އިޓަލިއަން ސެރެއާ އޭގެ އެއްވަނައިގައި އޮތް ނަޕޯލީން ރޭ ކުޅުނު މެޗުގައި ފަސޭހަ މޮޅެއް ހޯދި އިރު، އުނދަގޫ ހާލަތެއްގައި އޮތް ޔުވެންޓަސްއިން ފިއޮރެންޓީނާ ބަލިކޮށްފިއެވެ.
ޔުވެންޓަސްއިން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ފިއޮރެންޓީނާ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ޓްރާންސްފާތަކަށް މަކަރު ހަދިކަން ސާބިތުވެ، ޔުވެންޓަސްގެ 15 ޕޮއިންޓް އުނިކުރުމާއެކު އެޓީމަށް އުނދަގޫ ހާލަތެއް ދިމާވެފައިވާ އިރު، އެންމެފަހުން ކުޅުނު ދެމެޗުން މޮޅުވެ، މިހާރު ވަނީ ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައެވެ.
ޔުވެންޓަސްއިން މިހާތަނަށް ލީގުގައި ކުޅުނު 22 މެޗުން އެޓީމަށް ލިބިފައި ވަނީ 29 ޕޮއިންޓެވެ. އެ އަދަދަށް ޕޮއިންޓް ލިބިފައިވުމާއެކު ޔުވެންޓަސް އަދިވެސް އޮތީ ލީގު ތާވަލުގެ ނުވަ ވަނައިގައެވެ.
ކްލަބުގެ ސިޔާސީ ކަންކަން ގޯހުން ގޯހަށް ގޮސްފައި އޮތް ޔުވެންޓަސްއިން ރޭގެ މެޗުގައި ޖެހި ހަމައެކަނި ގޯލް، އެޓީމަށް ޖަހައިދިނީ އެޑްރިއަން ރެބިއޮޓެވެ. އެ ގޯލް ފެނިގެން ދިޔައީ މެޗުގެ 34 ވަނަ މިނެޓުގައެވެ.
މެޗުގެ ދެވަނަ ހާފުގައި ވީއޭއާރްގެ ޑްރާމާ ފެނިގެން ގޮސްފައިވާ އިރު، ފަހު ހާފުގައި ޑުސާން ވްލަހޮވިޗް ޖެހި ބޯޅައެއް ގޯލަށް ވައްދާލި ނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. ފަހު ވަގުތު ފިއޮރެންޓީނާގެ ގައެޓާނީ ކަސްޓްރޮވީލީ ފޮނުވާލި ބޯޅަ ގޯލަށް ވަން ނަމަވެސް، ވީއޭއާރް ބަލައި ރެފްރީ ނިންމީ އެ ގޯލަށް ފުރުސަތު ތަނަވަސްކުރުމުގައި ފިއޮރެންޓީނާ ކުޅުންތެރިޔާ އޮފްސައިޑް މަގާމެއްގައި ހުރި ކަމަށެވެ.
އެންމެފަހުން 1989-90 ވަނަ އަހަރު ސީޒަންގައި ލީގު ހޯދި ނަޕޯލީން ރޭ ކުޅުނު މެޗުގައި ކްރެމޮނީސް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އެންމެފަހުން ހޯމްގައި ކުޅުނު ނުވަ މެޗުންވެސް ނަޕޯލީ މޮޅުވެފައިވާ އިރު، އެއީ ޗެމްޕިއަންކަން ހޯދި ސީޒަނަށްފަހު އެފަދަ މޮޅުވުމުގެ ސިލްސިލާއެއް އެޓީމުން ދެމެހެއްޓި ފުރަތަމަ ފަހަރެވެ.
މި ސީޒަނުގައި ތަފާތު ފޯމެއްގައި ކުޅެމުންދާ ނަޕޯލީ މިހާތަނަށް ކުޅުނު 22 މެޗުން 59 ޕޮއިންޓް ހޯދައި އެއްވަނައިގައި އޮތް އިރު، ދެވަނައިގައި އޮތް އިންޓަ މިލާނަށް 21 މެޗުން ލިބިފައި ވަނީ 43 ޕޮއިންޓެވެ.
ރޭގެ މެޗުގައި ނަޕޯލީގެ ގޯލުތައް ޖަހައިދިނީ ކަވީޗާ ވަރަޓްޝޭލިއާއާއި ވިކްޓާ އޮސިމްހެން އަދި އެޖީފް އެލްމާސް އެވެ.
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ