ސްޕެނިޝް ލަލީގާގެ މެޗުތަކުގެ ނިންމުންތައް ބަދަލުކުރުމަށް ނުފޫޒު ފޯރުވައި، ރެފްރީން ގަތުމަށް ބާސެލޯނާއިން 1.6 މިލިއަން ޔޫރޯ ހަރަދުކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ލީކުވި ޑޮކިއުމަންޓުތަކެއްގައި ހިމެނޭ މައުލޫމާތުތަކަކަށް ބިނާކޮށް، ސްޕެއިންގެ ނޫހެއް ކަމަށްވާ އެލް މޫންޑޯއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 2016 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް، ބާސާއިން 33 ފަހަރެއްގެ މަތިން ރެފްރީ ކޮމިޓީގެ އިސްފަރާތަކަށް ފައިސާ ޖަމާކޮށްފައިވެއެވެ. ބާސާއިން ފައިސާ ޖަމާކޮށްފައިވާ ކަމަށް ބުނެފައިވަނީ އޭރު ލަލީގާގެ ޓެކްނިކަލް ކޮމިޓީ އޮފް ރެފްރީސްގެ ނައިބު ރައީސް، ޖޯސޭ މާރިއާ އެންރިކޭޒް ނެގްރެއާގެ ކުންފުންޏަކަށެވެ.

އެ ހަބަރުތައް މީޑިއާއަށް ތިލަވުމާއެކު ބާސާއިން ވަނީ އެކަމަށް ރައްދުވެސް ދީފައެވެ. އެ ކްލަބުގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވީ ބާސާއިން ފައިސާ ޖަމާކޮށްފައިވަނީ އެ ކްލަބުގެ ސްކައުޓިންގައި ބޭނުންވާ ބައެއް ވީޑިއޯތައް ފޯރުކޮށްދިން ކުންފުންޏަކަށް ކަމަށާއި، އެ ފައިސާ ރެފްރީންނާ ގުޅުން އޮންނަ ފަރާތަކަށް ޖަމާކުރަން ޖެހުނީ ވީޑިއޯ ފޯރުކޮށްދޭ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏަކަށް އެ ކުންފުނި ވާތީ ކަމަށެވެ.

ބާސާއިން ބުނީ ޓީމު ރަނގަޅު ފޯމެއްގައި އޮތް ވަގުތެއްގައި އެފަދަ މައުމާލޫމާތުތަކެއްގެ ހަގީގަތް އޮޅޭ ގޮތަށް ފާޑުފާޑުގެ ވާހަކަދެކެވޭތީ ކަންބޮޑުވާނެ ކަމަށާއި، އެކަމުގެ ސަބަބުން ކުޅުންތެރިންގެ ފޯމަށް އަސަރުކޮށް، ކްލަބުގެ ރީތި ނަންވެސް ހަޑިވެގެން ދާނެ ކަމަށެވެ.

އެ މައްސަލައިގައި ސްޕެނިޝް ފުޓުބޯލް ފެޑަރޭޝަނުން ބުނީ ނެގްރެއާގެ ފަރާތުން ފެނިފައިވާ ކަންކަން ބަލައި ތަހުގީގުކުރާނެ ކަމަށާއި، މެޗުތައް ރިވިއުކޮށް ބާސާއަށް ރެފްރީންގެ ފަރާތުން ނުހައްގު ފައިދާއެއް ލިބިފައިވޭތޯވެސް ބަލާނެ ކަމަށެވެ.