ޚަބަރު

ރާއްޖޭގައި ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދީންނަށް ކޮވިޑް ވެކްސިން ދޭން ހުޅުވާލައިފި

ރާއްޖޭގައި އުމުރުން ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ކޮވިޑް 19އިން ދިފާއު ވުމަށް ޖަހާ ވެކްސިން ދޭން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހުޅުވާލައިފިއެވެ.

އެޗްޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ،ން ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ދެވޭ ފައިޒާ ވެކްސިން ރާއްޖެއަށް މިހާރު ލިބިފައިވާ ކަމަށާއި އެ އުމުރުފުރާތަކަށް ވެކްސިން ދޭން މޯލްޑިވްސް ޓެކްނިކަލް އެޑްވަައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަން އިން ލަފާ ދީފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ، މިއަދުން ފެށިގެން މާލޭގައި ވެކްސިން ސެންޓަރުތަކުގެ އިތުރުން، އަތޮޅު ތެރޭގެ ހޮސްޕިޓަލް އަދި ހެލްތު ސެންޓަރުތަކުން ފައިޒާ ވެކްސިން ލިބެން ހުންނާނެ ކަމަށެވެ.

އެޗްޕީއޭ އިން ބުނި ގޮތުގުގައި އުމުރުން 12 އަހަރުން މަތީގެ ކުދިންނަށްވެސް ފައިޒާ ވެކްސިން ލިބެން ހުންނާނެ އެވެ. އެހެންކަމުން ވެކްސިންގެ ޑޯޒްތައް އަދި ބޫސްޓާ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކުން ވެކްސިން ޖެހުމަށް ވަނީ އެދިފައެވެ.

މާލެ ސަރަހައްދުގައި ފައިޒާ ވެކްސިން ޖަހާނީ އައިޖީއެމްއެޗާއި، ހުޅުމާލެ ހޮސްޕިޓަލްގެ އިތުރުން، ދަމަނަވެށީގަ އެވެ. އެގޮތުން އައިޖީއެމްއެޗުގައި ކޮންމެ އާދިއްތަ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް، ހުޅުމާލެ ހޮސްޕިޓަލުން ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގެ 13:00 އިން 14:00 އަށް އަދި ދަމަނަވެށިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 13:30 އިން 15:00 އަަށް ވެކްސިން ޖަހުމުގެ ހިދުމަތް ދޭނެއެވެ.

ރާއްޖޭގައި މިހާތަނަށް 399،178 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި ވެއެވެ. އޭގެ ތެރެއިން 385،099 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައެވެ. ބޫސްޓާ ޑޯޒްގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ އަދަދަކީ 167،635 އެވެ. އަދި ބޫސްޓާ ޑޯޒްގެ ދެވަނަ ޑޯޒް ޖަހާފައި ވަނީ އެންމެ 1،523 މީހުންނެވެ.