ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ކުޅެމުންދާ ކްލަބު އީގަލްސް، ސީޒަނަށް ތައްޔާރުވާން ފަށައިފިއެވެ.
ތަޖުރިބާކާރު ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ)، ކްލަބް އީގަލްސްގެ ކޯޗުކަމާ އަލުން ހަވާލުވެފައިވާ އިރު، މިފަހަރު ސާންތި ސޮއިކުރީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ސާންތީ ވަނީ މީގެ ކުރިން އީގަލްސްގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. އޭނާ އެފަހަރު ކޯޗުކަން ކޮށްދިނީ 2011 އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ މެދުތެރެއާ ހަމައަށެވެ.
ޒުވާން ކުޅުންތެރިން އުފެއްދުމުގެ ހާއްސަ ކޯޗެއްގެ ގޮތުގައި ސާންތި ފާހަގަކުރެވިފައިވާ އިރު، ސާންތިއާއެކު ރަނގަޅު ސްކޮޑުތަކެއް ބިނާކޮށް އީގަލްސް ވަނީ މީގެ ކުރިން ދެފަހަރެއްގެ މަތިން ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ކުޅުފައެވެ. އޭގެ ތެރެއިން 2016 ވަނަ އަހަރު އީގަލްސްއިން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައެވެ. އެއީ އީގަލްސް އިން މިހާތަނަށް ފުރަތަމަ ޑިވިޝަނުގައި ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.
ސާންތި ގެންދިޔުމުގެ އިތުރުން އީގަލްސްއިން އަންނަނީ ކުޅުންތެރިންތަކެއްގެ ސޮއިވެސް ހޯދަމުންނެވެ. އެގޮތުން މެދުކެނޑުމަކަށްފަހު އިބްރާހިމް މުބީން (މުއްކި) ވެސް ވަނީ އަލުން އެ ކްލަބަށް ގޮސްފައެވެ. 2018 ވަނަ އަހަރު އީގަލްސްއަށް ކުޅުނު ފަހުން ފުރަތަމަ ޑިވިޝަނުގައި ނުކުޅެ ހުރި މުއްކި، މިފަހަރު އީގަލްސްއަށް ސޮއިކުރީ ތިންވަނަ ޑިވިޝަނާއި ދެވަނަ ޑިވިޝަން އަދި ފުޓްސަލް މުބާރާތްތަކުގައި ކުޅުމަށްފަހުއެވެ.
ކެރިއަރުގައި އެންމެ މުހިއްމު ދުވަސްތަކެއް އީގަލްސްގައި ހޭދަކުރި މުއްކި، އެންމެ ފުރަތަމަ އީގަލްސް ޓީމަށް ކުޅުނީ، 2011 ވަނަ އަހަރު އޭނާގެ އުމުރުން 17 އަހަރުގައެވެ. މުއްކި ވަނީ 2013 އިން ފަށައިގެން އީގަލްސްގެ ސީނިއާ ޓީމަށް ކުޅެމުންދިޔަ މުއްކިއަކީ 2016 ވަނަ އަހަރު އީގަލްސް އިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރި ޓީމުގައި ހިމެނުނު ކުުޅުންތެރިއެކެވެ.
މުއްކިގެ އިތުރުން އީގަލްސްއިން ވަނީ މިދިޔަ ތިން އަހަރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅުނު ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ވެސް އެޓީމަށް ގެންގޮސްފައެވެ. 2017 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ކުޅެން ފެށި ފޭދޫ އިއްބެ ޓީސީ ސްޕޯޓްސް ކްލަބަށްވެސް ކުޅެފައިވާ އިރު، އޭނާއަކީ މިހާރު ސީނިއާ ގައުމީ ޓީމުގެ މުހިއްމު ފޯވަޑެކެވެ.
ރާއްޖޭން 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައިވެސް މޮޅަށް ކުޅުނު އިއްބެ ވަނީ އެފަހަރު ފައިނަލްގައި އިންޑިއާ ކޮޅަށް ގޯލްވެސް ޖަހައިފައެވެ. އިއްބެގެ އިތުރުން އީގަލްސްއިން ވަނީ ޔުނައިޓެޑް ވިކްޓަރީގެ ލަމާން ޒުހައިރު، އައިހަމް ސައީދު (އައިކޮ)، އަބްދުﷲ އަމިން އަދި މޫސާ އަޒީމްވެސް ކްލަބަށް ގެންގޮސްފައެވެ. އޭގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ވެސް އީގަލްސްއިން ވަނީ އެ ކްލަބަށް ގެންގޮސްފައެވެ.
ކްލަބު އީގަލްސް
ކްލަބު އީގަލްސް
ކްލަބު އީގަލްސް
ކްލަބު އީގަލްސް