ރާއްޖޭގެ ޝަރުއީ ދާއިރާ މިއަދު މަސައްކަތް ކުރަމުން އަންނަނީ ފުރިހަމަ މިނިވަންކަމާ އެކު ކަމަށާއި ފަނޑިޔާރުގޭގެ ނިންމުންތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި އަންނަނީ އިތުބާރު އުފެދެމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޖުޑީޝަލް އަހަރު ފެށުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި "ޤަޟާއީ އަހަރު 2023" އިފުތިތާހުކޮށްދެއްވައި ރައީސް ސޯލިހު ވިދާޅުވީ ފަނޑިޔާރުގޭގެ ޒިންމާއަކީ އެންމެހައި ފަރުދުންގެ މެދުގައި އަދުލު އިންސާފު ގާއިމުކޮށްދިނުން ކަމަށާއި އަނިޔާއިން އެއްކިބާވެ އަދުލަށް ނިޔާ ކަނޑައަޅައި، ރައްޔިތުންގެ ހައްގުތައް ހޯދައިދިނުން ކަމަށެވެ. އެ ޒިންމާ އަދާކުރެވޭނީ، ގާނޫނުގެ ވެރިކަން ދެމެހެއްޓުމަކީ ފަނޑިޔާރުންގެ އެންމެ އިސް އަމާޒު ކަމުގައި ހަދައިގެން ކަމަށާއި އެ އަމާޒު ހާސިލުކުރެވޭނީ ފަނޑިޔާރުންގެ ހުކުމްތައް އިސްލާމީ ޝަރީއަތާއި ގާނޫނު އަސާސީ އާއި ގާނޫނުތަކުގައިވާ ގޮތަށް ހުކުމްކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެ މިނިވަންކަމާއި ބާރު، ރާއްޖޭގެ ގާނޫނު އަސާސީން އޮތީ ފަނޑިޔާރުގެއަށް ދީފައި. ޝަރުއީ ދާއިރާ މިއަދު މަސައްކަތް ކުރަމުން އަންނަނީ ފުރިހަމަ މިނިވަންކަމާ އެކު، މުސްތަގިއްލު ބާރެއްގެ ގޮތުގައި. ފަނޑިޔާރުގެއިން ކަން ކުރަންވީ ގޮތާއި ނުކުރަންވީ ގޮތް ބުނެދޭންޖެހޭ އެހެން ބަޔަކު ނުތިބޭނެ،" ރައީސް ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ފަނޑިޔާރުގެއާ މެދު ރައްޔިތުންގެ ހިތްތަކުގައި ކުރިން އޮތް ނުރަނގަޅު ތަސައްވުރު، މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް މިހާރު އަޅުގަނޑަށް ދެންނެވިދާނެ. ފަނޑިޔާރުގޭގެ ނިންމުންތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި އަންނަނީ އިތުބާރު އުފެދެމުން. އެ އިތުބާރު އުފެއްދުމަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ވަރަށް މުހިންމު އަމާޒެއް،"

ރައީސް ވިދާޅުވީ ފަނޑިޔާރުގެއާ މެދު ރައްޔިތުންގެ ހިތްތަކުގައި އިތުބާރު އުފެދެނީ އަދުލަށް ހުކުމް ކުރުމުން ކަމަށެވެ. އަދި އެ ހުކުމަކީ ކަމުގެ މުއާލާތް ނުކެނޑެނީސް ނުވަތަ ވަގުތު ފާއިތުވުމުގެ ކުރިން އިއްވާ ހުކުމަކަށްވެސް ވާންޖެހޭނެ ކަމަށާއި މިއަދުވެސް ބައެއް ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ކޯޓުތަކުން މައްސަލަތައް ލަސްވުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަދުލު އިންސާފު ގާއިމުކުރުމަކީ ހަމައެކަނި ކޯޓު މަރުހަލާތަކުން ހާސިލުވާ ކަމެއް ނޫން ކަމަށާއި އަދުލު އިންސާފުގެ ދާއިރާ އެއަށްވުރެ މާ ފުޅާ ކަމަށެވެ. އެއީ މުޅި ދައުލަތުގެ ޒިންމާއެއް ކަމަށާއި އެއީ ދައުލަތުގެ ތިން ބާރުން ކުރެވޭ މަސައްކަތުން ގާއިމުކުރެވޭ އެއްޗެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ތަހުގީގީ މަރުހަލާއިން ފެށިގެން ދައުވާ ކުރުމާއި ނިޔާ ކަނޑައެޅުމާ ދެމެދު ކަޑައްތުކުރާ ހުރިހާ މަރުހަލާތަކަކީވެސް އަދުލު އިންސާފު ގާއިމުކުރުމުގެ ވަރަށް މުހިންމު މަރުހަލާތަކެއް ކަމަށާއި ރައްޔިތުންގެ ހިތްތަކުގައި އިތުބާރާއި ޔަގީންކަން އުފެއްދުމަށްޓަކައި، ތަހުގީގީ މަރުހަލާތަކުގައި ހިމެނޭ މުއައްސަސާތަކުގެ މެދުގައި މިހާރަށްވުރެ ބަދަހި ގުޅުމެއް އުފައްދަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަދުލު އިންސާފު ލިބުމަކީ ދައުލަތުގެ ދުސްތޫރުން ހިމާޔަތާއި ރައްކާތެރިކަން ލިބިގެން، އެ ގައުމެއްގެ ދިދައިގެ ހިޔަލުގައި ވެގެން އުޅޭ ހަމަ ކޮންމެ މީހަކަށްމެ، އެ މީހެއްގެ ހައްގުތައް ފުރިހަމައަށް ލިބިދިނުން. އަދުލު އިންސާފު ލިބުމަކީ ބޯހިޔާވަހިކަމުން ވެސް، ސިއްހަތު ސަލާމަތް ކުރުމުގައިވެސް އަދި ތައުލީމު ހޯދުމުގައިވެސް އެ މީހަކަށް ހައްގު މިންވަރު ލިބުން. މާތް ﷲގެ ވާގިފުޅާއެކު، މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އަޅުގަނޑުމެން ކުރަމުން މިއައީ އެ މަސައްކަތް،" ރައީސް ވިދާޅުވިއެވެ.

އުންމީދަކީ ޝަރުއީ ދާއިރާ އިސްލާހުކޮށް ހަރުދަނާ ކުރުމަށް ސަރުކާރާއި ޝަރުއީ ދާއިރާއިން ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ރާއްޖޭގެ ފަނޑިޔާރުގެއާ މެދު އިތުބާރާއި ޔަގީންކަން އުފެދިގެން ދިއުން ކަމަށެވެ. އަދި އަދުލު އިންސާފާ ގުޅޭ އެންމެހައި މައްސަލަތައް، ހުރިހާ މަރުހަލާތަކަކުން ވީހާވެސް އަވަހަކަށް ނިމި، ރައްޔިތުންގެ މެދުގައި އަދުލު އިންސާފު ގާއިމުވެގެން ދިއުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.