ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ނިމިގެންދާ އިރު، ޝަރުއީ ދާއިރާގެ މުސާރަތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި "ޤަޟާއީ އަހަރު 2023" އިފްތިތާހުކޮށްދެއްވައި ރައީސް ސޯލިހު ވިދާޅުވީ ޝަރުއީ ދާއިރާގެ އިތުބާރު ބިނާވާ މައިގަނޑު އަސާސަކީ ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ކަމަށާއި އެކަމަށްޓަކައި ފަނޑިޔާރުންގެ ޒަރޫރީ ބޭނުންތައް ހަމަޖެހިފައި ހުރުން ކޮންމެހެން މުހިންމު ކަމަށެވެ. އަދި މާލީ އިނާޔަތްތަކާއި ބޯހިޔާވަހިކަމުގެ މައްސަލައަކީ ކޮންމެހެން ހައްލުކޮށްދޭންޖެހޭ ކަންކަން ކަމަށާއި ފަނޑިޔާރުންގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކަކީ އެކަންކަމަށް ލިބޭނެ ހައްލެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ބިލު ގާނޫނަކަށްވުމުން، ރާއްޖޭގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފަނޑިޔާރުންނަށް ވަކި އަދަދަކަށް ފްލެޓު ކަނޑައެޅިގެންދާނެ ކަމަށެވެ. އެފަދަ މަޝްރޫއުތައް ނެތް ރަށްރަށުގައި ތިއްބަވާ ފަނޑިޔާރުންގެ ލިވިން އެލަވަންސްގެ މިންވަރުވެސް، ފަނޑިޔާރުންގެ އަސާސީ މުސާރައިގެ 35 އިންސައްތައަށްވުރެ ކުޑަނުވާނެ ގޮތަކަށް ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މެޖިސްޓްރޭޓުންގެ މުސާރަ މިދިޔަ އަހަރު އަޅުގަނޑުމެން ވާނީ ބޮޑުކޮށްފައި. މި އަހަރުގެ ރިޔާސީ ބަޔާނުގައިވެސް އަޅުގަނޑު ދެންނެވި ފަދައިން، ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ނިމިގެންދާ އިރު، ޝަރުއީ ދާއިރާގެ މުސާރަތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ،" ރައީސް ވިދާޅުވިއެވެ.
މިހާރު އަމަލުކުރަމުން އަންނަ ފެހި ގާނޫނު އަސާސީއާ އެކު، ޖުޑީޝަލް ސާވިސް ކޮމިޝަން އުފައްދައި، އެ ކޮމިޝަން ހިންގަމުން އަންނަނީ ގާނޫނު އަސާސީން ޖޭއެސްސީ އެކުލަވައިލާފައިވާ ގޮތަށް ކަމަށެވެ.
"އޭގެ ފަހުން މިވީ 14 އަހަރުގެ ތެރޭގައި ކުރެވުނު ތަޖުރިބާއަށް ބަލާ އިރު، އެ ކޮމިޝަން އެކުލެވިގެންވާ ގޮތަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވުނު. އެކަން ކުރެވެން އޮތީ ގާނޫނު އަސާސީ އާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނު އިސްލާހުކޮށްގެން. އެކަމަށް ބޭނުންވާ ބިލުތައް އެކުލަވާލައި ނިމި، މިހާރު އޮތީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ތައްޔާރުވެފައި. އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ، އެ ބިލުތައް އަޅުގަނޑު މަޖިލީހަށް ފޮނުވައިދޭނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ ބިލުތައް މަޖިލީހަށް ހުށަހެޅުމުން، ޝަރުއީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ މައިގަނޑު ބަދަލުތަކުގެ މަސައްކަތް ނިމިގެންދާނެ ކަމަށެވެ. ނަމަވެސް ޝަރުއީ ދާއިރާ ތަރައްގީ ކުރުމުގެ މަސައްކަތް ނުނިމޭ ކަމަށާއި ރައްޔިތުންގެ ހައްގުތައް ހޯދައިދީ އަދުލު އިންސާފު ގާއިމުކުރުމަށްޓަކައި ޝަރުއީ ދާއިރާ ތަރައްގީކޮށް ހަރުދަނާ ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާން ޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު