ސިޔާސީ ޕާޓީތަކުގެ ބައެއް މާއްދާތައް އުވާލުމަށް، ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ސީއީއޯ، އިމާދު ސޯލިހު، 2013 ވަނަ އަހަރު އޭނާ ނިސްބަތްވެވަޑައިގަންނަވާ ގައުމީ ޕާޓީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކީ، ފުރަތަމަ މަރުހަލާގައި އެ ކޯޓުން ބަލައި ގޮތެއް ކަނޑައަޅަން ޖެހޭ ބާވަތުގެ ދުސްތޫރީ މައްސަލައެއް ނޫންކަމަށް، 10 އަހަރު ފަހުން އެކޯޓުން ހުކުމްކޮށްފިއެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އިމާދު ސުޕްީމް ކޯޓަށް ހުށަހަޅުއްވާފައި ވަނީ، ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވޭ ގޮތަށް، މީގެކުރިން 2013 ވަނަ އަހަރު ޕާޓީތަކުގެ ގާނޫނުގައި އޮތް މާއްދާ ބާތިލްކުރުމަށެވެ. އޭނާ ބުނެފައިވަނީ، އެ މާއްދާއަކީ ގާނޫނު އަސާސީގެ 31 ވަނަ މާއްދަގެ ދަށުން، ސިޔާސީ ޕާޓީ އުފެއްދުމާއި ސިޔާސީ ޕާޓީތަކުގައި ބައިވެރިވުމުގެ ހައްގު ހަނިވާ މާއްދާއެއް ކަމަށެވެ.

އެ މާއްދާގެ ސަބަބުން 10،000 މެންބަރުންގެ އަދަދު ހަމަނުވެއްޖެ ނަމަ، ސިޔާސީ ޕާޓީއެއް އުފައްދައިގެން ވަކި ސިޔާސީ ފިކުރެއް ހިންގައި ޕްރޮމޯޓްކުރަން ބޭނުންވާ ކޮންމެ ފަރުދަކަށް ލިބެން ޖެހޭ ކަމަށް ގާނޫނު އަސާސީން ދީފައިވާ ހައްގުން، މަހުރޫމުވާކަމަށްވެސް ބުނެފައިވެއެވެ.

އޭގެ އިތުރަށް ސިޔާސީ ޕާޓީއެއްގެ ކާމިޔާބީ ވަޒަންކުރާނީ އިންތިހާބުތަކުގެ ނަތީޖާއިން ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮތް ނަމަވެސް އެ ކަމަށް ރިއާޔަތްނުކޮށް 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަނި ދައުލަތުގެ ބަޖެޓުން ފައިސާ ފޯރުކޮށްދޭ ގޮތަށް އޮތް މާއްދާ ގާނޫނާ ހިލާފު ކަމަށާއި، 10،000 މެންބަރުން ހަމަވާ ކޮންމެ ޕާޓީއަކަށް މާލެ ސަރަހައްދުގެ ބިމެއް ކަނޑައަޅާ ގޮތަށް މާލެ ސިޓީ ކައުންސިލުގެ މައްޗަށް އޮތް ބައިވެސް ބާތިލް ކުރަން ވަނީ ހުށަހަޅައިފައެވެ. އޭނާ ވިދާޅުވީ، އެއީ ސިޔާސީ ޕާޓީތަކުގެ މެދުގައި ތަފާތު ކުރުން އުފެދޭ ގޮތަށް އޮތް މާއްދާއެއް ކަމަށެވެ.

މި މައްސަލައިގެ ހުކުމް އިއްވުމަށް މިއަދު ބޭއްވި އަޑުއެހުމުގައި، އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް ވިދާޅުވީ، ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ސުޕްރީމް ކޯޓުން ފުރަތަމަ މަރުހަލާގައި ބަލަން ޖެހޭނީ ގައުމުގެ އާންމު މަސްލަހަތު ހިމެނޭ ނުވަތަ ދައުލަތުގެ ދެ ބާރެއްގެ ދެމެދުގައި އުފެދިފައިވާ މައްސަލަތައް ކަމަށެވެ. އެ ނޫން ދުސްތޫރީ މައްސަލަތައް ހުށަހަޅަން ޖެހޭނީ ހައި ކޯޓަށް ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން އޭރު ބަލައިގަތީ ކޮން ގޮތަކަށް ރިއާޔަތް ކޮށްގެން ކަން އެ ކޯޓުން މައްސަލަ ބަލައިގަތް ލިޔުމުން އެނގެން ނެތް ކަމަށާއި، އެއީ ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓުން ބެލޭނެ ދުސްތޫރީ މައްސަލައެއް ކަމަށް ނުބެލެވޭ ކަަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެހެންވެ، އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައިވަނީ މި މައްސައަކީ ފުރަތަމަ މަރުހަލާގައި އެކޯޓުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ ބާވަތުގެ ދުސްތޫރީ މައްސަައެއްނޫން ކަމަށެވެ.

އުއްތަމަ ފަނޑިޔާރާއާއެކު އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫނާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދެވެ.