ރާއްޖޭގެ އެންމެ ތާރީހީ، އެންމެ ކާމިޔާބު އެއް ޓީމު ވިކްޓަރީ ސްޕޯޓްސް ކްލަބުން މި އަހަރު، ރާއްޖޭގައި އިންވިޓޭޝަނަލް ކްލަބު ފުޓުބޯޅަ މުބާރާތެއް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް އެ ކްލަބުގެ ފަރާތުން ބުނެފިއެވެ.

ވިކްޓަރީ މިވަގުތު ރާއްޖޭގެ ދެވަނަ ޑިވިޝަނުގައި އޮތް އިރު، އެޓީމު ރެލިގޭޓް ވެފައި ވަނީ މުސާރަ އާއި ދަރަނީގެ މައްސަލަތަކުގެ ތެރެއިންނެވެ. އެ ކްލަބު ސަސްޕެންޑް ވީ 2019 ވަނަ އަހަރުއެވެ. ވިކްޓަރީން ސަސްޕެންޝަނުން އަރައިގަންނަން މިދިޔަ އަހަރު އާ ބޯޑެއް އެކުލަވައިލައި، ސަސްޕެންޝަނުން ސަލާމަތްވީ މުސާރަތަކުގެ ދަރަނި އަދާކޮށްގެންނެވެ. ވިކްޓަރީގެ ސަސްޕެންޝަން މިދިޔަ އަހަރު ތެރޭގައި އުވާލުމާއެކު އެޓީމުން ދެވަނަ ޑިވިޝަނުގައި ވާދަކޮށްފައެވެ. އެޓީމަށް ފުރަތަމަ ޑިވިޝަނަށް ދެވިފައި ނުވާ އިރު، މި ސީޒަނުގެ ތައްޔާރީތައް ރޭ ފެށީ ވަރުގަދަކޮށެވެ.

ކޯޗަކަށް ސޮބާހް މުހައްމަދު (ސޮބާ) ހަމަޖައްސައި އެ ކްލަބުން ރޭ ވަނީ ގައުމީ ކެޕްޓަން އަކްރަމް އަބްދުލްޣަނީ (އަކޫ) އާއި މުހައްމަދު އުމައިރުގެ ސޮއިވެސް އިއުލާން ކޮށްފައެވެ. އޭގެ އިތުރުން ވިކްޓަރީން ރޭ ވަނީ އެ ކްލަބަށް 50 އަހަރު ފުރުމުގެ ގޮތުން ބާއްވަން މަސައްކަތް ކުރާ ކްލަބު ފުޓުބޯޅަ މުބާރާތްވެސް އިއުލާން ކޮށްފައެވެ.

"ކޮވިޑް ތެރޭގައި ވިކްޓަރީއަށް 50 އަހަރު ފުރުނީ. އޭރު އެކަން ފާހަގަ ނުކުރެވި އޮތީމަ، މިހާރު ވާހަކަ އެބަ ދެކެވޭ އިންޑިއާގެ އެއް ޓީމު، ނޫނީ ދެޓީމާއި މާލޭގެ ހަތަރު ޓީމެއްގެ ލައިގެން މުބާރާތެއް ކުޅުމަށް. އެފްއޭއަށްވެސް އެކަމަށް އެދިފައިވާނެ، ދަނޑު ހޯދުމަށްވެސް. އެކަން ސްޕޮންސަރުންނާއެކު ވަރަށް ބޮޑަށް ކުރިއަށް ގެންދެވިފައި އޮތީ. އެފްއޭއިން ދަނޑު ދޭނެ މުއްދަތެއް ކަނޑައެޅުމުން ސްޕޮންސަރުންނާ އެކު ދުވަހެއް ފައިނަލްކޮށް އިއުލާން ކުރެވޭނެ،" ރޭގެ ޕްރެސްގައި ވިކްޓަރީގެ ޓެކްނިކަލް ޑިރެކްޓަރު މުހައްމަދު އާދަމް ވިދާޅުވިއެވެ.

ވިކްޓަރީން ކުރިއަށް އޮތް ސީޒަނަށް ކަނޑައެޅި ޓާގެޓާއި އަލަށް ހަވާލުވި ކޯޗާ ގުޅޭ ގޮތުން މުހައްމަދު އާދަމް ވިދާޅުވީ މިފަހަރުގެ ޓާގެޓަކީ ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ކަމަށާއި، އެކަމަށް ޓީމެއް ބިނާކުރެވޭނެ ކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ.

"ފުރަތަމަ ޓާގެޓަކީ ދެވަނަ ޑިވިޝަން ތަށި ނަގައި ފުރަތަމަ ޑިވިޝަނަށް ދިއުން. ދެވަނަ ޓާގެޓަކީ އެފްއޭ ކަޕްގައި ވާދަކުރެވޭނެ ވަރުގެ ޓީމެއް ނެރުން. ޝުކުރު އަދާކުރަން ބޭނުން ބައެއް ފަރާތްތައްވެސް މި ކަންކަމުގައި އެބައުޅޭ، މިސާލަކަށް ތި އެންމެން ދަންނަ އަހުމަދު ޝަރީފް (މާޑޭ). އޭގެ އިތުރުން ފައިނޭންސަރުން ވެސް ފާހަގަކޮށްލަން ޖެހޭ، މިފަހަރު ދަށް ޓީމެއް ނެރޭކަށް ބޭނުމެއް ނުވޭ،" މުހައްމަދު އާދަމް ވިދާޅުވިއެވެ.

މުހައްމަދު އާދަމް ފާހަގަކުރެއްވީ ގިނަ ކުޅުންތެރިންތަކަކާ ވާހަކަ ދެކެވި، މިހާރު އެއްބަސްވެވިފައިވާ ކަމަށާއި ނަންތައް އާންމުކުރައްވާނީ ދުވަސްކޮޅެއް ފަހުން ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ދަރަނިން ސަލާމަތްވެ، މިދިޔަ އަހަރު ޓާގެޓް ޖެހީ ދެވަނަ ޑިވިޝަނުގައި ކުޅެލަން ނަމަވެސް، މިފަހަރު ނުކުންނާނީ ތަށި ނެގުމަށް އަމާޒު ހިފައިގެން ކަމަށެވެ.

ކުރިން ކްލަބަށާއި، ގައުމީ ޓީމަށް ކުޅުނު، މިހާރުގެ އުންމީދީ ކޯޗު ސޮބާއާ ގުޅޭ ގޮތުން މުހައްމަދު އާދަމް ވިދާޅުވީ، ސޮބާއަކީ ގާބިލު ކޯޗެއްކަން ގަބޫލު ކުރައްވާކަމަށާއި، މިދިޔަ އަހަރު ސޮބާއާ ޓީމު ހަވާލު ނުކުރީ ކުޅުންތެރިން އެކަށީގެންވާ ގޮތެއްގައި ނުހޯދުމުން ކަމަށެވެ.

"ސޮބާއަކީ ޓީމު ފުރަތަމަ ޑިވިޝަނަށް އަރުވަން އެންމެ އެކަށޭނެ ގާބިލު ކޯޗެއް. ހަގީގަތުގައި މިދިޔަ އަހަރުވެސް އަޅުގަނޑުމެންގެ ޗޮއިސްއަކަށް އޮތް ނަމެއް ސޮބާއަކީ. އެކަމަކު އޭރު ކުޅުންތެރިންނެއް ނެތް. ދިވެހި ކޯޗެއްގެ ގޮތުގައި މިދިޔަ އަހަރު ބަދުނާމެއް އަޅުވަން ބޭނުމެއް ނުވޭ. އެހެންވެ މިދިޔަ އަހަރު ސޮބާއާ ޓީމު ހަވާލު ނުކުރީ. އޭގެ އިތުރުން ބޭރު ކުޅުންތެރިންނަށް ގެނައި ކުޅުންތެރިންވެސް ހީކުރިވަރާ ގާތަށްވެސް ނުކުޅޭ،" މުހައްމަދު އާދަމް ފާހަގަކުރިއެވެ.