އައްޑޫ ސިޓީގެ މަގު ހެދުމުގެ މަސައްކަތްކުރަމުން އަންނަ އިންޑިއާގެ އެފްކޮންސް އިން އެކުންފުނީގެ މުވައްޒަފުންނާ މެދު ލާއިންސާނީ އަމަލުތައް ހިންގަމުންދާ ކަމަށްބުނެ، އެ މުވައްޒަފުން ފުލުހަށް މައްސަލަ ހުށަހަޅައިފިއެވެ.

އެފްކޮންސްގެ މުވައްޒަފުން އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިއަދުއެވެ. އެ މުވައްޒަފުން ޕޮލިސް ސްޓޭޝަންގައި ތިބޭ ވީޑިއޯއެއް ވެސް ޓުވިޓާގައި ވަނީ އާންމުވެފައެވެ.

އެ ވީޑިއޯގައި މުވައްޒަފުން ބުނީ، އެމީހުންނާ ދޭތެރޭ ލާއިންސާނީ އަމަލުތައް ހިންގަމުންދާ ކަމަށާއި އެގޮތުން ބަލިވުމުން ބޭސް ފަރުވާއަށްވެސް ގައުމަށް ނުފޮނުވާ ކަމަށެވެ. އަދި އެކަމާ ދެކޮޅަށް އިހުތިޖާޖުކުރުމުންވެސް އަނިޔާކުރަމުންދާ ކަމަށް ބުންޏެވެ.

"ބުނަނީ މަސައްކަތް ކުރަންޏާއޭ ކާން ވެސް ލިބޭނީ، އެހެންނޫނިއްޔާ ކާންވެސް ނުލިބޭނެއޭ. ލޯ ހަލާކުވެ ހުއްޓަ ކިހިނެއް މަސައްކަތްކުރާނީ. ލޮލުން ލޭ އަންނަތާ ދެ ދުވަސްވެއްޖެ،" ވާހަކަދެއްކި މުވައްޒަފަކު ބުންޏެވެ.

މަސައްކަތުގައި އުޅޭ އެއް ބިދޭސީއެއްގެ ބޭބެ ބަލިކޮށް އުޅޭތީ ގައުމަށް ފޮނުވައިދިނުމަށް އެދުމުން ވިސާ ނަގަން ޖެހޭނެ ކަމަށްބުނެ ގައުމަށް ފޮނުވާފައިނުވާ ކަމަށްވެސް އެއް މުވައްޒަފަކު ބުންޏެވެ.

މުވައްޒަފުން ބުނީ އެފްކޮންސް ކުންފުނިން އެ މީހުންނާ ދޭތެރޭ ކަންތައްކުރާ ގޮތް ހައްލު ކޮށްދެވޭނީ ފުލުހުންނަށް ކަމަށްވުމުން ޝަކުވާ ހުށަހަޅަން އައީ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން މިއަދު "ވަން" އަށް ބުނީ ހުޅުމީދޫ ރޯޑް ޕްރޮޖެކްޓުގެ މަސައްކަތުގައި އުޅޭ ބިދޭސީ މުވައްޒަފުންގެ ބައެއް ކަންކަން ހަމަޖައްސައިދިނުމަށް އެދި ފުލުހުންނަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ޝަކުވާތަކާ ގުޅިގެން ބިދޭސީ މުވައްޒަފުންގެ ސުވަޕައިޒަރާ ވާހަކަދައްކައި އެކަން ހައްލުކޮށްދިނުމަށް އެދިފައިވާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.