މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ އަތޮޅު ބުރުގައި ރޭ ކުޅުނު ތ. އަތޮޅުގެ މެޗުތައް އޮމަދުއާއި ވޭމަންޑޫ ކާމިޔާބުކުރި އިރު، އދ. އަތޮޅުގެ މެޗުތައް މާމިގިއްޔާއި ފެންފުށިން ކާމިޔާބު ކޮށްފިއެވެ.
މުބާރާތުގެ މެޗުތައް ހުޅުމާލޭ ރެހެންދި ޓާފުގައި ކުރިއަށްދާ އިރު، ރޭވެސް ވަނީ އަތޮޅު ބުރުގެ އަށް މެޗު ކުޅެފައެވެ. އޭގެ ތެރޭގައި ތ. އަތޮޅުގެ ގްރޫޕް އެކެއްގެ ދެމެޗު ކުޅެފައިވާ އިރު، އޮމަދޫން ވަނީ 3-1 އިން ތ. ގާދިއްފުށި އަތުން މޮޅުވެފައެވެ. އަދި ހިރިލަންދޫ އަތުން ވޭމަންޑޫ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.
އޮމަދޫން މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅުވެ، އެޓީމުން ރޭ ވަނީ އަތޮޅު ސެމީ ޔަގީން ކޮށްފައެވެ. އެ ގްރޫޕުން ސެމީއަށް ދާނެ އަނެއް ޓީމު ޔަގީންވާނީ ދެން އޮންނަ ބުރެއްގެ މެޗުތަކަށްފަހުއެވެ. މިވަގުތު ދެވަނައިގައި އޮތީ ދެމެޗުން ހަތަރު ޕޮއިންޓް ހޯދާފައި އޮތް ވޭމަންޑުއެވެ. ތިންވަނައިގައި ފުރަތަމަ މެޗުން އެއްވަރުވި ގާދިއްފުށި އޮތް އިރު، ހިރިލަންދޫ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބިއެވެ. ހިރިލަންދޫ އޮތީ މިހާރު ކަޓައިފައެވެ.
ރޭ މެޗުން އޮމަދޫން މޮޅުވި މެޗުގައި އެޓީމުގެ ގޯލުތައް ޖަހައިދިނީ މޮޅު ކުޅުންތެރިޔަކަށް ހޮވުނު މުހައްމަދު އަލާއުގެ އިތުރުން އަހުމަދު ނަޝްވާނާއި ހަސަން ކިއާން ސިނާނެވެ. މެޗުގައި ގާދިއްފުށީގެ ގޯލު ޖެހީ އެޓީމުގެ ކެޕްޓަން ހުސެއިން ޒާހިރެވެ.
އަނެއް މެޗުގައި ވޭމަންޑޫގެ ގޯލުތައް ޖަހައިދިނީ ސޮލާހު އަލީއާއި މާޒިން އަހުމަދެވެ. ހިރިލަންދޫގެ ހަމައެކަނި ގޯލް ޖަހައިދިނީ އަހުމަދު މުފީދެވެ.
އދ. އަތޮޅުގެ އަތޮޅު ބުރުވެސް ދެ ގްރޫޕަށް ބަހާލައިގެން ކުޅެމުން އަންނައިރު، ގްރޫޕް އެކެއްގައި ހިމެނެނީ ތިން ޓީމެވެ. އެ ގްރޫޕްގައި ފުރަތަމަ ކުޅުނު މެޗުގައި މަހިބަދޫ އަތުން ބަލިވެފައި އޮތް ފެންފުށިން ރޭ ކުޅުނު މެޗުގައި ވަނީ 3-0 އިން އޮމަދޫ ބަލިކޮށްފައެވެ.
ރޭގެ މެޗުގައި ފެންފުށީގެ ގޯލުތައް ޖެހީ އަސްލަމް އާދަމާއި މޫސާ މުހައްމަދު އަދި މުހައްމަދު އާދަމެވެ. އދ. އަތޮޅު ގްރޫޕް އެކެއްގައި ބާކީ އެއް މެޗު އޮތް އިރު، ގްރޫޕްގައި ތިން ޓީމަށްވެސް އަތޮޅު ސެމީގެ ފުރުސަތު އެބައޮތެވެ.
އދ. އަތޮޅު ގްރޫޕް ދޭއްގައި ރޭ ކުޅުނު މެޗުން ދަނގެތި އަތުން މާމިގިލި މޮޅުވީ 1-0 އިންނެވެ. އެ ގްރޫޕްގައިވެސް ތިން ޓީމު ހިމެނޭ އިރު، ފުރަތަމަ މެޗުގައި ހަންޏާމީދޫ އާއި ދަނގެތި ވީ އެއްވަރެވެ. އެހެންކަމުން ރޭ މާމިގިލިން ހޯދި މޮޅާއެކު އެޓީމަށް ވަނީ އަތޮޅު ސެމީ ޔަގީންވެފައެވެ.
މާމިގިލީގެ ހަމައެކަނި ގޯލް ރޭގެ މެޗުގައި ޖަހައިދިނީ އިބްރާހިމް ރިޒްހާން (ރިޒްކޮ) އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މި އަހަރުގެވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
މުބާރާތުގެ އަތޮޅު ބުރުގެ މެޗުތައް މިއަދު ހަވީރާއި މިރޭވެސް ކުރިއަށްދާނެއެވެ.
20:00 - ބ. ފެހެންދޫ - ބ. އޭދަފުށި (ގްރައުންޑް 1)
20:00 - އއ. ފެރިދޫ - އއ. މަތިވެރި (ގްރައުންޑް 2)
21:00 - ބ. ކެންދޫ - ބ. ތުޅާދޫ (ގްރައުންޑް 1)
21:00 - އއ. ތޮއްޑޫ - އއ. ބޮޑުފޮޅުދޫ (ގްރައުންޑް 2)
22:00 - ގއ. ގެމަނަފުށި - ގއ. ވިލިނގިލި (ގްރައުންޑް 1)
22:00 - ގއ. މާމެންދޫ - ގއ. ދެއްވާދޫ (ގްރައުންޑް 2)
23:00 - ގއ. ނިލަންދޫ - ގއ. ކޮނޑޭ (ގްރައުންޑް 1)
23:00 - ގއ. ކަނޑުހުޅުދޫ - ގއ. ދާންދޫ (ގްރައުންޑް 2)
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް