ސިއްހީ ދާއިރާ ފަދަ ދާއިރާތަކާއި އެނޫންވެސް އެކި ދާއިރާތަކުން މިހާރު ފެންނަމުންމިދާ ކުރިއެރުމުގެ އަސްލު ގުޅިފައިވަނީ ސަރުކާރުގެ ކާމިޔާބު ހާރިޖީ ސިޔާސަތާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލުގެ އެންޑީ އަބްދުﷲ އަބްދުލްހަކީމް އޮޕްތަލްމޮލޮޖީ ސެންޓަރުގައި ހުނަރާއި ހިދުމަތްތައް މިހާރަށްވުރެ އިތުރަށް ތަރައްގީކުރުމަށް ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ހިންގާ ޕްރޮގްރާމު އިފްތިތާހުކޮށްދެއްވުމަށް އެ ސެންޓަރުގައި މިރޭ ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިރުޝާދާއި ހަރުދަނާ ލީޑާޝިޕްގެ ދަށުން ބައިނަލްއަގުވާމީ މުޖުތަމައުއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އދ.ގެ މެމްބަރު ގައުމުތަކުގެ 94 ޕަސަންޓް ގައުމުތަކާއެކު ރާއްޖެއިން ސިޔާސީ ގުޅުން ގާއިމުކޮށްފައިވާ އިރު، މިއީ މިހާ ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް އާދަޔާ ހިލާފު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

ނައިބު ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން، މާލެއަށް ސިއްހީ ހިދުމަތް ސެންޓްރަލައިޒް ކުރުމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެ ގޮންޖެހުންތަކުން އަރައިގަތުމަށް މި ސަރުކާރުން ލާމަރުކަޒީ އުސޫލުން ހިންގުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ބޭސްފަރުވާގެ އެހީތެރިކަން ހޯދުމަށް ރާއްޖޭގެ ވެރިކަންކުރާ ރަށަށް ކޮންމެހެން ދާން ޖެހޭގޮތަށް ހުރި ކަންކަން ބަދަލުކުރުމަކީ މި ސަރުކާރުގެ ވައުދެއްކަމުގައި ވިދާޅުވެފައެވެ.

ނައިބު ރައީސް ފައިސަލް ނަސީމް އިތުރަށް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ހިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ސިއްހީ ހިދުމަތްތެރިންނަށް ތައުލީމާއި ތަމްރީނު ދޭންޖެހޭ ކަމަށެވެ. ހަމަ އެއާއެކު ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އެއްގޮތްކޮށް، މިދިޔަ އަހަރު ތައުލީމީ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު، މި އަހަރު ސިއްހީ ދާއިރާ ކުރިއެރުވުމަށް ހާއްސަ ސަމާލުކަމެއް ދޭން ސަރުކާރުން މީގެ ކުރިން އިއުލާންކުރައްވާފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

މި ހަފުލާގައި ނައިބު ރައީސް ވަނީ ޗައިނާ ސަރުކާރުން ރާއްޖެއާ މެދު ބަހައްޓާ ގާތްކަމާއި ދެމުންގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ކުރިއަށްއޮތް އަހަރުތަކުގައި ވެސް މި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަގީންކުރައްވާކަމުގައި ވިދާޅުވެފައެވެ.

އެންޑީ އަބްދުﷲ އަބްދުލްހަކީމް އޮޕްތަލްމޮލޮޖީ ސެންޓަރަކީ 2020 ވަނަ އަހަރު ޗައިނާ ސަރުކާރުގެ އެހީގައި ހުޅުވި ސެންޓަރެކެވެ.