ފުއްގިރި ހިޔާނަތުގެ މައްސަލައިގައި އޭސީޕީ ރިޔާޒް އާއި ކްރިކް ރިޒާގެ އޯޑިއޯ ހާމަ ނުކުރުމަށް ދިފާއުން އެދިއްޖެއެވެ.

ފުއްގިރި މައްސަލައިގައި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ވަނީ ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އާއި މަނީލޯންޑަރިންގެ ދައުވާކޮށްފައެވެ. ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ކޮށްފައިވަނީ މަނީ ލޯންޑަރިންގެ ދައުވާއެވެ. އެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވަނީ މަނީ ލޯންޑަރިންނާއި ރިޝްވަތުގެ ދައުވާއެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ސަން ކޮންސްޓްރަކްޝަންގެ ފަރާތުން ވަނީ ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށް އެދި ކޯޓަށް ހުށައަޅާފައިވާނެ ކަމަށް ބަޔާންކޮށްފައެވެ. ނަމަވެސް އެފަދަ ލިއުމެއް ކޯޓަށް ލިބިފައިނުވާ ކަމަށް ގާޒީ އަލީ ނަދީމް ވަނީ މިއަދުގެ އަޑުއެހުމުގައި ވިދާޅުވެފައެވެ.

ގާޒީ ވިދާޅުވީ، ހެކި ލިސްޓު ލިބިފައިވާ ކަމަށާއި ނަމަވެސް ފޯމު ލިބިފައިނުވާ ކަމަށެވެ. އެހެންވެ، މިއަދުގެ އަޑުއެހުމުގައިވެސް ސަން އިންވެސްޓްމަންޓުގެ ވަކީލު ވަނީ ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެދެއްވުމަށް އެދި ހުށައެޅުން ހުށައަޅުއްވައިފައެވެ. އޭގެ ތެރޭގައި ކުންފުނީގެ އިންޓާނަލް މެމޯގެ ދަށުން ތަހުގީގު ޓީމުން ތަހުގީގު ކުރުމަށްފަހު ކުންފުނީގެ ބައެއް މުވައްޒަފުންނާ ސުވާލު ކުރުމުން ދީފައިވާ ބަޔާންތަކާއި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސިޔާމް މުހައްމަދުގެ ބަޔާނާއި ކުންފުނީގެ ގަރާރުތަކެއްވެސް ހިމެނެއެވެ.

ދިފާއުން ބުނެފައިވާ ގޮތުގައި އެ ހެކިތައް ރައްކާތެރިކޮށްދޭން އެދުނީ ކުންފުނީގެ ޒާތީ މައުލޫމާތުތަކެއް ކަމަށްވުމުން ކަމަަށެވެ. އަދި އެ ހެކިތައް ހާމަވެއްޖެނަމަ، ކުންފުންޏަށް އިގުތިސޯދީ އަދި މާލީ ގެއްލުންވާނެ ކަން ދިފާއުން ފާހަގަކުރިއެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެދޭންޖެހޭ ސަބަބެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.

ސަން ކޮންސްޓްރަކްޝަން އިން ވަނީ ތަހުގީގުގެ ބޭރުން އޭސީޕީ މުހައްމަދު ރިޔާޒް، ކްރިކް ރިޒާއާ ބައްދަލު ކުރައްވައި ދައްކާފައިވާ ވާހަކައާ ގުޅޭ އޯޑިއޯއެއް ސިއްރުކުރަން އެދިފައެވެ. ސަބަބެއް ކަމަށް އެ ކުންފުނީގެ ވަކީލު ވިދާޅުވީ، ދައުވާލިބޭ ފަރާތަށް މަޖުބޫރު ކުރުވުމެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ ކަމަށެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ، އެފަދަ އޯޑިއޯއެއް ދައުލަތަށް ލިބިގެން ކްރިކް ރިޒާއަށް ކުރިމަތިވެދާނެ މަޖުބޫރީ ހާލަތެއް އޮންނާނެ ކަމަށް ދައުލަތުން ނުދެކޭ ކަމަށެވެ.

މި މައްސަލައިގައި ދައުލަތުންވެސް ހެކި ރައްކާތެރި ކުރުމުގެ ފޯމެއް ހުށައަޅާފައިވެއެވެ. ދައުލަތުން ހެކި ރައްކާތެރި ކުރަން އެދޭ ސަބަބުތަކުގައި މީހުންގެ ޒާތީ މައުލޫމާތު ރައްކާތެރި ކުރުން ހިމެނެއެވެ. އެއީ މޯބައިލް ފޮރެންސިކް ރިޕޯޓާއި ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓުގައި މައްސަލައާ އެއްވެސް ގުޅުމެއް ނެތް މީހުންގެ ވާހަކަތަކާއި މައުލޫމާތު ހިމެނޭތީ، އެ މައުލޫމާތުތައް ލީކުވެދާނެތީއެވެ.

މިއަދުގެ އަޑުއެހުން ނިންމާލައިފައިވަނީ ޝަރީއަތުގެ ކުރީގެ ހުށައެޅުން ހުށަހަޅަން ސަން ކޮންސްޓްރަކްޝަނަށް ފުރުސަދު ދޭން ނިންމައިފައެވެ.

މި މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ހެނދުނު 9:00 ގައެވެ