ރިޔާސީ އިންތިހާބާ ބެހޭ މަސައްކަތް ފެށެން އަންނަނީ އިންތިހާބާ ބެހޭ މައި މަރުކަޒެއް ލިބުމުން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނާއިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅިގެން ހުރި ކަންބޮޑުވުންތަކާއި، އެކަމަށްޓަކައި އީސީން މިހާރު ކުރަމުންގެންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހިއްސާކުރައްމުން ހަބީބު ވިދާޅުވީ، އިންތިހާބާ ބެހޭ މައި މަރުކަޒެއްގެ ކަންތައް އަދި ހަމަޖެހިފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ މީގެ ކުރިން އިންތިހާބީ މައި މަރުކަޒެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ބާ ޖަމާލުއްދީނު އިމާރާތް މިދިޔަ އަހަރުގެ މެދު ތެރޭގައި ސަރުކާރުގެ ބޭނުމަކަށް ނެގުމަށްފަހު އެތަނުގައި ހުރި އީސީގެ އެއްޗެހިތައް އަރަބިއްޔާ ސްކޫލުގެ ބާ އިމާރާތުގެ ދިހަ ކުލާސްރޫމަށް ލާފައިވާ ކަމަށެވެ. އޭގެ ފަހުން ދެ ފަހަރު އެތަން ފަޅާލައި އެތަނުން ވައްކަންކޮށްފައިވާ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ. ވައްކަން ކުރުމުގައި އިންތިހާބާ ބެހޭ އެއްޗެއް ނަގާފައި ނުވި ނަމަވެސް އެ އޮފީހަށް ބޭނުންވާ މުހިއްމު ބައެއް ލިޔެކިޔުންތައް ގެއްލިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ހަބީބު އިތުރަށް ވިދާޅުވީ، އިންތިހާބީ މައި މަރުކަޒެއްގެ ގޮތުގައި މިމަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ އަޑުގެ ބާ އިމާރާތް ދޭނެކަމަށް ސަރުކާރުން އަންގާފައިވާ ކަމަށެވެ.
"ނަމަވެސް މިމަހުގެ ނިޔަލަށް އެ އިމާރާތް ނުލިބޭ ކަމަށްވަންޏާ، ދެވަނަ ވިސްނުމަކަށް ދަރުބާރުގެ އޭޕްރީލް 25 އިން ފެށިގެން ބޭނުންވާނެ، އެއީ މެއި މަހުގެ ދެވަނަ ދުވަހުން ފެށިގެން އަމަލީގޮތުން މަސައްކަތް ފެށިގެންދާ އިރު، އޭގެކުރިން ކުރަންޖެހޭ މަސައްކަތްތަކެއް ހުރީމަ، އެއީ މަރާމާތު ކުރުމާއި، ކަންތައް ހުންނާނެތީ ކުއްލިއަކަށް ގޮސް ވަދެވޭވަރަށްވުރެ ބާ ތަނެއް އެތަަނަކީ،" ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ، އިންތިހާބާ ބެހޭގޮތުން ހުރި ބައެއް ކަންތަކާ ގުޅިގެން ރައީސް ސޯލިހާވެސް މިއަދު ބައްދަލުކުރެއްވި ކަމަށެވެ.
ރިޔާސީ އިންތިހާބާ ބެހޭ މައި މަރުކަޒެއްގެ ވާހަކަ އެމަނިކުފާނަށް އެރުވި ކަމަށާއި، އެކަން ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު މިއަދު ދެއްވާފައިވާ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު