ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 86 ބޭފުޅަކަށް އަރުވައިފިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ދިނުމުގެ ޖަލްސާގައި އެ ބޭފުޅުންނާ އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

މިރޭ ވަނީ ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު، ފުރަތަމަ ފަހަރަށް ރާއްޖެއިން ބޭރުގެ ބޭފުޅަކަށް އަރުވައިފައެވެ. އެއީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ލޭލްވަލަ ވިދާނާގެ ތިލަކަރަތުނައެވެ. އޭނާއަކީ ސްރީލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ ސީނީއާ ޕްރޮޓޮކޯލްގެ ވަޒީފާ އަދާކުރައްވާ ބޭފުޅެކެވެ. އޭނާ ހައި ކޮމިޝަންގައި މަސައްކަތް ކުރައްވާތާ މިހާރު 37 އަހަރުވެފައިވާ އިރު، ހައި ކޮމިޝަންގެ އެކި ވަޒީފާތައް އޭނާ ވަނީ އަދާކުރައްވައިފައެވެ.

ދައުލަތަށް ހިދުމަތްކުރުމުގެ އިނާމަކީ ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދޭ އިނާމެކެވެ.

މިރޭ އިނާމު ލިބިވަޑައިގަންނެވި ބޭފުޅުންގެ ތެރޭގައި ތައުލީމީ ދާއިރާ، ސަލާމަތީ ހިދުމަތްތައް އަދި ޝަރުއީ ދާއިރާއާއި، ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ހިމެނެއެވެ.

އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ދައުލަތަށް 50 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވި، މއ. ބޮޑުގަލު، މާފަތްގެ ސޯބިރާ ވަހީދު ހިމެނިވަޑައިގަންނަވައެވެ. ސޯބިރާ ވަނީ ދައުލަތަށް 50 އަހަރާއި އަށް މަހަށް ހިދުމަތް ކުރައްވައިފައެވެ.

މީގެ އިތުރުން އިނާމު ލިބިވަޑައިގެންނެވި ހ. އިރުވައި، އިސްމާއިލް ރަޝީދު ވަނީ ދައުލަތަށް 49 އަހަރު ހިދުމަތް ކުރައްވައިފައެވެ.

މިރޭ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުން ހިމަނައިގެން ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު މިހާތަނަށް 309 ބޭފުޅަކަށް ލިބިވަޑައިގެންފައިވެއެވެ.