ސީރިއާ ބައެއް ވެސް ހިމެނޭ ގޮތަށް ތުރުކީއަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ފަތިހު އައި ދެ ބިންހެލުމުގައި ސީރިއާ އާއި ތުރުކީން 34،000 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

ތުރުކީގެ ޑީޒާސްޓާ އެންޑް އެމަޖެންސީ މެނޭޖުމެންޓް ޕްރެޒިޑެންސީ (އޭއެފްއޭޑީ) އިން ބުނީ ބިން ހެލުމުގައި ތުރުކީން މަރުވި މީހުންގެ އަދަދު 29،605 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށާއި ދެ ދުވަހެއްގެ ތެރޭގައި އެ އަދަދު އެއަށްވުރެ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. ބިން ހެލުމުގެ ސަބަބުން ސީރިއާއިން މަރުވި މީހުންގެ އަދަދު 4،500 އަށްވުރެ ގިނަ ކަމަށް އެ އިދާރާއިން ބުންޏެވެ.

އޭއެފްއޭޑީން ބުނީ ބިން ހެލުމުގެ ސަބަބުން 16،000 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށާއި 6،200 އަށްވުރެ ގިނަ އިމާރާތް ވެއްޓިފައިވާ ކަމަށެވެ.

ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވެފައިވަނީ ބިންހެލުމުގެ މައުލޫމާތާކު ލިބުމާއެކު ސާޗް އެންޑް ރެސްކިއު ޓީމުތައް ފޮނުވާފައިވާ ކަމަށެވެ. އުރުދުގާން ވަނީ އެ ގައުމުގައި ގައުމީ ހިތާމައިގެ ހަތް ދުވަސް އިއުލާންކުރައްވައިފައެވެ. އަދި އުރުދުޣާން ވަނީ ތިން މަސް ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތުގެ އިއުލާން ކުރައްވައިފައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ އެ ގައުމުގެ 10 ސިޓީއަކަށެވެ. އެއީ ބިންހެލުމުގެ ސަބަބުން އިމާރާތްތައް ވެއްޓި އެންމެ ގިނަ ބަޔަކު މަރުވެފައިވާ ސިޓީތަކެވެ.

އަލްޖަޒީރާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ފިނަ މޫސުން ކަމަށްވުމުން މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަން އެންމެ އެދެވޭ ގޮތުގައި ކުރިއަށް ގެންދިޔުމަށް ދަތިތަކެއްވަނީ ދިމާވެފައެވެ.

ބިންހެލުމާ ގުޅިގެން ގައުމުތަކުން ދަނީ ތުރުކީ އާއި ސީރިއާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެމެރިކާ އަދި ޔޫރަޕިއަން ޔޫނިއަން ގައުމުތަކުގެ އިތުރުން އޭޝިއާގެ ބައެއް ގައުމުތަކުންވެސް މިހާރު ވަނީ ތުރުކީއަށާއި ސީރިއާއަށް ސިފައިންނާއި މީހުން ހޯދުމަށް ހާއްސަ ކުއްތާތައް ފޮނުވައިފައެވެ. ބިން ހެލުންތަކުގެ ސަބަބުން ގެއްލޭ މީހުން ހޯދުމަށް މެކްސިކޯގެ ސިފައިން ބޭނުންކުރާ ކުއްތާތަކުގެ ޓީމެއްވެސް ވަނީ ތުރުކީއަށް ފޮނުވައިފައެވެ. ބައެއް ގައުމުތަކުން ވަނީ ފައިސާގެ އެހީތެރިކަންވެސް ފޯރުކޮށްދީފައެވެ.

ފްރާންސްގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕާސަން ފްރޭންސިސް ޑެލްމާސް ވިދާޅުވެފައިވަނީ ސީރިއާއަށް 13 މިލިއަން ޕައުންޑްގެ އެހީ ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެހީ ފޮނުވަން ނިންމާފައިވަނީ ސީރިއާގެ ސަރުކާރު މެދުވެރިނުކޮށް ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ޖިއޮލިޖަކަލް ސާވޭ އޮފް ޑެންމާކް އެންޑް ގްރީންލޭންޑުން ހޯމަ ދުވަހު ބުނެފައިވަނީ، ތުރުކީގެ ދެކުނަށް ބިންހެލުން އައިސްފައިވަނީ ރެކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގައި ކަމަށެވެ. އޭގެ ފަހުންވެސް ރެކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގެ އިތުރު ބިންހެލުމެއް ތުރުކީއަށް އައިސްފައިވާ ކަމަށެވެ. ފުރަތަމަ ބިން ހެލުމަށްފަހު ތުރުކީގެ އެކި ސަރަހައްދުތަކަށް ބާރުގަދަ ލޮޅުންތައް އައިސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ބިންހެލުމާ ގުޅިގެން އުރުދުޣާން ވަނީ ތުރުކީގައި ތިން މަސް ދުވަހަށް ކުއްލި ހާލަތުވެސް އިއުލާންކުރައްވައިފައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ އެ ގައުމުގެ 10 ސިޓީއަކަށެވެ.

ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިލަކް ސާވޭއިން ބުނެފައިވަނީ ތުރުކީއަށް އައި ބިންހެލުމަކީ 1939 ވަނަ އަހަރު ތުރުކީއަށް އައި ބާރުގަދަ ބިންހެލުމެއްގައި 30،000 މީހުން މަރުވި ފަހުން އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށެވެ. ތުރުކީއަށް އައި ބިންހެލުމަކީ ވަރަށް މަދުން އަންނަ ވައްތަރުގެ ބިން ހެލުމެއް ކަމަށާއި ފާއިތުވި 25 އަހަރުގެ ތެރޭގައި ތުރުކީއަށް 7.0 މެގްނިޓިއުޑް ނުވަތަ އެއަށްވުރެ ބާރުމިނުގައި ބިންހެލުންތައް އައިސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.