އެމްޑީޕީގެ މެންބަރުންގެ އަގުބަލިއްޔަތުން ނިންމާ ނިންމުންތަކާ ފާޅުގައި ދެކޮޅު ހަދާ ބަޔަކު ޕާޓީގެ ލީޑަޝިޕުގެ މަގާމުގައި ތިބުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެއެވެ.
ޝަރީފު މިހެން ވިދާޅުވީ ގޮތުގައި, އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވި އެ ޕާޓީގެ އެންމެ އިސް ލީޑަރު, ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓު ހަވާލުކުރުން ހުއްޓުވުމަށާއި ރިޔާސީ ޕްރައިމަރީގެ އިންތިހާބު އަލުން ބޭއްވުމުގެ އަމުރެއް ނެރެދިނުމަށް އެދި ޕްރައިމަރީން ބަލިވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުމުންނެވެ.
ޝަރީފު ވިދާޅުވީ, ޑިމޮކްރެޓިކް ހަމަތައް ގަބޫލުކުރާ ކޮންމެ މީހަކު އިންތިހާބެއްގައި ބަލިވުމުން ބަލި ގަބޫލުކުރާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ހެޔޮ އެދޭ ބަޔަކު ކޮވިޑުގެ ހާލަތުން އަރައިގަނެ, ގައުމު ކުރިއަށްދާން މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައި, ގައުމު ހަލަބޮލިކޮށް ސަރުކާރު އިނދަޖައްސަން މަސައްކަތް ނުކުރާނެ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ, އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނިންމުން ގަބޫލު ނުކޮށް ޕާޓީ "ފުނޑާލަން" މަސައްކަތް ކުރުމަކީ ރައްޔިތުންގެ މަސައްލަހަތާމެދު ފިކުރުކުރާ އެއްވެސް މީހަކު ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ތިމާ އެދޭ ގޮތް ނޫން އެހެން އެއްވެސް ގޮތެއް ގަބޫލު ނުކުރުމަކީ ހުދުމުހުތާރު ކަމުގެ ސިފައެއް ކަމަށް ވިދާޅުވިއެވެ.
"އެމްޑީޕީގެ ލީޑާޝިޕުގައި ތިއްބެވި ބައެއް ބޭފުޅުން, ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭ ގޮތުން ޕާޓީގެ އާންމު މެންބަރުންގެ ވޯޓުން ނިންމި ގޮތް ގަބޫލު ނުކުރައްވައި, ޕާޓީއަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ގެއްލުވާލަން މަސައްކަތް ކުރައްވާ ކުރެއްވުމަކީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު ކަމެއް," ޝަރީފުގެ ޓުވީޓުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު