މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ އަތޮޅު ބުރުގައި އިއްޔެ ހަވީރު ކުޅުނު މެޗުތަކުން ށ. ބިލެއްފަހި، ށ. ކަނޑިތީމު މޮޅުވި އިރު، އއ. އަތޮޅުގެ ދެމެޗުވެސް އެއްވަރުވެއްޖެއެވެ.

މުބާރާތުގެ މެޗުތައް ހުޅުމާލޭ ރެހެންދި ޓާފުގައި ކުރިއަށްދާ އިރު، އިއްޔެ ހަވީރު ކުޅެފައިވަނީ ށ. އަތޮޅު ގްރޫޕް އެކެއްގެ ދެ މެޗާއި އއ. އަތޮޅު ލީގު ބުރުގެ ދެ މެޗެވެ. އިއްޔެ ހަވީރު ށ. އަތޮޅު ގްރޫޕް އެކެއްގައި ކަނޑިތީމުން 6-2 އިން މަރޮށި ބަލިކުރި އިރު، އެ އަތޮޅުގެ ގްރޫޕް އެކެއްގައި 4-2 ނަތީޖާއަކުން ބިލެއްފަހިން ވަނީ މިލަންދޫ ބަލިކޮށްފައެވެ.

ކަނޑިތީމުން އިއްޔެގެ މެޗުގައި ޖެހި ގޯލުތައް ޖެހީ، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އިބްރާހީމް ނަދާދާއި އަހުމަދު ނިމާލާއި ރައުލް ރިޔާޒްގެ އިތުރުން އަހުމަދު ރިޒާން އަދި މުހައްމަދު ޝާނެވެ. މެޗުގައި ނަދާދު ވަނީ ދެ ގޯލު ޖަހަައިފައެވެ. އިއްޔެގެ މެޗުގައި މަރޮށީގެ ގޯލުތައް ޖެހީ ޝަހުދާން ނަސީމް އަދި އަބްދުލް ރަހުމާން ސާމީއެވެ.

ށ. ބިލެއްފަހިން އިއްޔެ މޮޅުވި މެޗުގައި ގޯލުތައް ޖެހީ އަބްދުﷲ ހަމީދާއި މުހައްމަދު އަމީނެވެ. ހަމީދު ހެޓްރިކް ހެދި އިރު، މިލަންދޫގެ ގޯލުތައް ޖެހީ މުހައްމަދު ނާއިލާއި އަލީ ޖުނައިދެވެ.

މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެ، ކަނޑިތީމުން އަތޮޅު ސެމީގެ ޖާގައެއް ޔަގީން ކޮށްފައިވާ އިރު، ކޮންމެ ޓީމަކަށްވެސް އަދި މެޗެއް އެބައޮތެވެ.

އއ. އަތޮޅުން ލީގު އުސޫލުން އަތޮޅު ބުރުގެ މެޗުތައް ކުޅެމުންދާ އިރު، އިއްޔެ ކުޅުނު ދެ މެޗުވެސްވީ އެއްވަރެވެ. އއ. ބޮޑުފޮޅުދޫން 1-1 އއ. މަތިވެރިއާ އެއްވަރުވި އިރު، މެޗުގައި ބޮޑުފޮޅުދޫގެ ގޯލު ޖެހީ އަލީ ޝަނީޒެވެ. މަތިވެރީގެ ގޯލު ޖެހީ އަލީ އަލްސަންއެވެ.

ރަސްދޫއާއި ތޮއްޑޫ މެޗު 2-2 އިން އެއްވަރުވި އިރު، ރަސްދޫގެ ގޯލުތައް ޖެހީ އަލީ ރަޝްވާން އަހުމަދާއި ހުސައިން ޝަރީފެވެ. ތޮއްޑޫގެ ގޯލުތައް މެޗުގައި ޖެހީ އިބްރާހީމް އުޝާމަތާއި އަލީ މަނާލް މުސްތަފާއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މި އަހަރުގެވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.

މުބާރާތުގެ އަތޮޅު ބުރުގެ މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ.