ސީރިއާ ބައެއް ވެސް ހިމެނޭ ގޮތަށް ތުރުކީއަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ފަތިހު އައި ދެ ބިންހެލުމުގައި ސީރިއާ އާއި ތުރުކީން 19،333 މީހުން މަރުވެއްޖެއެވެ.
ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ބިންހެލުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި ސަރަހައްދުތަކަށް ޒިޔާރަތްކުރެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި މިއަދު ވިދާޅުވީ ބިންހެލުމުގެ ސަބަބުން ސީރިއާއިންނާއި ތުރުކީން 19،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ. އެގޮތުން ތުރުކީން 16,170 މަރުވެފައިވާ އިރު، 60،000 ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށާއި ސީރިއާއިން 3,162 މީހުން މަރުވެފައިވާ ކަމަށް އުރުދުޣާން ވިދާޅުވިއެވެ.
އުރުދުޣާން ވިދާޅުވީ ބިންހެލުމުގެ ސަބަބުން 6،400 އަށްވުރެ ގިނަ އިމާރާތް ބިމާ ހަމަވެފައިވާ ކަމަށެވެ. އަދި އުންމީދު ކުރައްވަނީ އަހަރު ދުވަހުގެ ތެރޭގައި އެ ސަރަހައްދުގައި ތިނެއް ނުވަތަ ހަތަރު ބުރީގެ އާ އިމާރާތްތައް ހެދުން ކަމަށްވެސް ވިދާޅުވިއެވެ.
އުރުދުޣާން ވިދާޅުވީ އަދިވެސް އިމާރާތްތަކުގެ ދަށުގައި ގިނަ އަދަދެއްގެ މީހުން ތާށިވެފައިވާ ކަމަށާއި މީހުން ހޯދުމުގެ މަސައްކަތް ހުއްޓާ ނުލައި ކުރިއަށްގެންދާ ކަމަށެވެ. އެހެންކަމުން މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ އެންމެންވެސް ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށާއި ދުނިޔޭގެ އެންމެންގެ އެހީތެރިކަން ބޭނުންވާ ކަމަށް އުރުދުޣާން ވަނީ ވިދާޅުވެފައެވެ.
ބިންހެލުމާ ގުޅިގެން ގައުމުތަކުން ދަނީ ތުރުކީ އާއި ސީރިއާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެމެރިކާ އަދި ޔޫރަޕިއަން ޔޫނިއަން ގައުމުތަކުގެ އިތުރުން އޭޝިއާގެ ބައެއް ގައުމުތަކުންވެސް މިހާރު ވަނީ ތުރުކީއަށާއި ސީރިއާއަށް ސިފައިންނާއި މީހުން ހޯދުމަށް ހާއްސަ ކުއްތާތައް ފޮނުވައިފައެވެ. ބިން ހެލުންތަކުގެ ސަބަބުން ގެއްލޭ މީހުން ހޯދުމަށް މެކްސިކޯގެ ސިފައިން ބޭނުންކުރާ ކުއްތާތަކުގެ ޓީމެއްވެސް ވަނީ ތުރުކީއަށް ފޮނުވައިފައެވެ.
ފްރާންސްގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕާސަން ފްރޭންސިސް ޑެލްމާސް ވިދާޅުވީ ސީރިއާއަށް 13 މިލިއަން ޕައުންޑްގެ އެހީ ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެހީ ފޮނުވަން ނިންމާފައިވަނީ ސީރިއާގެ ސަރުކާރު މެދުވެރިނުކޮށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޖިއޮލޮޖިކަލް ސާވޭ އޮފް ޑެންމާކް އެންޑް ގްރީންލޭންޑުން ހޯމަ ދުވަހު ބުނެފައިވަނީ، ތުރުކީގެ ދެކުނަށް ބިންހެލުން އައިސްފައިވަނީ ރެކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގައި ކަމަށެވެ. އޭގެ ފަހުންވެސް ރެކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގެ އިތުރު ބިންހެލުމެއް ތުރުކީއަށް އައިސްފައިވާ ކަމަށެވެ. ފުރަތަމަ ބިން ހެލުމަށްފަހު ތުރުކީގެ އެކި ސަރަހައްދުތަކަށް ބާރުގަދަ ލޮޅުންތައް އައިސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ބިންހެލުމާ ގުޅިގެން އުރުދުޣާން ވަނީ ތުރުކީގައި ތިން މަސް ދުވަހަށް ކުއްލި ހާލަތުވެސް އިއުލާންކުރައްވައިފައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ އެ ގައުމުގެ 10 ސިޓީއަކަށެވެ.
ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިލަކް ސާވޭއިން ބުނެފައިވަނީ ތުރުކީއަށް އައި ބިންހެލުމަކީ 1939 ވަނަ އަހަރު ތުރުކީއަށް އައި ބާރުގަދަ ބިންހެލުމެއްގައި 30،000 މީހުން މަރުވި ފަހުން އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށެވެ. ތުރުކީއަށް އައި ބިންހެލުމަކީ ވަރަށް މަދުން އަންނަ ވައްތަރުގެ ބިން ހެލުމެއް ކަމަށާއި ފާއިތުވި 25 އަހަރުގެ ތެރޭގައި ތުރުކީއަށް 7.0 މެގްނިޓިއުޑް ނުވަތަ އެއަށްވުރެ ބާރުމިނުގައި ބިންހެލުންތައް އައިސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ