ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ އަދި އެ ފައިސާ ބޭނުންކޮށްގެން ހޯދާ މުއްސަނދިކަން ދައުލަތަށް އަނބުރާ ނެގޭނެ ގާނޫނެއް ނެތްކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެސެޓް ރިކަވަރީއަށް ހާއްސަ ގާނޫނެއް އެކުލަވާލަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ލަފާ ދީފިއެވެ.
އޭސީސީން އެކަމަށް ލަފާދީފައިވަނީ، ރޭ އެ ކޮމިޝަނުން އާއްމުކުރި އެސެޓް ރިކަވަރީގެ ނިޒާމު ރާއްޖޭގައި އޮތް ގޮތް ދެނެގަތުމަށް ހެދި ދިރާސާ ރިޕޯޓުގައެވެ.
އެމްއެމްޕީއާރުސީީ މެދުވެރިކޮށް ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވި މައްސަލަތައް ތަހުގީގު ކުރަމުން އަންނަ އިރު އޭސީސީން އެކުލަވައިލި އެ ރިޕޯޓިގައި ބުނެފައިވަނީ، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމަކީ ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
ހިޔާނާތުގެ މުދަލާއި ފައިސާ ނެގޭ ގޮތަށް މިހާރު އޮތީ ކޮރަޕްޝަނުގެ ކުށަކާއި މަނީ ލޯންޑްރިންގެ ކުށާ ގުޅޭ ހާލަތުގައި ކަން ފާހަގަކޮށް، މަނީ ލޯންޑްރިންގެ ކުށަކާ ގުޅުމެއް ނެތި ކޮރަޕްޝަންގެ ކުށް ކުރާ ހާލަތުގައި ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ގޮތެއް ގާނޫނުގައި ބަޔާންވެފައިނުވާކަންވެސް ވަނީ ފާހަގަ ކޮށްފައެވެ.
އެކަމަށްޓަކައި ވަށާ ޖެހޭ ގާނޫނީ ނިޒާމެއްގެ ތެރެއިން އެކަންކަން ބަޔާންކޮށްފައި ނެތުމުން ތަންފީޒީ އިދާރާތަކަށް ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށްވެސް އެ ރިޕޯޓުުގައި ބުނެފައިވެއެވެ.
އެހެންކަމުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެކަން ގާނޫނަކުން ކަނޑައެޅިގެން ބަޔާންކޮށް، ތަހުގީގީ އިދާރާތަކުން ބަލަމުން އަންނަ މައްސަލައެއްގައި ހިމެނޭ މުދަލާއި ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ އާއި މުދާކަމުގެ އެކަށީގެންވާ ހެކި ތަހުގީގީ އިދާރާތަކަށް ލިބިފައިވާ ނަމަ، އެތަކެތި ދައުލަތަށް ނެގޭނެ ބާރު ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ދިނުމަށް ރިޕޯޓުގައި ވަނީ ލަފާ ދީފައެވެ.
ކޮރަޕްޝަންގެ ކުށް ސާބިތު ވަނީ މަދު މައްސަލައެއްގައި ކަމަށާއި ސަބަބަކީ ތަހުގީގާއި ދައުވާކުރުމުގައި ހުރި ގޮންޖެހުންތައް ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.
މުޅި ރާއްޖޭގެ އެސެޓް ރިކަވަރީ ނިޒާމް ބަލަހައްޓާނެ ބެލެނިވެރި މުއައްސަސާއެއް ނެތް ކަމަށާއި ހަރުދަނާ އެސެޓް އެންޑް ވެލްތު ޑިކްލަރޭޝަން ނިޒާމެއް ނެތްކަންވެސް ފާހަގަ ކޮށްފައިވެއެވެ.
ދައުލަތުގެ އެކި މަގާމްތައް ފުރުއްވާ ބޭފުޅުންގެ މާލީ ބަޔާން އާއްމުކުރުމުގައި ނަތީޖާއެއް ނުނެރެވި އޮންނަ ކަން ވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެގޮތުން ކަނޑައެޅޭ ވަކި މަގާމުތަކެއްގައި ތިބޭ ފަރާތްތަކުގެ މުދަލާއި ފައިސާ އަދި އަރަންޏާއި ދަރަނީގެ ބަޔާން ކަނޑައެޅޭ ވަކި މުއްދަތުތަކަކުން ހާމަކުރަން ލާޒިމްކުރުމަކީ ކޮރަޕްޝަނުން ސަލާމަތްވެ ތިބުމަށް މުހިއްމު ކަމަށް ވިޔަސް އެކަމުގައި އަމަލުކުރަން ޖެހޭ އެއް މިންގަނޑަކާއި އުސޫލްތަކެއް ނެތް ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން މަޖިލީހަށް މިހާރު ހުށަހަޅާފައި އޮތް އެސެޓް ޑެކްލެރޭޝަންއާ ގުޅޭ ބިލުގައި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއަށް ފެތޭ އަދި އާއްމުކޮށްފައިވާ ދިރާސާތަކުގައި ހިމެނޭ ކަންކަން ހުރިތޯ ކަށަވަރު ކުރަންވެސް ވަނީ ލަފާދީފައެވެ.
ޚަބަރު
ޚަބަރު