އެކި ބައްރުތަކުގެ ޗެމްޕިއަން ކްލަބްތަކުގެ މެދުގައި މޮރޮކޯގައި މިހާރު ކުރިއަށްދާ ކްލަބް ވޯލްޑްކަޕްގެ ފައިނަލަށް އޭޝިޔާގެ ޗެމްޕިއަން ސައޫދީ އަރަބިޔާގެ އަލްހިލާލް ދަތުރު ކުރުމާގުޅިގެން އެ ކުލަބުގެ ކުޅުންތެރިންނަށް ފައިސާގެ ބޮޑެތި އިނާމުތަކެއް ލިބިއްޖެއެވެ.
އަލްހިލާލް ފައިނަލަށް ދިޔައީ ދެކުނު އެމެރިކާގެ ޗެމްޕިއަން ބްރެޒިލްގެ ފްލެމިންގޯ ތިނެއްދޭކުން ބަލިކޮށްފައެވެ. މިއީ ވޯލްޑް ކްލަބް ކަޕްގެ ފައިނަލުން ސައޫދީ ޓީމަކަށް ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ. މިކަމުގެ އުފަލުގައި ސައޫދީ މަހުޖަނު ޕްރިންސް އަލްވަލީދު ވަނީ ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް އެއް މިލިޔަން ރިޔާލް ދެއްވައިފައެވެ. މުބާރާތުގެ ފައިނަލްގައި ސްޕޭނުގެ ރެއާލް މެޑްރިޑް އަތުން މޮޅުވެއްޖެނަމަ އޭގެ ދެގުނަ ދެއްވާނެ ކަމަށްވެސް އަލްވަލީދު ވަނީ ވިދާޅުވެފައެވެ.
ފްލެމިންގޯ އަތުން މޮޅުވުމުގެ އުފަލުގައި ސައޫދީ އަރަބިޔާގެ ކުޅިވަރާބެހޭ ވަޒީރުވެސް ވަނީ އަލްހިލާލްގެ ކޮންމެ ކުޅުންތެރިޔަކަށް ބައިމިލިޔަން ރިޔާލް ދެއްވާނެކަން އިއުލާން ކުރައްވައިފައެވެ. ފައިނަލުން މޮޅުވެއްޖެނަމަ އެއަދަދު ޑަބަލް ކުރައްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. ފައިނަލްގައި އަލްހިލާލާ ވާދަކުރުމުގެ ފުރުސަތު ޔޫރަޕުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ބުދަދުވަހު ލިބުނީ އެފްރިކާގެ ޗެމްޕިއަން މިސްރުގެ އަލްއަހުލީ ހަތަރެއް އެކަކުން ބަލިކޮށްފައެވެ.
ސައޫދީ އަރަބިޔާގެ އަލްހިލާލް އަތުން ބަލިވުމުގެ ޒިންމާ ފްލެމިންގޯގެ ކޯޗު އަޅުވަނީ ރެފްރީގެ ބޮލުގައެވެ. އޭނާ ބުނެފައިވަނީ ރެފްރީގެ ނިންމުންތައް ގޯސްވެފައި ބޭއިންސާފު ކަމުގައެވެ. ބަލިވީ އެހެންވެގެން ކަމުގައެވެ. އޭނާ އެ އިޝާރާތް ކުރަނީ އަލްހިލާލަށް ދެ ޕެނަލްޓީ ލިބުމާއި ފްލެމިންގޯގެ ކުޅުންތެރިޔަކަށް ފުރަތަމަ ހާފުގައި ދެއްކި ރަތްކާޑަށެވެ. ރެއާލް މެޑްރިޑާއި އަލްހިލާލްގެ ފައިނަލް މެޗު ކުޅޭނީ ހޮނިހިރު ދުވަހުގެ ރޭގަނޑުއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު