މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ އަތޮޅު ބުރުގައި މިއަދު ހަވީރު ކުޅުނު ކ. އަތޮޅުގެ މެޗުތައް އެންމެފަހުގެ ރަނަރަޕް ގާފަރާއި ދިއްފުށިން ކާމިޔާބު ކުރި އިރު، މ. އަތޮޅުގެ ފުރަތަމަ މެޗުތައް ކޮޅުފުއްޓާއި ނާލާފުށިން ކާމިޔާބުކޮށްފިއެވެ.
މުބާރާތުގެ މެޗުތައް ހުޅުމާލޭ ރެހެންދި ޓާފުގައި ކުރިއަށްދާ އިރު، މިއަދު ހަވީރު ވަނީ ހަތަރު މެޗެއް ކުޅެފައެވެ. އެއީ ކ. އަތޮޅުގެ ގްރޫޕް އެކެއްގެ ދެ މެޗާއި މ. އަތޮޅު ދެ ގްރޫޕްގެ ދެ މެޗެވެ. މ. އަތޮޅުން މުބާރާތުގައި ހަ ޓީމުން ވާދަކުރާ އިރު، އެ އަތޮޅު ބުރު ކުޅެނީ ދެ ގްރޫޕަށް ބަހާލައިގެންނެވެ.
މ. އަތޮޅު ގްރޫޕް އެކެއްގައި ނާލާފުށިން 4-1 އިން މުލަކު ބަލިކުރި އިރު، އެ މެޗުގައި ނާލާފުށީގެ ހަތަރު ގޯލްވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އަލީ އަޒުމީލެވެ. މުލަކުގެ ގޯލް ޖެހީ ސުޖާން ހުސައިނެވެ. އެ އަތޮޅުގެ ގްރޫޕް ދޭއްގައި މަޑުއްވަރީ ކައިރިން ކޮޅުފުށި މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ކޮޅުފުށީގެ މޫސާ ޒާހިރު މެޗުގައި ހެޓްރިކް ހެދި އިރު، މަޑުއްވަރީގެ ދެ ގޯލް ޖެހީ އިރްފާން އާމިރެވެ.
ކ. އަތޮޅު ގްރޫޕް އެކެއްގައި ދިއްފުށިން މިއަދު ކުޅުނީ ތުލުސްދުއާ ދެކޮޅަށެވެ. އެ މެޗު 6-1 އިން ކާމިޔާބުކޮށް ދިއްފުށިން ދެވަނަ މޮޅު ހޯދި އިރު، އެޓީމަށް ވަނީ އަތޮޅު ސެމީގެ ޖާގައެއް ޔަގީންވެފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ދިއްފުށީގެ އަހުމަދު މާޒިން އާއި ރިލްވާން ރަޝީދު، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖެހި އިރު، ދިއްފުއްޓަށް އަނެއް ދެ ގޯލް ޖަހައިދިނީ ޒައިން ޒަފަރާއި ޝައިހާން ފާއިޒެވެ. ތުލުސްދޫގެ ގޯލް ޖަހައިދިނީ އަހުމަދު ޝައިން ހަސަނެވެ.
ގާފަރުން މުބާރާތުގެ ދެވަނަ މޮޅު ހޯދީ ގުރައިދޫ ކައިރިން 2-1 އިން މޮޅުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އަލީ މާއިސް (މައްޓު) އާއި އިބްރާހީމް ރިމާހް (ރިމޭ) މެޗުގައި ގާފަރަށް ގޯލުތައް ޖަހައިދިން އިރު، ގުރައިދޫގެ ގޯލް ޖެހީ މުހައްމަދު މުއްސަފު އިބްރާހީމެވެ.
ކ. އަތޮޅު ގްރޫޕް އެކެއްގައި ދިއްފުއްޓާއި ގާފަރު ޕޮއިންޓްގެ ގޮތުން ހަމަހަމަވެފައި އޮތް އިރު، ގްރޫޕްގެ އެއްވަނަ މަގާމުގެ ގޮތުގައި އަތޮޅު ސެމީއަށް ދާ ޓީމު އެނގޭނީ އެ ޓީމު ވާދަކުރާ ގްރޫޕްގެ ފަހު މެޗުގެ ނަތީޖާއިންނެވެ.
ކ. އަތޮޅު ގްރޫޕް ދޭއްގެ މެޗެއް މިރޭ އޮންނާނެއެވެ. އެއީ ހިންނަފުއްޓާއި މާފުށި ވާދަކުރާ މެޗެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މި އަހަރުގެވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
20:00 ކ. ހިންމަފުށި - ކ. މާފުށި (ގްރައުންޑް 1)
20:00 ތ. ބުރުނި - ތ. ތިމަރަފުށި (ގްރައުންޑް 2)
21:00 ހއ. ކެލާ - ހއ. ތުރާކުނު (ގްރައުންޑް 1)
21:00 ހއ. މާރަންދޫ - ހއ. ބާރަށް (ގްރައުންޑް 2)
22:00 ހއ. ވަށަފަރު - ހއ. އުތީމު (ގްރައުންޑް 1)
22:00 ހއ. ހޯރަފުށި - ހއ. އިހަވަންދޫ (ގްރައުންޑް 2)
23:00 ހއ. ފިއްލަދޫ - ހއ. ތަކަންދޫ (ގްރައުންޑް 1)
23:00 ހއ. ދިއްދޫ - ހއ. މުރައިދޫ (ގްރައުންޑް 2)
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް