ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)ގެ ކޭޝިއަރެއް ނުހުންނަ ފިހާރަ "އެސްޓީއޯ ސްމާޓް ޗޮއިސް" އަންނަ ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެ ފިހާރަށް ހުޅުވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ. އެ ފިހާރައިން އެސްޓީއޯއިން މިހާރުވެސް ވިއްކާ ހުރިހާ މުދަލެއް ލިބެން ހުންނާނެއެވެ. އަދި އަލަށް ފަށާ ވިޔަފާރިތަކުން އުފައްދާ މުދާ ވެސް އެ ފިހާރާގައި ހުންނާނެއެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ފިހާރަ ހުޅުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
"ކޭޝިއަރެއް ނުހުންނަ ފިހާރައިގެ މަސައްކަތް ކުރިޔަށް ދަނީ. މާޗް މަހު ހުޅުވޭނެ،" އަމްރު ވިދާޅުވިއެވެ.
އެސްޓީއޯއިން މީގެ ކުރިން ބުނެފައިވަނީ، އެ ފިހާރައިން އާޓިފިޝަން އިންޓެލިޖެންސް ވިޝަން ބޭނުން ކޮށްގެން ވިޔަފާރި ކުރެވޭނެ ކަމަށާއި އެ ފިހާރާއިން ކަސްޓަމަރުންނާ މުއާމަލާތް ކުރާނީ މޯބައިޕް އެޕްލިކޭޝަނެއް މެދުވެރިކޮށް ކަމަށެވެ. އެސްޓީއޯއިން ބުނެފައިވަނީ އެޕްލިކޭޝަންގައި އެމީހެއްގެ ބޭންކު ކާޑު ރެޖިސްޓްރީ ކޮށްފައި ލޮގިންއެއް ހެދުމުން އެ ފިހާރައިން ވިޔަފާރި ކުރެވޭނެ ކަމަށެވެ.
ކޭޝިއަރެއް އަދި ސޭލްސްމަނެއް ނެތް ކަމަށްވިޔަސް އެ ފިހާރައަކީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަމަޔަށް ހުންނާނެ ފިހާރައެއް ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ކެމެރާ މެދުވެރިކޮށް މުދަލުގެ ސްޓޮކް ބެލެހެއްޓުމާއި އާޓިފިޝަލް ކެމެރާތަކެއް ފިހާރާގައި ހަރުކުރުން ހިމެނޭ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.