Close
ޚަބަރު

އާސަންދައިގެ ހަރަދު ބޮޑުވުމާ އިންތިހާބާ ގުޅުމެއް ނެތް، އެކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ: މިއުވާން

އާސަންދައިން ކުރި ހަރަދު ބޮޑުވުމާއި ނިމިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ސަރުކާރުން ބުނެފިއެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި މި އަހަރުގެ ޖެނުއަރީ މަހާ އަޅާބަލައި އިރު، އާސަންދައަށް ކުރި ހަރަދު ހަތަރު ގުނަ އިތުރުވެފައިވާތީ އެއީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށްވީ ކަމެއްތޯ އެ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ނާކާމިޔާބު ވެވަޑައިގަތް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސުވާލު އުފައްދަވަައިފައެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އާސަންދައަށް 67.9 މިލިއަން ރުފިޔާ ހަރަދު ވެފައިވާ ކަމަށެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި 283.4 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ސުވާލެއް ނޫސްވެރިއަކު ކުރުމުން އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ، ޖެނުއަރީ މަހު އާސަންދައަށް ކުރި ހަރަދު ބޮޑުނުވާ ކަމަށެވެ.

"ފެންނަން ހުރި ނަންބަރުތަކަށް ބަލައި އިރުވެސް އެކި މަސްމަހު ހަރަދު ކޮށްފައި ހުންނާނީ އެކި މިންވަރަށް. އެތެރޭގެ އިންތިހާބާއި އާސަންދައާ ގުޅުވީ ކިހިނެއް ކަމެއް އަޅުގަނޑަކަށް ނުވިސްނޭ. މި އިންތިހާބުތަކާ ދިމާކޮށް މީހުން ޑޮކްޓަރަށް ދެއްކުން އިތުރުވެގެންދާ ކަމެއް އަޅުގަނޑުމެންނަށް އެނގިފައެއް ނެތް،" މިއުވާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އާސަންދައިން އެ މަހަކު ހަރަދު ކުރަނީ، ހަމައެކަނި އެ މަހެއްގައި ޑޮކްޓަރަށް ދެއްކި މީހުންގެ ފައިސާ ނޫން ކަމަށާއި ފައިސާ ދައްކަނީ އޭގެ ކުރީ މަސްމަހު އެކިއެކި ހޮސްޕިޓަލުތަކާއި ކްލިނިކްތަކުން ފޮނުވާފައި ހުންނަ ބިލުތަކަށް ކަމަށެވެ.

"މިކަން ހިނގާ ގޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ، ކިހިނެތްކަން ކުރިއަށްދަނީ. އަދި ރައީސުލްޖުމްހޫރިއްޔާކަންވެސް ކުރައްވާފައި ހުރި ބޭފުޅެއްވީމަ ހަމަ ޔަގީނުންވެސް ދައުލަތުގެ މާލީ ކަންކަން އޮންނަ ގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންވާނެ،" މިއުވާން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެއްވެސް އިންތިހާބަކާ ގުޅިގެން އާސަންދައިން އިތުރަށް ހަރަދެއް ނުކުރާނެ ކަމަށާއި އެކަން އެގޮތަށް ނުވެސް ކުރެވޭނެ ކަމަށެވެ.