Close
ޚަބަރު

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު 14 ދުވަހަށް ސަސްޕެންޑްކޮށްފި

އިބްރާހިމް ޒަކީ

ފެމިލީ ކޯޓުގެ އިސް ގާޒީކަމުގެ މަގާމުގައި ހުންނެވިއިރު، ކުރެއްވި ކަމަކާ ގުޅިގެން، ކުރިމިނަލް ކޯޓުގެ ގާޒީގެ ގޮތުގައި މިހާރު ހުންނެވި، އެ ކޯޓުގެ ގާޒީ ހަސަން ސައީދު ސަސްޕެންޑް ކޮށްްފިއެވެ.

ޖުޑީޝަލްސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ، ގާޒީ ހަސަން ސައީދު ސަސްޕެންޑްކުރަން ނިންމީ، ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ އުސޫލުގެ މަތީން، އިންތިޒާމްތައް ހަމަޖައްސައިގެން ކުރިއަށް ގެންދިއުމަށް ފެމިލީ ކޯޓުގެ އިސް ގާސީގެ ހަސިއިއްޔަތުން، ގާޒީ ހަސަން ސައީދު އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ އަށް ލަފާދީފައިވީ ނަމަވެސް ފެމިލީ ކޯޓަށް ހުށަހެޅޭ ކައިވެނިތައް ކޮށްދިނުމާ މެދު ގޮތް ނިންމުމުގެ ގާނޫނީ ހައިސިއްޔަތު އޮންނަ ފަރާތަކީ އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ ކަމަށް ވާހިނދު ގާޒީ ހަސަން ސައީދު ދީފައިވާ ލަފާގެ ސަބަބުން ގާނޫނާއި ގަވާއިދާ އަދި ފެމިލީ ކޯޓުގައި އަމަލުކުރާ އުސޫލުތަކާ ހިލާފަށް ކައިވެންޏެއް ކޮށްދިނުމަށް މަގުފަހިވެފައިވާ ކަން ސާބިތުވެގެން ކަމަށެވެ.

ގާޒީ ހަސަން ސައީދުގެ މި އަމަލަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކޮށްފައިވާ ކަމަށްވާތީ، ޖޭއެސްސީގެ ގާނޫނުގެ ދަށުން، މުސާރަ އާއި އިނާޔަތްތައް ލިބޭގޮތަށް ގާޒީ ހަސަން ސައިދު މިއަދުން ފެށިގެން 14 ދުވަހަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކުރުމަށް އިއްޔެ ބޭއްވި އެ ކޮމިޝަންގެ 13 ޖަލްސާގައި ވަނީ ނިންމާފައި ކަމަށްވެސް ބުނެފައިވެއެވެ.