މިއަދުގެ ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ އެއްވެސް ކުޅިވަރެއް ބާކީ ނުކުރުން ކަމަށާއި ހުރިހާ ކުޅިވަރަކަށް ހަމަހަމަ ފުރުސަތު ތަނަވަސްކޮށްދެވުމުގެ ނަތީޖާ ރަނގަޅު ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް އެކަން ފާހަގަކުރެއްވީ އޭޝިއާގެ ސެންޓްރަލް ޒޯން ބީޗް ވޮލީބޯޅަ މުބާރާތުން ރަންމެޑަލް ހޯދި ރާއްޖޭގެ ބީޗު ވޮލީ ފިރިހެން ޓީމާއި ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި ރާއްޖެއަށް ރަން މެޑަލާއި ރިހިމެޑަލް އަދި ލޯމެޑަލް ހޯދައިދިން ބޮޑީބިލްޑިން ޓީމާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް އެ އެތުލީޓުންނާ ބައްދަލުކުރައްވާފައި ވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. މިއަދުގެ ބައްދަލުވުމުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ވޮލީބޯލް އެސޯސިއޭޝަން އަދި ބޮޑީ ބިލްޑިން އެސޯސިއޭޝަންގެ އިސްވެރިންނާއި ޓީމުތަކުގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ ބައްދަލުވުމުގައި ރައީސް ވަނީ ބީޗު ވޮލީ ޓީމާއި ބޮޑީބިލްޑިން ޓީމުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވައި ޓީމުތަކުގެ މެމްބަރުންނަށާއި އޮފިޝަލުން އަދި އެސޯސިއޭޝަންތަކަށް މަރުހަބާ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ އެއްވެސް ކުޅިވަރެއް ބާކީ ނުކޮށް، ހުރިހާ ކުޅިވަރުތަކެއްގައި ވެސް ފުރުސަތުތައް ފަހިކޮށްދިނުން ކަމަށާއި އެކަމުގެ ނަތީޖާވެސް ރަނގަޅު ކަމުގައެވެ.
އޭގެ އިތުރުން ރައީސް ވިދާޅުވީ އެތުލީޓުންނަށް އިތުރު ތަމްރީން ފުރުސަތުތައް ހޯއްދައިދެއްވުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށާއި ބީޗް ވޮލީ އާއި މޫދުގެ އެކިއެކި ކުޅިވަރުތަކަކީވެސް ރާއްޖޭގައި ކުރިއަރުވައި ކާމިޔާބީތައް ހޯދޭނެ މުސްތަގުބަލް އޮތް ކުޅިވަރުތަކެއް ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ވޮލީބޯލް އެސޯސިއޭޝަނާއި ބޮޑީބިލްޑިން އެސޯސިއޭޝަނުން ފާހަގަ ކުރީ މީގެ ކުރިން އެކުޅިވަރުތަކަށް ނުލިބޭ ސަމާލުކަމާއި މާލީ އެހީތެރިކަން މިފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ލިބިގެން ގޮސްފައިވާކަމެވެ.
މިދިޔަ އަހަރު ތެރޭގައި އޭޝިއާގެ ސެންޓްރަލް ޒޯން ބީޗް ވޮލީބޯލް މުބާރާތުން ރާއްޖެއަށް ރަން މެޑަލް ލިބުނު އިރު، އެއީ ރާއްޖެއަށް ލިބުނު ވޮލީގެ ފުރަތަމަ ރަންމެޑަލެވެ. 2008 ވަނަ އަހަރުން ފެށިގެން ބޮޑީބިލްޑިން މުބާރާތްތަކުން ރާއްޖެއިން ރަންމެޑަލް ހޯދަމުން އަންނަ އިރު، މިދިޔަ އަހަރު ޑިސެމްބަރު މަހު ބޭއްވި ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ބޮޑީބިލްޑިން ޓީމް ވަނީ އެއް ރަން މެޑައްޔާއި އެއް ރިހި މެޑަލްގެ އިތުރުން ހަތަރު ލޯ މެޑަލް ހޯދައިފައެވެ. މިދިޔަ އަހަރު ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގައި ރާއްޖެއިން ހޯދި ރަންމެޑައްޔަކީ ބޮޑީ ބިލްޑިން ދުނިޔޭ ފެންވަރުގައި ހޯދި ފުރަތަމަ ރަން މެޑައްޔެވެ.
ރާއްޖޭގެ ކުޅިވަރަށް ސަރުކާރުން ކުރަމުންދާ މަސައްކަތުން ބައިނަލްއަގުވާމީ ކުޅިވަރުތައް ރާއްޖޭގައި ހޯސްޓް ކުރުމުގައިވެސް ވަނީ ކުރިއެރުންތަކެއް ހޯދައިފައެވެ. އެގޮތުން މިދިޔަ އަހަރު ވަނީ ބީޗް ވޮލީ ވޯލްޑް ޓުއާ އިވެންޓެއްގެ އިތުރުން އޭޝިއަން ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕްވެސް ރާއްޖޭގައި ހޯސްޓް ކޮށްފައެވެ.