މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގައި ރޭ ކުޅުނު ރ. އަތޮޅު މެޗުގައި އަލިފުށި ބަލިކޮށް، އިނގުރައިދޫ އެ އަތޮޅު ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ މެޗުތައް ހުޅުމާލޭ ރެހެންދި ޓާފުގައި ކުރިއަށްދާ އިރު، ރޭ އިނގުރައިދޫން އަލިފުށި ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި އަލިފުށި ކޮޅަށް ގޯލުތައް ޖެހީ މުހައްމަދު މަމްދޫހާއި ކެޕްޓަން އަލީ ހާފިޒް (ހާއްޕެ)އެވެ. މަމްދޫހު ވަނީ މެޗުގައި ދެ ގޯލް ޖަހައިފައެވެ. އިނގުރައިދޫން މިހާތަނަށް މުބާރާތުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބު ކޮށްފައިވާ އިރު، ބާކީ ދެން އޮތީ ދުވާފަރާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.
ރ. އަތޮޅުން މުބާރާތުގައި ފަސް ޓީމު ވާދަކުރަމުން އަންނައިރު، ލީގު ބުރުގައި ރޭ ކުޅުނު އަނެއް މެޗުގައި ދުވާފަރުން ވަނީ 5-1 އިން އިންނަމާދޫ ބަލިކޮށްފައެވެ. އެ ނަތީޖާއާއެކު މިހާތަނަށް ކުޅުނު މެޗުތަކުން ރ. އަތޮޅު ލީގު ބުރުގެ އެއްވަނައިގައި އިނގުރައިދޫ އޮތީ ތިން މެޗުން ނުވަ ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ދުވާފަރު ހަ ޕޮއިންޓާ އެކު އޮތްއިރު، ތިން ވަނައިގައި އޮތީ ތިން ޕޮއިންޓާއެކު އަލިފުށްޓެވެ. އިންނަމާދޫއަށް އަދި ޕޮއިންޓެއް ނުލިބެއެވެ. ރ. އަތޮޅުގެ ބާކީ މެޗުތަކަށް ބަލާ އިރު، ދުވާފަރާއި އިނގުރައިދޫ ވާދަކުރާ މެޗުގެ އިތުރުން ދުވާފަރާއި އަލިފުށި ކުޅޭ މެޗުވެސް އެބައޮތެވެ.
ރޭ ދުވާފަރާއި އިންނަމާދޫ މެޗުގައި ދުވާފަރުގެ ގޯލުތައް ޖެހީ މުހައްމަދު އިސާމާއި އާދަމް އިލްޔަސައު އަދި މުހައްމަދު ނޫހު އިބްރާހިމެވެ. އިސާމް މެޗުގައި ހެޓްރިކް ހަދާފައިވާ އިރު، އިންނަމާދޫގެ ގޯލު ޖެހީ އިބްރާހިމް ޔާސީނެވެ.
ލ. އަތޮޅުގެވެސް ފަސް ޓީމަކުން މުބާރާތުގައި ވާދަކުރަމުން އަންނަ އިރު، ލ. އިސްދޫން ދެވަނަ މޮޅެއް ހޯދީ އެ އަތޮޅު ކަލައިދޫ ބަލިކޮށްފައެވެ. ރޭގެ މެޗުގައި އިސްދޫން 3-2 އިން ކަލައިދޫ ބަލިކުރި އިރު، އިސްދޫގެ ގޯލުތައް ޖެހީ ހުސައިން އަފްހާނާއި އަލީ ހުމޭޒެވެ. ހުމޭޒް މެޗުގައި ދެ ގޯލް ޖެހި އިރު، ކަލައިދޫގެ ގޯލުތައް ޖެހީ އަހުމަދު ފަރީޝްއާއި އަބްދުﷲ ނިޒާމެވެ.
ލ. އަތޮޅު މާމެންދޫން ކުޅުނު ދެވަނަ މެޗުގައި ރޭ މޮޅުވީ މައިބައިދޫ ކައިރިން 2-1 ގެ ނަތީޖާއަކުންނެވެ. މާމެންދޫގެ ދެ ގޯލުވެސް ހުސައިން އަޒުމަތު ޖަހައިދިން އިރު، މާބައިދޫގެ ގޯލަކީ މާމެންދޫގެ އަހުމަދު ރައްޔާން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ރޭ ހދ. އަތޮޅުގެ ދެ ގްރޫޕުގެވެސް ފަހު މެޗުތައް ކުޅެފައިވާ އިރު، ރޭގެ މެޗުތަކަށް ނުކުތް އިރުވެސް ގްރޫޕް އޭ އިން ނޭކުރެންދުއާއި ނައިވާދޫ އޮތީ ސެމީ ޔަގީން ކޮށްފައެވެ. އަދި ގްރޫޕް ދެއަކުންވެސް ނެއްލައިދޫ އަތޮޅު ސެމީ ޔަގީން ކޮށްފައިވާ އިރު، ރޭ އެ ގްރޫޕްގެ ދެވަނަ ޖާގަ ހޯދީ ކުމުންދޫންނެވެ.
ރޭ ކުޅުނު ހދ. އަތޮޅުގެ މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު، ގްރޫޕް އެކެއްގައި ހދ. ނޮޅިވަރަންފަރުން 5-0 އިން ހދ. ހިރިމަރަދޫ ބަލިކުރިއިރު، އެ ގްރޫޕްގެ އަނެއް މެޗުން ހދ. ނޭކުރެންދޫ އަތުން ނައިވާދޫ މޮޅުވީ 3-1 އިންނެވެ. ހދ. މަކުނުދޫ އަތުން 3-1 އިން ކުމުންދޫ މޮޅުވި އިރު، ހދ. ވައިކަރަދޫ އަތުން ހދ. ފިނޭ މޮޅުވީ 5-3 އިންނެވެ.
ނައިވައިދޫން ނޭކުރެންދޫ ބަލިކުރި މެޗުގައި ނާވައިދޫގެ ގޯލުތައް ޖަހައިދިނީ އަބްދުﷲ ޝާފިއު (ޝާއްޕެ)އާއި އިސްމާއިލް ވަހީދު އަދި މުހައްމަދު އަސްލަމެ އެވެ. ނޭކުރެންދޫގެ ހަމައެކަނި ގޯލު ޖެހީ ޝިފާޒް އާދިލް (ތުއްތު) އެވެ. ނޮޅިވަރަންފަރުން ހިރިމަރަދޫ ބަލިކުރި މެޗުގައި ނޮޅިވަރަންފަރުގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވަނީ ހެޓްރިކެއް ހަދައިފައެވެ. އަނެއް ދެ ގޯލް ޖެހީ މުހައްމަދު ސަމީހު ހަަސަން ފިޔާޒާއި އަބްދުﷲ ޝަފީއު ހާޝިމެވެ.
ކުމުންދޫން ކުޅުނު މެޗުގައި މަކުނުދޫ ކޮޅަށް ގޯލް ޖަހައިދިނީ އަބްދުﷲ ހަސަނާއި ފަހުމާން އަބްދުލް ހަމީދެވެ. އަބްދުﷲ ހަސަން މެޗުގައި ދެ ގޯލް ޖެހި އިރު، މަކުނުދޫގެ ހަމައެކަނި ގޯލް ޖެހީ ޒިދާން އަހުމަދެވެ. ފިނޭއާއި ވައިކަރަދޫ ކުޅުނު މެޗުގައި ފިނޭގެ ހުސައިން ޝިރާޖް ދެ ގޯލް ޖެހި އިރު، އަނެއް ގޯލުތައް ޖެހީ އަހުމަދު ޝާނީޒާއި އަހުމަދު މާޖިދު އަދި އަހުމަދު އަފްރާހެވެ. ވައިކަރަދޫގެ ތިން ގޯލުގެ ތެރެއިން ދެ ގޯލް އިބްރާހީމް އަގީލް ޖެހި އިރު، އަނެއް ގޯލް ޖެހީ އަހުމަދު އަނީސެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މި އަހަރުގެވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
މުބާރާތުގެ އަތޮޅު ބުރުގެ މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ.
20:00 ށ. ޅައިމަގު - ށ. ފޯކައިދޫ (ގްރައުންޑް 1)
20:00 ތ. ތިމަރަފުށި - ތ. ކިނބިދޫ (ގްރައުންޑް 2)
21:00 ގދ. ތިނަދޫ - ގދ. މަޑަވެލި (ގްރައުންޑް 1)
21:00 ގދ. ހޯޑެއްދޫ - ގދ. ވާދޫ (ގްރައުންޑް 2)
22:00 ށ. މިލަންދޫ - ށ. ކަނޑިތީމު (ގްރައުންޑް 1)
22:00 ށ. މަރޮށި - ށ. ބިލެއްފަހި (ގްރައުންޑް 2)
23:00 ގއ. ދެއްވަދޫ - ގއ. މިލަންދޫ (ގްރައުންޑް 1)
23:00 ގއ. ކަނޑުހުޅުދޫ - ގއ. މާމެންދޫ (ގްރައުންޑް 2)
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް