ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ޕާޓީން ނިންމުމެއް ނިންމާފައި ނުވަނީސް އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކަށް ތާއީދު ކުރައްވާނަމަ، ރީތި ގޮތަކީ ނައިބު ރައީސް ފައިސަލް ނަސީމާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ޕާޓީން ވަކިވެވަޑައިގެންނެވުން ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ ކުރީގެ މެންބަރު އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އިލްހާމް އަހްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ އަދި އެ ޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ނައިބު ރައީސް ފައިސަލް ނަސީމާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ގެންދަވަނީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވައި އެކި ޕްލެޓްފޯމްތަކުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން، ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށް އާޒިމް އާއި ނައިބު ރައީސްވެސް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ޖޭޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިލްހާމް ވިދާޅުވީ، ޖޭޕީގެ ސްލޮޓެއްގައި ހުންނެވި ބޭފުޅަކު، އެހެން ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަކަށް ތާއީދު ކުރެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާނަމަ ޕާޓީ ދޫކޮށްލައްވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"އެއީ ސީރިއަސް ކަމެއް ކަމުގައި ވެއްޖެއްޔާ، އަޅުގަނޑު ގަބޫލުކުރަނީ، އިސްތިއުފާ ދެއްވަން ޖެހޭނެ. އިސްތިއުފާ ދެއްވާފައި އެކަން ކުރިއްޔާތާ ދޯ އާންމު އުސޫލަކީ، ރީތި ގޮތަކީ ވެސް،" އިލްހާމް ވިދާޅުވިއެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި ޖޭޕީން އަމަލުކުރާނެ ގޮތެއް އަދި ނުނިންމައެވެ. އެ ޕާޓީން ބުނެފައިވަނީ އިންތިހާބުގައި ވާދަކުރާ ނަމަ، އެކަން ނިންމާނީ މި މަހު 24 ގައި ބާއްވާ އެ ޕާޓީގެ ގައުމީ މަޖިލީހުން އިންތިހާބު ކުރާ އެ ޕާޓީގެ އާ ކައުންސިލުން ކަމަށެވެ. އެކައުންސިލްގައި 160 ވުރެ ގިނަ ކައުންސިލަރުން ހިމެނޭނެއެވެ.