ހިލްޓަން އިންޓަނޭޝަނަލް މެނޭޖް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑަށް 24 މިލިއަން ޑޮލަރު ދައްކަން ސްން ޓްރެވަލްސް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ހިލްޓަން އިންޓަނޭޝަނަލް މެނޭޖް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް އާއި ސަން ޓްރެވަލްސް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު އިރުފުށި ބީޗު އެންޑް ސްޕާ ރިސޯޓު ހިންގުމަށް 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ސަން ޓްރެވަލްސްއިން އެ އެއްބަސްވުން 2013 ވަނަ އަހަރުގެ އެޕްރީލް މަހުގެ 30 ވަނަ ދުވަހު ބާތިލުކުރުމުން ހިލްޓަންއިން ވަނީ ސަން ޓްރެވަލްސްއާ ދެކޮޅަށް އިންޓަނޭޝަނަލް ޗެމްބާ އޮފް ކޮމާސް (އައިސީސީ) ގެ އިންޓަނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަންއަށް މައްސަލަ ހުށަހަޅައިފައެވެ. 2013 ވަނަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު އައިސީސީ ކޯޓް އޮފް އާބިޓްރޭޝަންއިން، އާބިޓްރޭޝަން ބައްދަލުވުމުން ބާއްވާނެ ތަނެއް (ސީޓް އޮފް އާބިޓްރޭޝަން) ގެ ގޮތުގައި ސިންގަޕޫރު ކަނޑައަޅާފައިވެއެވެ.
އެ މައްސަލު ބެލުމަށްފަހު ސިންގަޕޫރު އާބިޓްރޭޝަނުން 2015 ވަނަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހު "ޕާޝަލް އެވޯޑް އަދި 2015 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު "ފައިނަލް އެވޯޑް" ނެރެފައިވެއެވެ. އެ ފައިނަލް އެވޯޑުގެ ދަށުން ޓްރެވަލްސްއިން ހިލްޓަންއަށް 20،945،000 ޑޮލަރު ދައްކަން ވަނީ އަމުރުކޮށްފައެވެ. އަދި ވަނީ ޖޫރިމާނާ އާއި އިތުރު ހަރަދުތައް ދެއްކުމަށްވެސް އަމުރުކޮށްފައެވެ.
އާބިޓްރޭޝަންގެ ނިންމުން ތަންފީޒުކޮށްދިނުމަށް އެދި ހިލްޓަންއިން ވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. ސިވިލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު ނިންމީ ހިލްޓަން މައްސަލަ ހުށަހަޅާފައިވަނީ އެ ކޯޓުގެ ނުބައި ޑިވިޝަންއަކަށް ކަމަށެވެ. އެ ހުކުމަށްފަހު ހިލްޓަންއިން ވަނީ އަލުން 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. އެފަހަރު އެ މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން އަމުރުކުރީ އާބިިޓްރަލް ތަންފީޒު ކުރުމުގެ މައްސަލަ ކުރިއަށް ގެންދެވޭނީ އެ އެވޯޑާމެދު ހައިކޯޓުން ކުރާ އަމުރަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ސިވިލް ކޯޓުގެ އެ ހުކުމް ހިލްޓަންއިން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން، ހައި ކޯޓުން އެ މައްސަލަ ބެލުމަށްފަހު ހުކުމްކުރީ "އާބިޓްރޭޝަން ގާނޫނު"ގެ ދަށުން އާބިޓްރަލް ތަންފީޒުކުރުމާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތައް ސިވިލް ކޯޓަށް ބެލޭނެ ކަމަށެވެ.
އެހެންވެ ހިލްޓަންއިން ވަނީ ތިންވަނަ ފަހަރަށް އާބިޓްރޭޝަންގެ ހުކުމް ތަންފީޒު ކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅައިފައެވެ. އެ މައްސަލަ ބެލުމަށްފަހު މިދިޔަ އާދިއްތަ ދުވަހު ކުރި ހުކުމުގައި ބުނީ، އައިސީސީގެ ނިންމުމާ ގުޅިގެން "އާބިޓްރޭޝަން ގާނޫނު"ގެ 74 ވަނަ މާއްދާއަށް ރިއާޔަތްކޮށް އާބިޓްރަލް އެވޯޑުތައް ރާއްޖޭގައި ބަލައިގަތުން މަނާވެގެންވާ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި، އެ އެވޯޑުތައް ބަލައިގަނެ, އެ އެވޯޑުތަކާ ގުޅިގެން ބާކީ ދައްކަންޖެހޭ އެންމެހާ ފައިސާ އަރަމުންދާ ޖޫރިމަނާ އާއި އިތުރު ހަރަދުތަކާއެކު ސަން ޓްރެވަލްސްއިން 14 ދުވަހުގެ ތެރޭގައި ހިލްޓަން ލިބެންޖެހޭ ފައިސާ ސިވިލް ކޯޓު މެދުވެރިކޮށް ދައްކަން ޖެހޭނެ ކަމަށެވެ.
ދައުވާގެ ދިފާއުގައި ސަން ޓްރެވަލްސްއިން ވަނީ ރާއްޖޭގައި އާބިޓްރޭޓަށް އެވޯޑުތައް ބަލައިގަނެ، ތަންފީޒު ނުކުރެވޭނެ ކަމަށާއި އަދި ހިލްޓަންގެ ފަރާތުން މައްސަލައިގައި ހަދާފައިވާ ހީލަތް ޓްރައިބިއުނަލުން ބަލާފައިނުވާކަން ފާހަގަކޮށްފައެވެ. އަދި މައްސަލައިގައި ހިމެނޭ އެވޯޑުތަކަކީ ދިވެހި ދައުލަތުގެ އާންމު ސިޔާސަތާ ހިލާފު އެވޯޑުތަކެއް ކަމަށް ބުނެފައެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ އެއިން އެއްވެސް ކަމެއް ބަލައި ނުގަނެވޭނެ ކަމަށެވެ.
މި މައްސަލަ ބެއްލެވީ ގާޒީ ރިޒްމީނާ އިދްރީސްއެވެ.
ޚަބަރު
ޚަބަރު
ޚަބަރު