މާލޭ މަގުމަތީގައި ސަލާން ޖަހަން އުޅުނު ޖަޕާން އަންހެން މީހާ އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، އެ އަންހެން މީހާ ސަލާން ޖަހަން މަގުމަތީގައި އުޅޭ ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައުމުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައުލޫމާތު ސާފު ކުރުމަށްފަހު މިއަދު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

"ވަން" އެނގިފައިވާ ގޮތުގައި އިމިގްރޭޝަނުން ވަނީ އެ އަންހެން މީހާ ރާއްޖެއިން ޑީޕޯޓު ކޮށްލުމަށް ނިންމަައިފައެވެ. އިމިގްރޭޝަނުން މިރޭ އެކަމާ ބެހޭ އިތުރު މައުލޫމާތު އާންމުކުރާނެ ކަމަށް އެ އިދާރާއިން "ވަން" މައުލޫމާތު ދީފައިވެއެވެ.

ޖަޕާނުގެ އެ އަންހެން މީހާ ސަލާން ޖަހާ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމުން އޭނާއަކީ އޮޅުވާލައިގެން ފައިސާ ހޯދާ މީހެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި ވަނީ އޭނާ ފައިސާ ހޯދުމުގެ ގޮތުން ދެއްކި ވާހަކަތައް ވެސް ކިޔައިދީފައެވެ.

ޓުވީޓާގައި މީހަކު ބުނެފައިވަނީ އެ އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނި ކޮށްގެން އުޅޭ މީހެއް ކަމަށެވެ. އެ ފިރިހެން މީހާގެ ފަރާތުން އެހީ ތެރިކަން ނުލިބޭތީ އަންހެން މީހާ ސަލާން ޖަހަނީ ކަމަށްވެސް ބުނެފައިވެއެވެ.