މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ އަތޮޅު ބުރުގައި ރޭ ބ. އަތޮޅުގެ ކުޅުން ފެށި އިރު، އއ. އަތޮޅުގެ މަތިވެރިން ދެވަނަ މޮޅެއް ހޯދައިފިއެވެ.

މުބާރާތުގެ މެޗުތައް ހުޅުމާލޭ ރެހެންދި ޓާފުގައި ކުރިއަށްދާ އިރު، ރޭވެސް ވަނީ ޖުމުލަ އަށް މެޗެއް ކުޅެފައެވެ. އޭގެ ތެރެއިން ހަތަރު މެޗަކީ ގއ. ގެ މެޗުތަކެވެ. އަދި އޭގެ އިތުރުން ދެން ކުޅުނީ އއ. އަތޮޅުގެ ދެމެޗާއި ބ. އަތޮޅުގެ ފުރަތަމަ ދެމެޗެވެ.

ބ. އަތޮޅުން މުބާރާތުގައި ހަތަރު ޓީމަކުން ވާދަކުރަމުންދާތީ، އެ އަތޮޅުގެ އަތޮޅު ބުރު ކުޅެމުން އަންނަނީ ލީގު އުސޫލުންނެވެ. ލީގު ބުރު ކުޅެ މިފަހަރު ޗެމްޕިއަންކަން ކަނޑައަޅާނީ ފައިނަލް މެޗަކަށްފަހުއެވެ. ލީގު ބުރުގެ ކުޅުން ރޭ ފެށި އިރު، އެންމެފަހުގެ ޗެމްޕިއަން އޭދަފުއްޓާއި ފެހެންދޫ ކުޅުނު މެޗު އެއްވަރުވީ ގޯލެއް ނުޖެހި، 0-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކީ ފެހެންދޫގެ އަހުމަދު ބައްސާމެވެ.

އެ އަތޮޅު ރޭ ކުޅުނު އަނެއް މެޗުގައި ތުޅާދޫން ވަނީ 9-4 އިން ކެންދޫ ބަލިކޮށްފައެވެ. ތުޅާދޫގެ އިބްރާހީމް ރަފާހްގެ ހަތަރު ގޯލު ފެނުނު އިރު، އިފްހާމް ރަޝާދާއި އަރުޝަމް އިސާމްއީލް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖަހައިފައެވެ. އޭގެ އިތުރުން އަންސަރު އިބްރާހީމް (އަންކޮ) ވެސް ވަނީ ރޭގެ މެޗުގައި ތުޅާދުއަށް ގޯލް ޖަހައިދީފައެވެ.

ކެންދޫގެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލް އަލީ ޝައިން ޖެހި އިރު، އަނެއް ގޯލުތައް ޖެހީ ހުސައިން ޝާފީއާއި މުހައްމަދު އައްލަމެވެ.

އއ. އަތޮޅުގެ އަތޮޅު ބުރުގެ މެޗުތައް ދާދި ހަމަހަމަކޮށް ފެންނައިރު، ރޭވެސް ތޮއްޑޫއާއި ބޮޑުފޮޅުދޫގެ މެޗު ނިމުނީ ގޯލެއް ނުޖެހި 0-0 އިން އެއްވަރު ވެގެންނެވެ. ބޮޑުފޮޅުދޫން މަތިވެރިއާ ދެކޮޅަށް ކުޅުނު މެޗުވެސް އެއްވަރުވެފައި އޮތް އިރު، ރޭ މަތިވެރިން ވަނީ ތިން މެޗުން ދެވަނަ މޮޅު ހޯދައި ފައިނަލަށް އުންމީދު ބޮޑު ކޮށްފައެވެ. މަތިވެރިން 1-0 އިން ފެރިދޫ ބަލިކުރި އިރު، މެޗުގެ ހަމައެކަނި ގޯލް އެޓީމަށް ޖަހައިދިނީ އަލީ އަލްސަން އެވެ.

އއ. އަތޮޅުގެ ތާވަލަށް ބަލައިލާ އިރު، މަތިވެރި އެއްވަނައިގައި އޮތީ ތިން މެޗުން ހަތް ޕޮއިންޓާއެކުގައެވެ. އެ އަތޮޅުގެ އަނެއް ޓީމުތައް އަދި ކޮންމެ ޓީމަކުން ދެމެޗު ކުޅެފައިވާ އިރު، ބޮޑުފޮޅުދޫ އާއި ރަސްދޫއަށް ވަނީ ދެ ޕޮއިންޓް ލިބިފައެވެ. ފެރިދޫ އާއި ތޮއްޑޫ އޮތީ ދެމެޗުން ޕޮއިންޓަކާއެކުގައެވެ. އަތޮޅު ފައިނަލް ފުރުސަތު ހުރިހާ ޓީމަކަށްވެސް އަދި އެބައޮތެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މި އަހަރުގެވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.

މުބާރާތުގެ އަތޮޅު ބުރުގެ މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ.

20:00 ރ. އިންނަމާދޫ - ރ.ދުވާފަރު (ގްރައުންޑް 1)

20:00 ލ. މާބައިދޫ - ލ. މާމެންދޫ (ގްރައުންޑް 2)

21:00 ރ. އިނގުރައިދޫ - ރ. އަލިފުށި (ގްރައުންޑް 1)

21:00 ލ. ކަލައިދޫ - ލ. އިސްދޫ (ގްރައުންޑް 2)

22:00 ހދ. ނޮޅިވަރަންފަރު - ހދ. ހިރިމަރަދޫ (ގްރައުންޑް 1)

22:00 ހދ. ނައިވައިދޫ - ހދ. ނޭކުރެންދޫ (ގްރައުންޑް 2)

23:00 ހދ. ކުމުންދޫ - ހދ. މަކުނުދޫ (ގްރައުންޑް 1)

23:00 ހދ. ވައިކަރަދޫ - ހދ. ފިނޭ (ގްރައުންޑް 2)