މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތަކުން ރ. އަލިފުއްޓާއި، އެ އަތޮޅުގެ އިނގުރައިދޫގެ އިތުރުން ގއ. ދެއްވަދޫ، ގއ. ކަނޑުހުޅުދޫ އަދި އދ. މަހިބަދޫން ކާމިޔާބުކޮށްފިއެވެ.

މުބާރާތުގެ މެޗުތައް ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ އިރު، ރޭވެސް ވަނީ އަށް މެޗެއް ކުޅެފައެވެ. އެއީ ގއ. އަތޮޅުގެ ހަތަރު މެޗާއި، ރ. އަތޮޅުގެ ދެ މެޗުގެ އިތުރުން އދ. އަތޮޅުގެ ދެ މެޗެވެ.

މުބާރާތުގައި އދ. އަތޮޅުގައި ހަ ޓީމަކުން ވާދަކުރަމުންދާ އިރު، އެ އަތޮޅުގެ މެޗުތައްވެސް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ރޭ ގްރޫޕް އެކެއްގައި މަހިބަދޫން ފެންފުށި ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި މަހިބަދޫގެ ގޯލުތައް ޖެހީ މުހައްމަދު ލީވާން ނަދީމާއި އިބްރާހީމް ސާތިރުގެ އިތުރުން ސުއައިދު ސައީދު އަދި އަހުމަދު ޒިފާން އިބްރާހީމެވެ.

އެ އަތޮޅުގެ ގްރޫޕް ދޭއްގައި ރޭ ހަންޏާމީދޫ އާއި ދަނގެތި އެއްވަރުވީ 1-1 އިން ނަތީޖާއަކުންނެވެ. ހަންޏާމީދޫގެ ގޯލު ޖެހީ މުހައްމަދު ޖައިލަމެވެ. ދަނގެތީގެ ގޯލު ޖެހީ ނަޒާހް ހަސަނެވެ.

ރޭ ގއ. އަތޮޅުގެ މެޗުތައް ފޯރިގަދަކޮށް ދިޔަ އިރު، އެ އަތޮޅު ގްރޫޕް އެކެއްގައި ދެއްވަދޫން ވަނީ އެ އަތޮޅު ގްރޫޕް އެކެއްގައި ވިލިނގިލި އަތުން 2-0 އިން މޮޅުވެފައެވެ. މެޗުގައި ގޯލުތައް ޖެހީ ހަސަން އަޝްފާގު މުހައްމަދާއި އަހުމަދު ރާހިލް ރަޝީދެވެ. އެ އަތޮޅުގެ އަނެއް މެޗުގައި މާމެންދޫ އާއި ގެމަނަފުށި ވަނީ ރޭ 1-1 އިން އެއްވަރުވެފައެވެ. ގެމަނަފުށީގެ ގޯލު އަލީ ޝާޒް ހަބީބު ޖެހި އިރު، ،މާމެންދޫން ނަތީޖާ ހަމަހަމަ ކުރީ އަހުސަން ހަސަން ދީދީގެ ގޯލުންނެވެ.

ގއ. އަތޮޅުގެ ގްރޫޕް އެކަކުން ދެއްވަދޫ އަތޮޅު ސެމީ ޔަގީންކުރީ ދެ މެޗުން މޮޅުވެގެންނެވެ. އެ އަތޮޅުގެ އަނެއް ގްރޫޕުން ކަނޑުހުޅުދޫން އަތޮޅު ސެމީ ޔަގީންކުރީ ކުޅުނު ދެވަނަ މެޗުގައި 5-1 އިން ނިލަންދޫ ބަލިކޮށްގެންނެވެ.

ކަނޑުހުޅުދޫގެ މުހައްމަދު ޒައިން ނިޔާޒާއި އަލީ އަޒްވާން އަބްދުލް އަޒީޒް ކޮންމެ ކުޅުންތެރިޔަކު މެޗުގައި ދެ ގޯލު ޖަހާފައިވާ އިރު، އެޓީމުގެ އަނެއް ގޯލު ޖެހީ އަހުމަދު ޒާހިރެވެ. ނިލަންދޫގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު ޔަމާން އަޝްރަފެވެ.

އެ ގްރޫޕްގެ އަނެއް މެޗުން ރޭ ދާންދޫއާއި ކޮނޑޭ އެއްވަރުވީ 2-2 އިންނެވެ. ކޮނޑޭގެ ދެ ގޯލު ޖެހީވެސް މުހައްމަދު އިންޝާއުއެވެ. ދާންދޫގެ ގޯލުތައް ޖެހީ އަހުމަދު ހަސަން (އައްމަޑޭ) އަދި ޖާވިދު އަލީއެވެ.

ރ. އަތޮޅުގެ އަތޮޅު ބުރުގެ ދެވަނަ ރޭގެ މެޗުތައް ރޭ ކުޅެފައިވާ އިރު، އަލިފުށިން ވަނީ އެރަށުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި 5-1 އިން އިންނަމާދޫ ބަލިކޮށްފައެވެ. އިންނަމާދޫން މުހައްމަދު ފައިޒާންގެ ގޯލުން ލީޑު ނެގި ނަމަވެސް އަބްދުﷲ ފާރިހާއި އާދަމް މަންސޫރު، އަހުމަދު ހުސާމް އަދި އަހުމަދު ވިޖުދާން (ވިޖުއްކޮ) ގެ ގޯލުތަކުން އަލިފުށިން ވަނީ ނަތީޖާ އަނބުރާލައިފައެވެ. ފާރިހު ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.

މުބާރާތުގައި އެ އަތޮޅު އިނގުރައިދޫ ކުޅުނު ދެވަނަ މެޗުގައި ރޭ މީދޫ ބަލިކުރީ 7-1 ގެ ނަތީޖާއަކުންނެވެ. އިނގުރައިދޫގެ އަހުމަދު އައިހަމް (އައިހު) ރޭގެ މެޗުގައި ހެޓްރިކް ހެދި އިރު، މުހައްމަދު ޖުމާން ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. އަނެއް ގޯލު ޖެހީ އިބްރާހިމް ޝަފްރާޒް (ޝަފްލޭ) އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މިފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މި އަހަރުގެވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.

މުބާރާތުގައި މިރޭ އޮންނާނީ އަށް މެޗެކެވެ. މިރޭ އޮތީ ހދ އަތޮޅުގެ ހަތަރު މެޗާއި ހއ އަތޮޅުގެ ކުއާޓާ ފައިނަލް މެޗުތަކެވެ.

20:00 ހދ. ނާވައިދޫ - ހދ. ހިރިމަރަދޫ (ގްރައުންޑް 1)

20:00 ހދ. ފިނޭ - ހދ. ނެއްލައިދޫ (ގްރައުންޑް 2)

21:00 ހދ. ނޭކުރެންދޫ - ހދ. ނޮޅިވަރަންފަރު (ގްރައުންޑް 1)

21:00 ހދ. ކުމުންދޫ - ހދ. ވައިކަރަދޫ (ގްރައުންޑް 2)

22:00 ހއ. ކެލާ - ހއ. މުރައިދޫ (ގްރައުންޑް 1)

22:00 ހއ. ބާރަށް - ހއ. ފިއްލަދޫ (ގްރައުންޑް 2)

23:00 ހއ. ވަށަފަރު - ހއ. މާރަންދޫ (ގްރައުންޑް 1)

23:00 ހއ. ދިއްދޫ - ހއ. އުތީމު (ގްރައުންޑް 2)