މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތަކުން ހދ، މަކުނުދޫ އާއި އެއަތޮޅު ނޭކުރެންދޫ، ނެއްލައިދޫ، ނައިވާދޫގެ އިތުރުން ލ. ގަމާއި، ލ. މާބައިދޫ އަދި ގދ. ވާދޫ އާއި އެ އަތޮޅު ހޯޑެއްދޫ މޮޅުވެއްޖެއެވެ.
މުބާރާތުގެ މެޗުތައް ހުޅުމާލޭ ރެހެންދި ޓާފުގައި ކުރިއަށްދާ އިރު، ރޭވެސް ވަނީ އަތޮޅު ބުރުގެ އަށް މެޗު ކުޅެފައެވެ. އެއީ ހދ. އަތޮޅުގެ ދެ ގްރޫޕުގެ ހަތަރު މެޗާއި ލ. އަތޮޅުގެ ދެމެޗުގެ އިތުރުން ގދ. އަތޮޅުގެ ދެމެޗެވެ.
މިއަހަރުގެ މުބާރާތުގައި ހދ. އަތޮޅުގެ މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުޅެމުންދާ އިރު، އެ އަތޮޅު ބުރުގައި ނޭކުރެންދޫން ފުރަތަމަ ކުޅުނު މެޗުގައި ރޭ ހިރިމަރަދޫ ބަލިކުރީ 11-1 ގެ ނަތީޖާއަކުންނެވެ. ނޭކުރެންދޫގެ ކެޕްޓަން މުހައްމަދު ވިލްފް ރޭގެ މެޗުގައި ހެޓްރިކް ހެދި އިރު، ޝިފާޒް އާދިލް (ތުއްތު)، މުހައްމަދު އަބާން އިބްރާހިމް، މުހައްމަދު އަބްދުލް ކަރީމް، އޭގެން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލް ޖަހައިފައެވެ.
ނޭކުރެންދޫގެ އަނެއް ދެ ގޯލް އަލީ ނިޝާން އަދި މުހައްމަދު ރާއިފް ފަޒީލް ޖެހި އިރު، ހިރިމަރަދޫގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ ހަސަން ރިސްފާހެވެ.
އެ އަތޮޅު ގްރޫޕް އެކެއްގައި ރޭ ކުޅުނު އަނެއް މެޗުގައި ނައިވާދޫން ވަނީ 3-1 އިން ނޮޅިވަރަންފަރު ބަލިކޮށްފައެވެ. ނައިވާދޫގެ ގޯލުތައް ޖެހީ އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި ޔާމިން މުހައްމަދު (ޔާންޓެ) އެވެ. ޝާއްޕެ މެޗުގައި ދެ ގޯލް ޖަހާފައިވާ އިރު، އަނެއްކޮޅުން ނޮޅިވަރަންފަރުގެ ހަމައެކަނި ގޯލު ޖެހީ އިބްރާހީމް ވަހީދު ހަސަން (އިއްބެ) އެވެ.
އެ އަތޮޅު ގްރޫޕް ދޭއްގައި ފުރަތަމަ މެޗުން މޮޅުވެފައި އޮތް ވައިކަރަދޫން ރޭ މަކުނުދޫ އަތުން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މަކުނުދޫގެ ގޯލުތައް ނިހާން އަހުމަދާއި ޒިދާން އަހުމަދު ކާމިޔާބުކޮށްދިން އިރު، ވައިކަރަދޫގެ ގޯލް ޖެހީ އިބްރާހީމް އަގީލެވެ. އެ ގްރޫޕްގައި ރޭ ކުޅުނު އަނެއް މެޗުގައި ނެއްލައިދޫން ކުމުންދީ ކައިރިން މޮޅުވީވެސް 2-1 ގެ ނަތީޖާއަކުންނެވެ.
ނެއްލައިދޫގެ ގޯލްތައް ހުސައިން ހާފިޒާއި މުހައްމަދު ވިސާމް ޖަހައިދިން އިރު، ކުމުންދޫގެ ގޯލް ޖެހީ މަންސޫރު މުހައްމަދެވެ.
މިއަހަރުގެ މުބާރާތުގައި ލ. ގަމުގެ ފަސް ޓީމު ބައިވެރިވެފައިވާ އިރު، ރޭ އަތޮޅުގެ ފުރަތަމަ މެޗުގައި ގަމުން ވަނީ މާމެންދު ބަލިކޮށްފައެވެ. 2-1 އިން ރޭގެ މެޗުން ގަން މޮޅުވި އިރު، ގޯލުތައް ޖެހީ އަބްދުﷲ ޖުނައިދު (ޖޭއްނޭ) އާއި ހުސައިން ނާޝިދު (ނާއްޓޯ) އެވެ. މާމެންދޫގެ ހަމައެކަނި ގޯލް ޖެހީ ހުސައިން އަޒުމަތެވެ.
އެ އަތޮޅު ކަލައިދޫ ކައިރިން ރޭ މާބައިދޫ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި މާބައިދޫގެ ގޯލުތައް އަހުމަދު ތޯހާ އާއި މުހައްމަދު ފައިޒަމް ޖަހައިދިން އިރު، ކަލައިދޫގެ ގޯލް ޖެހީ މުހައްމަދު ތޯއިފް ޝަކީލެވެ.
ގދ. އަތޮޅުންވެސް ފަސް ޓީމު މުބާރާތުގައި ބައިވެރިވެފައިވާ އިރު، އަތޮޅު ލީގު ބުރުގެ ކުޅުން ރޭ ފެށިއެވެ. ފުރަތަމަ މެޗުވެސް ފޯރިގަދަކޮށް ދިޔަ އިރު، ވާދޫން ގައްދޫ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ވާދޫގެ ގޯލުތައް ޖެހީ ނަޝާހު އަހުމަދު (ނައްޓު) އާއި މުހައްމަދު އިޔާދު އަލީ އަދި މުހައްމަދު ނާއިލެވެ. ގައްދޫގެ ހަމައެކަނި ގޯލް ޖެހީ އާލިމް އަބްދުލް އަޒީޒެވެ.
ރޭ ކުޅުނު އެ އަތޮޅުގެ އަނެއް މެޗުގައި ހޯޑެއްދޫން 2-1 އިން ތިނަދޫ ބަލިކުރި އިރު، ހޯޑެއްދޫގެ ގޯލްތައް ޖެހީ އަހުމަދު ނަވާލް ޖަމީލާއި އަހުމަދު ޝާނިއު އަބްދުލްޣަނީއެވެ. ތިނަދޫގެ ގޯލް ޖެހީ އިބްރާހީމް ހުސައިނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މި އަހަރުގެވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
މުބާރާތުގެ އަތޮޅު ބުރުގެ މެޗުތައް މިއަދު ހަވީރާއި މިރޭވެސް ކުރިއަށްދާނެއެވެ.
16:00 ކ. ގާފަރު - ކ. ގުރައިދޫ (ގްރައުންޑް 1)
16:00 ކ. ދިއްފުށި - ކ. ތުލުސްދޫ (ގްރައުންޑް 2)
17:00 މ. ނާލާފުށި - މ. މުލަކް (ގްރައުންޑް 1)
17:00 މ. މަޑުއްވަރި - މ. ކޮޅުފުށި (ގްރައުންޑް 2)
20:00 ކ. ހިންމަފުށި - ކ. މާފުށި (ގްރައުންޑް 1)
20:00 ތ. ބުރުނި - ތ. ތިމަރަފުށި (ގްރައުންޑް 2)
21:00 ހއ. ކެލާ - ހއ. ތުރާކުނު (ގްރައުންޑް 1)
21:00 ހއ. މާރަންދޫ - ހއ. ބާރަށް (ގްރައުންޑް 2)
22:00 ހއ. ވަށަފަރު - ހއ. އުތީމު (ގްރައުންޑް 1)
22:00 ހއ. ހޯރަފުށި - ހއ. އިހަވަންދޫ (ގްރައުންޑް 2)
23:00 ހއ. ފިއްލަދޫ - ހއ. ތަކަންދޫ (ގްރައުންޑް 1)
23:00 ހއ. ދިއްދޫ - ހއ. މުރައިދޫ (ގްރައުންޑް 2)
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް