މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ ހއ. އަތޮޅުގެ ކުއާޓާ ފައިނަލް މެޗުތަކުން މޮޅުވެ، ހއ. ވަށަފަރާއި އުތީމު، މުރައިދޫ އަދި ފިއްލަދޫން އަތޮޅު ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.
މުބާރާތުގެ މެޗުތައް ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ އިރު، ކުއާޓާގެ ފުރަތަމަ މެޗުގައި ކެލާ ކައިރިން މުރައިދޫ މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. އެއީ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 0-0 ގެ ނަތީޖާއަކުން މެޗު އެއްވަރުވެފައި އޮތުމުންނެވެ.
މުރައިދޫގެ އިޔާން އަހުމަދު ރަޝީދާއި އައިރޫން އަހުމަދު ރަޝީދު، ހުސެއިން އިރުފާން އަލީ އަދި އުޝާމް އަބްދުﷲ ޕެނަލްޓީ ކާމިޔާބުކުރި ނަމަވެސް އެ ޓީމުގެ އަބްދުﷲ ސާލިމް ޖެހި ޕެނަލްޓީ ވީ ނާކާމިޔާބެވެ. ކެލާ ޓީމުގެ ކީޕަރު އަބްދުﷲ ޒިމާމާއި އަހުމަދު އިނާދުގެ ޕެނަލްޓީ ނާކާމިޔާބުވިއިރު، އެ ޓީމުގެ އަހުމަދު އިނާދާއި އަލީ އިމާދު ވަނީ ޕެނަލްޓީ ވައްދާލައިފައެވެ.
އެ އަތޮޅުގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ފިއްލަދޫން ރޭ ވަނީ ބާރަށް ބަލިކޮށްފައެވެ. އެ މެޗު 1-0 އިން ފިއްލަދޫން ކާމިޔާބުކުރި އިރު، މެޗުގައި ފިއްލަދޫގެ ހަމައެކަނި ގޯލް ޖެހީ އަލީ ކާމިލެވެ.
ރޭ ދިއްދޫން ކުއާޓާގައި ކުޅުނު މެޗުގައި އުތީމު ކައިރިން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. ފާއިގު އަހުމަދު މެޗުގައި ދިއްދުއަށް ލީޑު ނަގައިދިން ނަމަވެސް، އުތީމުން ފަހަތުން އަރައި މޮޅުވީ އަހުމަދު އައިހަމް ޖެހި ދެ ގޯލުންނެވެ. މެޗުގައި އައިހަމްގެ ފަރާތުން ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.
ހއ. އަތޮޅު ކުއާޓާ އެންމެ ފަހު މެޗުގައި ވަށަފަރުން މާރަންދޫ ބަލިކުރީ 4-2 ގެ ނަތީޖާއަކުންނެވެ. މާރަންދޫގެ ގޯލުތައް ޖެހީ ސަމްހާން އަބްދުލް ރަހުމާން އާއި މުހައްމަދު ސާޖިދެވެ. ވަށަފަރުން ރޭ ހޯދި ކާމިޔާބީގައި އެންމެ ބޮޑު ރޯލެއް އަދާކުރީ މެޗުގައި ހެޓްރިކް ހެދި ސާޖިދު ރަޝީދެވެ. ވަށަފަރުގެ އަނެއް ގޯލު ޖެހީ އަބްދުﷲ ސިނާނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މިފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މި އަހަރުގެވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
މުބާރާތުގެ އަތޮޅު ބުރުގެ މެޗުތައް މިރޭވެސް އޮންނާނެއެވެ.
20:00 ތ. ވޭމަންޑޫ - ތ. ހިރިލަންދޫ (ގްރައުންޑް 1)
20:00 ގދ. މަޑަވެލި - ގދ. ހޯޑެއްދޫ (ގްރައުންޑް 2)
21:00 ތ. ގާދިއްފުށި - ތ. އޮމަދޫ (ގްރައުންޑް 1)
21:00 ގދ. ގައްދޫ - ގދ. ތިނަދޫ (ގްރައުންޑް 2)
22:00 ލ. އިސްދޫ - ލ. މާބައިދޫ (ގްރައުންޑް 1)
22:00 ލ. ގަން - ލ. ކަލައިދޫ (ގްރައުންޑް 2)
23:00 އދ. ފެންފުށި - އދ. އޮމަދޫ (ގްރައުންޑް 1)
23:00 އދ. ދަނގެތި - އދ. މާމިިގިލި (ގްރައުންޑް 2)
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް