މާލެއިން ގެއްލިގެން ހޯދަމުންދިޔަ ސ. މަރަދޫފޭދޫ / ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް (31އ) ފެނިއްޖެއެވެ.
މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭ 7:30 ހާއިރުން ފެށިގެން އާސިރު ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިމަހުގެ ފަސްވަނަ ދުވަހުގެ ހަވީރު 4:30 ގައެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އާސިރު ފެނިފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށެވެ.
"މީގެ އިރުކޮޅެއް ކުރިން ފުލުހުންނަށް އާސިރު ފެނިއްޖެ،" އިމްރާން ވިދާޅުވިއެވެ.
އާސިރު ފެނުނުކަން މިނިސްޓަރު އިމްރާން ކަށަވަރުކޮށްދިން ނަމަވެސް، އޭނާ ފެނުނު ތަނެއް ވިދާޅުވެފައެއް ނުވެއެވެ.
މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އާސިރު މިރޭ ފެނުނު އިރު، އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.
ފުލުހުން ވަނީ އާސިރު ހޯދުމަށް ކުރާ މަސައްކަތުގެ ތަފްސީލީ މައުލޫމާތުތަކެއް ހިމެނޭ ނޫސްބަޔާނެއް މިއަދު ހަވީރު ނެރެފައެވެ. އެ ބަޔާނުގައި ފުލުހުން ބުނެފައިވަނީ އާސިރު ގެއްލުނުކަމުގެ ރިޕޯޓު ލިބުމާއެކު އެފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލުގެ މަތިން، ރާއްޖޭގައި ގާއިމުކޮށްފައިވާ ހުރިހާ ޕޮލިސް ސްޓޭޝަންތަކަށާއި އިންޓެލިޖެންސާ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށާއި އޭނާ ހޯދުމަށް ފުލުހުންގެ އެކި ބަހާތަކުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން އޭނާ ފެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
"މުހައްމަދު އާސިރު އިސްމާއީލް ހޯދުމަށް، އޭނާ ދިރިއުޅޭ ގެ ހ. އަލްޝާވިލާ ހިމެނޭ ސަރަހައްދު ހިމެނޭހެން މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައި ހުރި ފުލުހުންގެ ކެމެރާތަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ކެމެރާތަކާއި ޓީއެމްއޭގެ ކެމެރާތަކާއި އެއާޕޯޓު ފެރީ ސަރަހައްދުގެ ކެމެރާ ހިމެނޭހެން 150 ގަޑިއިރަށްވުރެ ގިނަ ސީސީޓީވީ ފުޓޭޖު މިހާތަނަށް ވަނީ ބަލައިފައެވެ..،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ މިހާތަނަށް ބެލިބެލުމުން މިމަހުގެ ހަތަރުވަނަ ދުވަހުގެ 7:20 ހާއިރު ބޮޑުތަކުރުފާނު މަގު، ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ހުދު ކުލައިގެ ޓެކްސީއެއްގައި އާސިރު އެއާޕޯޓަށް ގޮސް އެއާޕޯޓު ޓާމިނަލަށް ވަންނަކަން ސީސީޓީވީން ލިބިފައިވާ ފުޓޭޖުތަކުން އެނަލައިޒްކޮށްގެން ހޯދިފައިވާ ކަމަށާއި ނަމަވެސް އާސިރު އެއާޕޯޓަށް ވަންނަ ސަރަހައްދުގައި އިތުރު ކެމެރާއެއް ނެތުމުން، ދެން ދިޔަ ހިސާބެއް މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށެވެ.
އާސިރު ހޯދުމަށް އެއާޕޯޓް ފަޅުގައި ހުރި ހުރިހާ އޮޑިދޯނިފަހަރާއި ލޯންޗުތައް ބަލައި އެ ސަރަހައްދުގައި އާންމުކޮށް އުޅޭ މީހުންނަށް އާސިރުގެ ފޮޓޯ ދައްކައިގެން އެމީހުންނަށް ފެނިފައިވޭތޯ ބަލާފައިވާ ކަމަށާއި އަދި އެއާޕޯޓުގެ އެކި ސަރަހައްދުތައް ބަލައިފާސްކުރުމުގެ އިތުރުން އެއްވެސް ބުކިންއެއް ހަދާފައިވޭތޯ ބަލާފައިވާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. .
"އެގޮތުން ކުރެވުނު މަސައްކަތުން، އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ނުދާކަމާއި އެއްވެސް އެއާލައިނަކުން ރާއްޖޭގެ އެއްވެސް ރަށަށް ނުދާކަން ޔަގީންކުރެވިފައެވެ. އޭގެ އިތުރުން، މުހައްމަދު އާސިރު އިސްމާއީލް އެއާޕޯޓަށް ދިއުމަށް އެރި ޓެކްސީ އައިޑެންޓިފައިކޮށް އެ ޓެކްސީގެ ޑްރައިވަރާ ތަހުގީގު ޓީމުން ވަނީ ސުވާލުކޮށްފައެވެ..،" ބަޔާނުގައި ފުލުހުން ބުނެފައިވެއެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ އަދި މާފުށީގެ ހުރިހާ ގެސްޓުހައުސްތަކާއި އަތޮޅުތެރޭގެ ގެސްޓްހައުސްތަކުން އެއްވެސް ހިދުމަތެއް ހޯދާފައިވޭތޯ ބެލުމުގެ މަސައްކަތުގެ އިތުރުން، މާލެ ސަރަހައްދުގެ ކައިރި ރަށްރަށާއި ރާއްޖޭގެ އެއްވެސް ރަށެއްގައި އާސިރު އުޅޭތޯ ބެލުމުގެ މަސައްކަތްވެސް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު