މޮރޮކޯގައި މިހާރު ކުރިއަށްދާ ފީފާ ކްލަބު ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އެފްރިކާގެ ޗެމްޕިއަން އަލް އަހްލީ ބަލިކޮށް، ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ފައިނަލް ޔަގީން ކޮށްފިއެވެ.

މިދިޔަ ދެ އަހަރުވެސް އެފްރިކާގެ ޗެމްޕިއަން ޓީމު ކްލަބު ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރު ކޮށްފައިވާ އިރު، އެ ސިލްސިލާއަށް މިއަހަރު ވަނީ ނިމުން އައިސްފައެވެ. ރެއާލް މެޑްރިޑާ ދެކޮޅަށް ހޮނިހިރު ދުވަހުގެ ފައިނަލްގައި ނުކުންނާނީ އޭޝިއާގެ ޗެމްޕިއަން އަލް ހިލާލެވެ. ހިލާލް ފައިނަލް ޔަގީންކުރީ ފްލަމެންގޯ ބަލިކޮށްފައެވެ.

މޮރޮކޯގެ ރަބާޓްގައި ރޭ ކުޅުނު ސެމީ ފައިނަލް ރެއާލްއިން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މެޗު ފެށިގެން އަހްލީން ރަނގަޅަށް ޑިފެންސް ކޮށްފައިވާ އިރު، ރެއާލްއަށް އެޓޭކް ކުރަން ވަނީ އުނދަގޫތަކާ ކުރިމަތިވެފައެވެ. ފުރަތަމަ ކޮޅުގައި ރެއާލްއަށް އުނދަގޫތަކާ ދިމާވި ނަމަވެސް ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ރެއާލްއިން ލީޑު ނެގިއެވެ. އެ ގޯލަކީ ވިނީޝިއަސް ޖޫނިއާ އޭރިއާ ތެރެއަށް ވަދެ، ގޯލްކީޕަރު ބޯމަތިން ބޯޅަ ގޯލަށް ވައްދާލައިގެން ޖެހި ގޯލެކެވެ.

ދެވަނަ ހާފަށް ނުކުމެ ފެޑަރީކޯ ވަލްވާޑޭ ޖެހި ގޯލުން ރެއާލް ލީޑު ފުޅާކުރި އިރު، އަހްލީން އެޓޭކަށް ކުރަމުން ދިޔަ މަސައްކަތުގައި މެޗުގެ 65 ވަނަ މިނެޓުގައި އެޓީމަށް ޕެނަލްޓީއެއް ލިބުނެވެ. އެޑުއާޑޯ ކަމަވިންގާ އޭރިއާ ތެރެއިން ހުސެން އެލް ޝަހަޓަށް ކުރި ފައުލަށް ލިބުނު ޕެނަލްޓީގައި އަހްލީގެ ގޯލް ޖަހައިދިނީ ޓިއުނީޝިއާގެ އަލީ މާލޫލެވެ.

އަހްލީއަށް ނަތީޖާ ހަމަހަމަ ކުރަންވެސް ފުރުސަތުތައް ލިބި ބޭކާރުވި އިރު، މުހައްމަދު އަފްޝާ ކުޑަ އޭރިއާ ތެރެއިން ޖެހި ބޯޅަވެސް ދިޔައީ ބޭރަށެވެ.

ރެއާލްއަށް މެޗުގެ 87 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީގައި ލޫކާ މޮޑްރިޗް ޖެހި ބޯޅަ އަހްލީގެ ކެޕްޓަން، ގޯލްކީޕަރު މުހައްމަދު އެލް ޝެނާވީ މަތަކުރި އިރު، ރެއާލްގެ އަނެއް ދެ ގޯލް ޖެހީ ރޮޑްރީގޯ އާއި ސާޖިއޯ އަރީބާސް އެވެ.

ރެއާލްއިން ކްލަބު ވޯލްޑް ކަޕަށް ނުކުތީ ގޯލްކީޕަރު ތީބޯ ކޯޓުއާ އާއި ފޯވަޑް ކަރިމް ބެންޒެމާ ސްކޮޑުގައި ނުހިމަނަ އެވެ. ރޭގެ މެޗުގައި ރެއާލްގެ ފުރަތަމަ 11 އަށް ނުކުމެ ގޯލް ބެލެހެއްޓީ ޒުވާން ކީޕަރު އަންދްރީވް ލުނިންއެވެ.