއި މުހައްމަދު މުއާދު އަދި މުހައްމަދު ސާއިފެވެ. އޭގެ އިތުރުން ތިނަދޫގެ އިބްރާހީމް ހުސައިން އަތުން ބައިކޮޅަށްވެސް ގޯލެއް ވަދެފައިވެއެވެ.

ގދ. އަތޮޅުން މި ވަގުތު ފައިނަލްގެ ފުރުސަތު އެންމެ ބޮޑުކޮށް އޮތީ ވާދުއަށެވެ. އެއީ ދެ މެޗުން ދެ މޮޅާއެކުގައެވެ. ހޯޑެއްދޫއަށްވެސް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، ގައްދޫއަށް ވަނީ ދެ މެޗުން ތިން ޕޮއިންޓް ލިބިފައެވެ. ތިނަދުއަށް ތިން މެޗުން ޕޮއިންޓެއް ލިބުނު އިރު، މަޑަވެއްޔަށް ދެމެޗުން ލިބުނީ ޕޮއިންޓެކެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މި އަހަރުގެވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.

މުބާރާތުގެ އަތޮޅު ބުރުގެ މެޗުތައް މިއަދު ހަވީރާއި މިރޭވެސް ކުރިއަށްދާނެއެވެ.

16:00 ލ. މާބައިދޫ - ލ. ގަން (ގްރައުންޑް 1)

16:00 ލ. މާމެންދޫ - ލ. އިސްދޫ (ގްރައުންޑް 2)

17:00 ކ. ތުލުސްދޫ - ކ. ގުރައިދޫ (ގްރައުންޑް 1)

17:00 ކ. ގާފަރު - ކ. ދިއްފުށި (ގްރައުންޑް 2)

20:00 ހއ. މުރައިދޫ - ހއ. ފިއްލަދޫ (ގްރައުންޑް 1)

20:00 ހއ. ވަށަފަރު - ހއ. އުތީމު (ގްރައުންޑް 2)

21:00 ހދ. ނައިވާދޫ - ހދ. ކުމުންދޫ (ގްރައުންޑް 1)

21:00 ހދ. ނެއްލައިދޫ - ހދ. ނޭކުރެންދޫ (ގްރައުންޑް 2)

22:00 އދ. އޮމަދޫ - އދ. މަހިބަދޫ (ގްރައުންޑް 1)

22:00 އދ. މާމިގިލި - އދ. ހަންޏާމީދޫ (ގްރައުންޑް 2)

23:00 މ. މުލަކު - މ. ދިއްގަރު (ގްރައުންޑް 1)

23:00 މ. ކޮޅުފުށި - މ. މުލި (ގްރައުންޑް 2)