އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ވެސްޓް ހަމް ޔުނައިޓެޑް ދަނޑުގައި ޗެލްސީން ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެއެވެ.
މިއަދު ވެސްޓް ހަމް ކައިރިން އެއްވަރުވެ ޗެލްސީ އޮތީ ލީގު ތާވަލުގެ ނުވަ ވަނައިގައެވެ. އެއީ 22 މެޗުން 31 ޕޮއިންޓާއެކުގައެވެ. ވެސްޓް ހަމް މި ވަގުތު ލީގު ތާވަލުގެ 15 ވަނައިގައި އޮތް އިރު، އެ ޓީމަށް ލިބިފައި ވަނީ 22 މެޗުން 20 ޕޮއިންޓެވެ. ޗެލްސީން އެންމެފަހުން ލީގުގައި ކުޅުނު އަށް މެޗުގެ ތެރެއިން އެ ޓީމަށް މޮޅު ވެވުނީ އެންމެ ދެ މެޗުންނެވެ.
ޖެނުއަރީ ޓްރާންސްފާ ސީޒަނުގައިވެސް އާދަޔާހިލާފު ބޮޑު ހަރަދެއްކުރި ޗެލްސީން ޖެނުއަރީއަށްފަހު ކުޅުނު ދެ މެޗުވެސް އެއްވަރުވި އިރު، މިއަދުގެ މެޗުގައިވެސް ޗެލްސީއާ އަލަށް ގުޅުނު ކުޅުންތެރިން ފެނިފައިވެއެވެ. އެންޒޯ ފެނާންޑޭޒް މެދު ތެރެއިން ރަނގަޅަށް ކުޅުނު ނަމަވެސް އެ ޓީމަށް އެންމެ އެކަށޭނެ ގޮތެއްގައި ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.
މިރޭގެ މެޗު ފެށިގެން ޗެލްސީން ރަނގަޅަށް ކުޅެފައިވާ އިރު، ކައި ހަވާޓްސްއާއި މިކައިލޯ މުޑްރީކާއި ނޯނީ މަޑުއޭ އަދި ޖާއޯ ފެލިކްސް ދިޔައީ ނުރައްކާ ކުރަމުންނެވެ. ފެލިކްސް މިއަދުގެ މެޗަށް ނުކުތީ ޗެލްސީ ޖާޒީގައި އޭނާ ކުޅުނު ފުރަތަމަ މެޗުގައި ހޯދި ރަތް ކާޑުގެ ސަސްޕެންޝަން ނިންމައިފައެވެ.
ހަވާޓްސްއާއި މަޑުއޭގެ ހަމަލާތައް ފުރަތަމަ ހާފުގައި ވެސްޓް ހަމްގެ ގޯލްކީޕަރު ލޫކަސް ފަބިއާންސްކީ މަތަކޮށް ބޭރުކޮށްލާފައިވާ އިރު، ޗެލްސީގެ ގޯލް ފެނުނީ 16 ވަނަ މިނެޓުގައެވެ. މުޑްރީކްގެ މަސައްކަތުން ހޯދި ބޯޅައިގައި އެންޒޯ ނަގައިދިން ހުރަސް ގޯލަށް ވައްދާލީ ފެލިކްސްއެވެ.
ޗެލްސީން ރަނގަޅަށް ކުޅެމުން ދަނިކޮށް ވެސްޓް ހަމުން ހިތްވަރު ހޯދީ 28 ވަނަ މިނެޓުގައި ގޯލެއް ޖަހައި، ނަތީޖާ ހަމަހަމަ ކޮށްގެންނެވެ. ޖެރާޑް ބޮވެން ބޮލުން ޖައްސާލި ބޯޅައަށް އަރައި ޗެލްސީ ކޮޅަށް ގޯލް ޖެހީ ކުރިން އެ ކްލަބަށް ކުޅުނު އިޓަލީ ޑީފެންޑަރު އެމަސަންއެވެ.
ދެވަނަ ހާފަށް ނުކުމެ ފުރަތަމަ ކޮޅުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަލާތައް ފެނިފައި ނުވާއިރު، ބަދަލުތަކާއެކު ޗެލްސީން ގޯލަކަށް މަސައްކަތް ކުރިއެވެ. މުޑްރީކަށް ލިބުނު ފުރުސަތުގައި އޭނާއަށް ރަނގަޅަށް ބޯޅަ ފޮނުވާނުލެވުނު އިރު، އެންޒޯގެ ހަމަލާ ދިޔައީ ބޭރަށެވެ.
އަނެއްކޮޅުން ކައުންޓާގައި މިޝޭލް އެންޓޯނިއޯ ފޮނުވާލި ހަމަލާ މަތަކޮށް ބޭރުކޮށްލީ ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރީޒާބަލާގައެވެ. ވެސްޓް ހަމްއިން ހިލޭ ޖެހުމެއްގައި ނުރައްކާކޮށް، ރީބައުންސް ބޯޅައެއްގައި ތޯމަސް ސޯޗެކް ފޮނުވާލި ބޯޅައެއް ގޯލަށް ވައްދާލި ނަމަވެސް ވީއޭއާރް ބަލައި ރެފްރީ ނިންމީ އެ ހަމަލާ ފުރަތަމަ ފޮނުވާލި ޑެކްލަން ރައިސް އޮފްސައިޑްވި ކަމަށެވެ.
މެޗުގެ ފަހު މިނެޓްގައި ވެސްޓް ހަމްގެ އޭރިއާ ތެރެއިން ސޯޗެކް އަތުގައި ޖެހުނު ނަމަވެސް، ރެފްރީ ނިންމީ ޗެލްސީއަށް ޕެނަލްޓީއެއް ނުދޭށެވެ. އެކަމަށް ޗެލްސީ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް ރެފްރީއަށް ޝަކުވާ ކޮށްފައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު