ސީރިއާގެ ބައެއް ވެސް ހިމެނޭ ގޮތަށް މިދިޔަ ހޯމަ ދުވަހު ތުރުކީއަށް އައި ދެ ބިންހެލުމުގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ތުރުކީއަށް އައި ބިންހެލުމާ ގުޅިގެން ތުރުކީގައި ތިބި ދިވެހިންގެ ހާލު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އެގޮތުން ތުރުކީގައި ތިބި ދިވެހިންގެ ތެރެއިން މިނިސްޓްރީ އާއި ޖެނީވާގައި ހުންނަ އދ ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަނުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާ ގުޅައި ހާލު އޮޅުންފިލުވާފައިވާ ކަމަށެވެ.
"މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ތުރުކީގައި ތިބި އެއްވެސް ދިވެއްސަކަށް ބިންހެލުމުގެ ސަބަބުން ގެއްލުމެއް ލިބިފައެއް ނުވެއެވެ. މިނިސްޓްރީ އާއި ޖެނީވާގައި ހުންނަ ދާއިމީ މިޝަނުގައި ރަޖިސްޓްރީކޮށްފައި ތިބީ ޖުމުލަ 14 ދިވެހިން،" މިނިސްޓްރީން ބުންޏެވެ.
މި ބިންހެލުމާ ގުޅިގެން މިނިސްޓްރީން އަންނަނީ ތުރުކީގެ ހާލަތުވެސް ގާތުން ބަލަމުންނެވެ.
ތުރުކީގައި ތިބި އެއްވެސް ދިވެއްސަކު އެހީތެރިކަމަށް ބޭނުންޖެހިއްޖެ ނަމަ، މިނިސްޓްރީގެ ހޮޓްލައިން ނަމްބަރު 7983400 އާ ގުޅުމަށް ވަނީ އެދިފައެވެ. އަދި ތުރުކީގައި ތިބި ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ ނުވަތަ ޖެނީވާގައި ހުންނަ މިޝަނުގައި ރަޖިސްޓްރީކޮށްފައި ނުވާ ފަރާތްތަކުން އަވަހަށް ރަޖިސްޓާވުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.
ޖިއޮލޮޖިކަލް ސާވޭ އޮފް ޑެންމާކް އެންޑް ގްރީންލޭންޑުން ހޯމަ ދުވަހު ބުނެފައިވަނީ، ތުރުކީގެ ދެކުނަށް ބިންހެލުން އައިސްފައިވަނީ ރެކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގައި ކަމަށެވެ. އޭގެ ފަހުންވެސް ރެކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގެ އިތުރު ބިން ހެލުމެއް ތުރުކީއަށް އައިސްފައިވާ ކަމަށެވެ. ފުރަތަމަ ބިން ހެލުމަށްފަހު ތުރުކީގެ އެކި ސަރަހައްދުތަކަށް ބާރުގަދަ ލޮޅުންތައް އައިސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ބިންހެލުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި ސަރަހައްދުތަކަށް ޒިޔާރަތްކުރެއްވުމަށްފަހު ނޫސްވެރިންނަށް ބައްދަލުކުރައްވައި ވިދާޅުވީ ބިން ހެލުމުގެ ސަބަބުން ސީރިއާއިންނާއި ތުރުކީން 17،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ. އެގޮތުން ތުރުކީން 16،170 މަރުވެފައިވާ އިރު، 60،000 ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށާއި ސީރިއާއިން 3,162 މީހުން މަރުވެފައިވާ ކަމަށް އުރުދުޣާން ވިދާޅުވިއެވެ.
ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިލަކް ސާވޭއިން ބުނެފައިވަނީ ތުރުކީއަށް އައި ބިން ހެލުމަކީ 1939 ވަނަ އަހަރު ތުރުކީއަށް އައި ބާރުގަދަ ބިންހެލުމެއްގައި 30،000 މީހުން މަރުވި ފަހުން އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށެވެ. ތުރުކީއަށް އައި ބިންހެލުމަކީ ވަރަށް މަދުން އަންނަ ވައްތަރުގެ ބިންހެލުމެއް ކަމަށާއި ފާއިތުވި 25 އަހަރުގެ ތެރޭގައި ތުރުކީއަށް 7.0 މެގްނިޓިއުޑް ނުވަތަ އެއަށްވުރެ ބާރުމިނުގައި ބިން ހެލުންތައް އައިސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު