އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ލިވަޕޫލުން އެވަޓަން ބަލިކޮށްފިއެވެ.
ރޭ ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މާސީ ސައިޑް ޑާބީގައި އެޓީމުން އެވަޓަން ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މޮޅަކީ 2023 ގައި ލިވަޕޫލުން ލީގުގައި ހޯދި ފުރަތަމަ މޮޅެވެ. ލީގު ތާވަލުގެ ނުވަ ވަނައިގައި މިވަގުތު ލިވަޕޫލް އޮތީ 21 މެޗުން 32 ޕޮއިންޓާ އެކުގައެވެ. އެޓީމުން ގަދަ ހަތަރަކަށް މަސައްކަތް ކުރަމުން އަންނަ އިރު، މިވަގުތު ހަތަރު ވަނައިގައި އޮތް ނިއުކާސަލްއަށް ވަނީ 22 މެޗުން 41 ޕޮއިންޓް ލިބިފައެވެ. ރޭގެ މޮޅާއެކު ޗެލްސީގެ ކުރިއަށް ލިވަޕޫލް ޖެހިލި އިރު، ޗެލްސީ 10 ވަނައިގައި އޮތީ 22 މެޗުން 31 ޕޮއިންޓާ އެކުގައެވެ.
އެވަޓަންއާ އަލަށް ހަވާލުވި ކޯޗު ސޯން ޑައިކް ފުރަތަމަ މެޗުގައި އެޓީމުން އާސެނަލް ބަލިކޮށް ރޭގެ މެޗަށް ނުކުތް އިރު، ލިވަޕޫލުން އޮތީ ދަށް ފޯމެއްގައެވެ. ރޭގެ މެޗަށް ލިވަޕޫލް ނުކުތީ އެންމެފަހުން ލީގުގައި ކުޅުނު ދެމެޗުންވެސް ބަލިވެފައި އޮވެގެންނެވެ.
މެޗުގެ ފުރަތަމަ 30 ވަރަކަށް މިނެޓުގައި ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، މެޗު ހުޅުވިގެން ދިޔައީ އެވަޓަންގެ ޑިފެންޑަރު ޖޭމްސް ޓާކޯސްކީ ބޮލުން ޖެހި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވުމުންނެވެ.
އެވަޓަންގެ އެ ހަމަލާ ބޭކާރުވެގެން ދިޔަ އިރު، އެ ބޯޅައިގައި ލިވަޕޫލް އުފެއްދި އަވަސް ކައުންޓާ އެޓޭކްގައި އެޓީމުން ލީޑު ނެގިއެވެ. 36 މިނެޓުގައި ލިވަޕޫލަށް ލީޑު ނަގައިދިނީ މުހައްމަދު ސަލާހެވެ. ސަލާހަށް އެ ބޯޅަ ފަހިކޮށްދޭން އަރިމަތިން ކުރިއަށް ޖެހި ހުރަސް ނަގައިދިނީ ޑާވިން ނުނޭޒެވެ.
ސަލާހް ރޭގެ މެޗުގައި ޖެހި ގޯލަކީ މިދިޔަ ފަސް މެޗުގައިވެސް އޭނާ ޖެހި ފުރަތަމަ ގޯލެވެ.
ލިވަޕޫލްގެ ފަރާތުން މިރޭގެ މެޗުގައި ހަލުވި، ރަނގަޅު އެޓޭކްތަކެއް ފެނުނު އިރު، ފޯވަޑް ލައިންގެ ތަފާތު ހާއްސަކޮށް ފެނުނެވެ. ނުނޭޒާއި ސަލާހްގެ އިތުރު ހަމަލާތައް ފެނުނު އިރު، އެވަޓަން ގޯލްކީޕަރު ޖޯޑަން ޕިކްފޯޑްގެ ފަރާތުން ވަނީ ރަނގަޅު ސޭވްތަކެއް ފެނިފައެވެ.
ލިވަޕޫލްގެ ދެވަނަ ގޯލް ފެނިގެން ދިޔައީ މެޗުގެ 49 ވަނަ މިނެޓުގައެވެ. އެ ގޯލަކީ އަރިމަތިން ކުރިއަށް ޖެހި ޓްރެންޓް އެލެކްސެންޑާ-އާނޯލްޑް ތިރިން ނަގައިދިން ބޯޅައެއްގައި ނެދަލޭންޑްސްގެ ކޯޑީ ގަކްޕޯ ޖެހި ގޯލެކެވެ. އެ ގޯލަކީ މިދިޔަ ޖެނެއަރީ މަހު، 45 މިލިއަން ޕައުންޑަށް ލިވަޕޫލަށް ބަދަލުވި ގަކްޕޯ އެ ކްލަބަށް ޖެހި ފުރަތަމަ ގޯލެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު