ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ގައުމީ ޖަލްސާ މިމަހު ބާއްވާނެ ކަމަށާއި އެ ޖަލްސާއަކީ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބާއްވާ އެފަދަ އެންމެ ބޮޑު ބައްދަލުވުމަށް ވެގެންދާނެ ކަމަށް ޖޭޕީން ބުނެފިއެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީން އަމަލުކުރާނެ ގޮތެއް ނިންމާނެ ކައުންސިލް އިންތިހާބުކުރުމަށް ބާއްވާ އެޕާޓީގެ ގައުމީ ޖަލްސާ އޮންނާނީ މިމަހުގެ 24 އިން 25 އަށެވެ.
ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފު މިއަދު ވީޑިއޯ މެސެޖެއް މެދުވެރިކޮށް މީޑިއާތަކަށް ވިދާޅުވީ، މިހާރު ކުރަމުންދަނީ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކަމަށެވެ.
އާރިފު ވިދާޅުވީ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން އިލެކްޝަން ކޮމިޓީއެއް އެކުލަވާލައިފައިވާ ކަމަށާއި އެ ކޮމިޓީން ގޮފިތަކުގެ އިންތިހާބު ބޭއްވުމަށްފަހު ޖަލްސާގެ ޑެލިގޭޓުން ކަނޑައަޅާނެ ކަމަށެވެ.
"އަޅުގަނޑުމެން މި އަންދާޒާ ކުރަނީ 800 މީހުން ނުވަތަ 1،000 އެއްހާ މީހުން އަޅުގަނޑުމެންގެ މި ކޮންފަރެސްގައި ބައިވެރިވާނޭ، މި ޖަލްސާގައި ބައިވެރިވާނެ. މި ގައުމީ ޖަލްސާއަކީ މިހާތަނަށް އިރާދަކުރެއްވިއްޔާ މި ރާއްޖޭގެ ހަމަ ޕާޓީއަކުން ބާއްވާނެ އެންމެ ބޮޑު ކުލަގަދަ ޖަލްސާ ހެދޭތޯ އަޅުގަނޑުމެންގެ ހުރިހާ މުވައްޒަފުންނާއި ޕާޓީގެ އިސްވެރިންނާއި ޕާޓީގެ ކައުންސިލްގެ ހުރިހާ މެމްބަރުންނާއި ޕާޓީއަށް ތާއިދުކުރާ ހުރިހާ ބޭފުޅުން މަސައްކަތް ކުރަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެކަން ކާމިޔާބުވާނެ،" އާރިފު ވިދާޅުވިއެވެ.
މިއަހަރަކީ ރިޔާސީ އިންތިހާބު ބާއްވާ އަހަރަށްވުމުން ޕާޓީގެ އެތެރޭގައި ޖަލްސާގެ ފޯރި ގަދަ ކަމަށާއި ޖަލްސާގައި އެ ޕާޓީގެ އެތެރޭގެ އިންތިހާބުތަކެއްވެސް ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖޭޕީގެ އަސާސީ ގަވާއިދަށްވެސް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ ބަދަލުތައް ފާސްކުރުމުގެ މަސައްކަތްވެސް ކުރަން ހަމަޖެހިފައިވަނީ ގައުމީ ޖަލްސާގެ ތެރެއިން ކަމަށް އާރިފު ވިދާޅުވިއެވެ.
އަސާސީ ގަވާއިދަށް ގެންނަ ބަދަލުތަކުގެ ތެރޭގައި އަންހެނުން ސިޔާސީ މައިދާނުގައި ބާރުވެރިކުރުވުމާއި ޕާޓީގެ އޮނިގަނޑަށް ބަދަލު ގެނައުމާއި ޕާޓީގެ އެންމެ އިސް ފަރާތަކަށް ހުންނަ މީހާގެ މަގާމަށް ކިޔާ ނަމެއްވެސް ޖަލްސާގައި ފާސްކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖުމްހޫރީން ޕާޓީން ކުނޫޒުގައި މިދިޔަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު ބޭއްވި "ތައްޔާރު ޖަލްސާގައި" ގާސިމް ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށާއި ސިޔާސީ ޕާޓީއެއްގެ މަގުސަދަކީ ރިޔާސީ އިންތިހާބުގައި ވާދަކޮށް އެ އިންތިހާބު ކާމިޔާބުކުރުން ކަމަށެވެ.
ގާސިމް ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ފަރާތެއް ކަނޑައަޅާނީ ކައުންސިލުން ކަމަށެވެ. ކެންޑިޑޭޓަކު ކަނޑައަޅާނީ ޕްރައިމަރީއަކަށް ގޮސްކަން ނުވަތަ ނޫންކަން ވެސް ކަނޑައަޅާނީ ޕާޓީގެ ކައުންސިލުން ކަމަށެވެ. އެ ޕާޓީން އެންމެ ފަހުން ކައުންސިލް ބައްދަލުވުމުގައިވެސް ނިންމާފައިވަނީ ކެންޑިޑޭޓަކު ނެރެން ކަމަށާއި ރިޔާސީ އިންތިހާބުން ޖުމްހޫރީ ޕާޓީގެ ބާކީނުވާނެ ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ.
އިލެކްޝަން ކޮމިޝަން (އީސީ)ގެ ވެބްސައިޓުގައިވާ ގޮތުން ޖުމްހޫރީ ޕާޓީއަކީ ތިންވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. އީސީގެ ދަފުތަރުގައިވާ ގޮތުން އެ ޕާޓީގެ މެމްބަރުންގެ އަދަދަކީ 17،913 އެވެ.
ރާއްޖޭގެ ޑިމޮކްރަސީ ހަޔާތުގައި ބޭއްވި ތިން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގައިވެސް ޖޭޕީގެ ހިއްސާ އޮތެވެ. އެ ޕާޓީން ވަނީ 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ވާދަކޮށްފައެވެ. 2018 ވަނަ އަހަރު ޖުމްހޫރީ ޕާޓީން ވަނީ އެމްޑީޕީއާއެކު ކޯލިޝަން ހަދައިފައެވެ. ޖުމްހޫރީ ޕާޓީއަކީ މި ސަރުކާރުގެ އެއް ބައިވެރިއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު