މަގު ކޮނުމާއި ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން ކުރާ މަސައްކަތާއި މަގު ބަންދުކޮށްގެން ކުރާ މަސައްކަތަށް ނަގާ ފީ 154 ޕަސެންޓު ބޮޑުކުރުމަށް މާލޭ ސިޓީ ކައުންސިލުން އެކުލަވާލައި އަމަލުކުރަން ފެށި އުސޫލު ބާތިލުކުރުމަށް ސްޓެލްކޯއިން އަނެއްކާވެސް ހައިކޯޓަށް ހުށަހަޅައިފިއެވެ.
ސްޓެލްކޯއިން މި މައްސަލަ މީގެ ކުރިން ހައިކޯޓަށް ހުށަހެޅުމުން އެ މައްސަލަ ހައިކޯޓަށް ވަނީ ބަލައި ނުގެންފައެވެ.
ސްޓެލްކޯއިން މީގެ ކުރިން ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގައި ވަނީ، މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ޖެއްސުންކޮށް ލިބޭ ހިދުމަތްތަކުގެ އަގު ބޮޑުކުރުމުގެ ނިޔަތުގައި މާލޭ ސިޓީ ކައުންސިލުން ގާނޫނާ ހިލާފަށް އަމަލުކުރަން ފަށާފައިވާ ކަމަށްބުނެ ދެ އުސޫލެއް ބާތިލުކުރުމަށް އެދިފައެވެ.
އޭގެ ތެރޭގައި ހިމެނެނީ މިދިޔަ މަހުގެ އެއްވަނަ ދުވަހު ސިޓީ ކައުންސިލުން އަމަލުކުރަން ފެށި، މާލޭ ސިޓީގެ މަގުމަތީގައި މަގުބަންދު ނުކޮށް އަދި މަގު ބަންދުކޮށްގެން މަސައްކަތްކުރުމާ ބެހޭ އުސޫލާއި، މަގު ކޮނުމާއި ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން އާއްމުކޮށް މަސައްކަތްކުރުމުގެ އުސޫލެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ، ސިޓީ ކައުންސިލުން، އަގުތަކަށް ބަދަލު ގެނެސްފައިވަނީ ކުރިން އެންގުމަކާ ނުލައި ކުއްލިއަކަށް ކަމަށާއި އެކަމުގެ ސަބަބުން ސްޓެލްކޯއަށް ދަތިތައް ކުރިމަތިވާ ކަމަށެވެ.
ސްޓެލްކޯއިން ހުށަހެޅި މައްސަލައާ ބެހޭގޮތުން މިދިޔަ އަންގާރަ ދުވަހު ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުމުގައި ވަނީ، ސްޓެލްކޯއިން ހުށަހަޅާފައިވާ ދެ އުސޫލަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސުލުން ހިންގުމުގެ ގާނޫނުގެ 152 ވަނަ މާއްދާ އާއި ގާނޫނު އަސާސީގެ 271 ވަނަ މާއްދާ އާއި 274 ވަނަ މާއްދާގެ (ހ) އާ ހިލާފު ދެ އުސޫލު ކަމަށް ބުނެފައިވީ ނަމަވެސް، އެކަމުގެ ސަބަބުތައް ބަޔާންކޮށް ތަފްސީލު ކޮށްދީފައި ނުވާތީ ސްޓެލްކޯއިން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް އަންގާ ކަމަށެވެ.
ނަމަވެސް ސްޓެލްކޯއިން ވަނީ އިއްޔެ އަލުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު