އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީން އާސެނަލް ކައިރިން މޮޅުވެއްޖެއެވެ.
ރޭ އާސެނަލް ދަނޑުގައި ސިޓީން މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަކީ ތާވަލުގެ އެއްވަނައާއި ދެވަނައިގެ ކުރިމަތިލުމެކެވެ. ސީޒަނުގެ އެންމެ ވާދަވެރި ކުރިމަތިލުމުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރި ރޭގެ މެޗު ސިޓީން ކާމިޔާބުކުރުމާއެކު ސިޓީ ވަނީ ފައިދާ ގޯލުގެ ތަފާތުން އާސެނަލްގެ މައްޗަށްވެސް ޖެހިލައިފައެވެ.
ރޭގެ މެޗުން މޮޅުވެ ސިޓީން ވަނީ 23 މެޗުން 51 ޕޮއިންޓް ހަމަކޮށްފައެވެ. އާސެނަލަށް 22 މެޗުން 51 ޕޮއިންޓް ލިބިފައިވާއިރު، ފައިދާ އޮތީ 26 ގޯލެވެ. ސިޓީގެ ފައިދާ 36 ގޯލު އެބައޮތެވެ. ތިން ވަނައިގައި މެންޗެސްޓާ ޔުނައިޓެޑް އޮތީ 23 މެޗުން 46 ޕޮއިންޓާ އެކުގައެވެ.
އާސެނަލުން ރޭގެ މެޗަށް ނެރުނު ފުރަތަމަ 11 ގައި އަނިޔާގައި ހުރި ތޯމަސް ޕާޓޭ ހިމަނައިފައި ނުވާ އިރު، އޭނާގެ ބަދަލުގައި މެޗަށް ނުކުތީ ޖެނުއަރީގައި ކްލަބާ ގުޅުނު ޖޯޖީނިއޯއެވެ. ސިޓީން ރޭގެ މެޗުގެ ކުރިން ލީގުގައި ކުޅުނު މެޗުގައި އާލިން ހާލަންޑްގެ ފަލަމަސްގަނޑަށް އަނިޔާވި ނަމަވެސް ރޭގެ މެޗަށް ފިޓްވެ، ފުރަތަމަ 11 އަށް ނުކުމެފައިވެއެވެ.
އާސެނަލުން ރަނގަޅަށް ފަށާ ސިޓީގެ ފަހަތަށް ބާރުބޮޑު ކުރަމުން ދަނިކޮށް، މެޗުގެ 24 ވަނަ މިނިޓްގައި ސިޓީ އަށް ލީޑުނަގައިދިނީ ކެވިން ޑި ބްރޭނާއެވެ. އާސެނަލްގެ ފަހަތުން ޓަކެހީރޯ ޓޮމިޔާސޫ އަތުން ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައި، ޑި ބްރޭނާ ގޯލު ޖެހި އިރު، އާސެނަލުން ފުރަތަމަ ހާފު ނިމުމުގެ ކުރިން އެއްވަރުކުރިއެވެ.
އާސެނަލަށް އެއްވަރުކުރި ގޯލް ޖަހައިިދިނީ ޕެނަލްޓީއަކުން ބުކާޔޯ ސަކާއެވެ. ޕެނަލްޓީއަކީ ސިޓީގެ ގޯލްކީޕަރު އެޑަސަން މޮރާއެސް އޭރިއާތެރެއިން އާސެނަލްގެ ފޯވާޑް އެޑީ އެންކެޓިއޭއަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ފުރަތަމަ ހާފްގެ ފަހުކޮޅުގައި އަނެއްކާވެސް ސިޓީން ނުރައްކާ ކުރި އިރު، އިލްކޭ ގުންޑޮގަން ޖެހި ބޯޅަ މަތަކޮށް ބޭރުކޮށްލީ އާސެނަލްގެ ގޯލްކީޕަރު އާރޮން ރެމްޑޭލްއެވެ.
ސިޓީން މެޗުގައި ދެވަނަ ފަހަރަށް ލީޑުނެގީ 72 ވަނަ މިނިޓްގައި ޖެކް ގްރީލިޝް ޖެހި ގޯލުންނެވެ. އާސެނަލްގެ ފަހަތުން ގެބްރިއަލް ހެދި ގޯހުގެ ފައިދާ ނަގައި، ޑި ބްރޭނާ ޖައްސާލި ބޯޅަ ގްރީލިޝް ގޯލަށް ވައްދާލީ ފަސޭހަކަމާއެކުގައެވެ.
މެޗު ނިމެން އަށް މިނިޓަށް ވެފައި ވަނިކޮށް، ސިޓީން ތިން ޕޮއިންޓް ކަށަވަރުކުރި ގޯލު ޖެހީ ހާލަންޑެވެ. ހާލަންޑް ރޭގެ މެޗުގައި ޖެހި ގޯލަކީ މިހާތަނަށް ސިޓީއަށް ކުޅުނު 30 މެޗުގައި އޭނާ ޖެހި 32 ވަނަ ގޯލެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު