އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ލީޑްސްއާ ދެކޮޅަށް ކުޅުނު މެޗު 2-2 އިން އެއްވަރު ވެގެން ނިމިއްޖެއެވެ.
ޔުނައިޓެޑް ދަނޑުގައި ރޭ ކުޅުނު މެޗުން ހޯދި ޕޮއިންޓާއެކު އެޓީމުން މިވަގުތު ލީގު ތާވަލުގެ ތިން ވަނައިގައި އޮތީ 22 މެޗުން 43 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި އޮތް ސިޓީއަށް 21 މެޗުން 45 ޕޮއިންޓް ލިބިފައިވާއިރު، އެއް ވަނައިގައި އޮތް އާސެނަލް ވަނީ 20 މެޗުން 50 ޕޮއިންޓް ހޯދައިފައެވެ. ރޭގެ މެޗުން މޮޅުވެ، ޔުނައިޓެޑަށް ދެވަނައިގައި އޮތް ސިޓީއާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ކުރެވެން އޮތް ނަމަވެސް، އެ ފުރުސަތު ވަނީ ގެއްލިފައެވެ.
ޔުނައިޓެޑުން ރޭގެ މެޗަށް ނުކުތީ ރަތް ކާޑުގެ ސަސްޕެންޝަނެއްގައި ހުރި ކަސެމީރޯ ނުލައެވެ. އޭނާ ތިން މެޗުގެ ސަސްޕެންޝަނެއްގައި ހުރި އިރު، ރޭ ފުރަތަމަ 11 އަށް ނުކުތީ މިދިޔަ ޖެނުއަރީ ޓްރާންސްފާ ސީޒަނުގައި ޔުނައިޓެޑަށް ގެންދިޔަ މާސެލް ސަބިޓްޒާއެވެ.
ރޭގެ މެޗުގެ ފެށިގެން 54 ވަނަ ސިކުންތުގައި ލީޑްސްއިން ލީޑުނެގިއެވެ. އެސިސްޓެންޓް ކޯޗު އަރްމާސްގެ އިރުޝާދުގެ ދަށުން ކުޅުނު ލީޑްސްއަށް ލީޑު ނަގައިދިނީ އިޓަލީގެ ފޯވާޑް، ވިލްފްރިއެޑް ނިއޯންޓޯއެވެ. ޔުނައިޓެޑްގެ ހާފުގެ މެދުތެރެއިން ގެއްލުނު ބޯޅައެއް ހިފައިގެން ގޮސް، އޭރިއާ ރޮނގުމަތިން ނިއޯންޓޯ ޖެހި ބޯޅަ އަމާޒުކޮށްލީ ތިރިން ކަނަށެވެ.
ޔުނައިޓެޑުން މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ކުރި މަސައްކަތުގައި އަލެހާންޑްރޯ ގާނާޗޯ ޖެހި ބޯޅަ ބޭރަށް ދިޔަ އިރު، ސަބިޓްޒާ ޖެހި ބޯޅަ މަތަކޮށް ބޭރުކޮށްލީ ލީޑްސްގެ ގޯލްކީޕަރު އިލާން މެލިއޭއެވެ.
ލީޑްސްއިން ވަނީ ދެވަނަ ހާފުގެ ކުޅުން ފެށިގެން ދެމިނިޓް ތެރޭގައި ދެވަނަ ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ލީޑްސްގެ ލީޑު ފުޅާކުރީ އޭރިއާތެރެއިން ލީޑްސްގެ ކްރައިސެންސިއޯ ސަމާވިލް ނެގި ހުރަހެއް ޔުނައިޓެޑްގެ ރަފައެލް ވަރާން ފައިގައި ޖެހިގައި ބައިކޮޅަށް ވަން ގޯލަކުންނެވެ.
ލީޑްސްއިން ދެވަނަ ގޯލެއް ޖެހުމާއެކު ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގު ވަނީ ދެ ބަދަލެއްކޮށް، މެޗުގެ ނަތީޖާ އަނބުރާލަން މަސައްކަތް ކޮށްފައެވެ. ފަކުންޑޯ ޕެލެސްޓްރީއާއި ޖޯޑަން ސަންޗޯ ކުޅެން އެރުވި އިރު، ޔުނައިޓެޑުން ނަތީޖާ ހަމަހަމަކުރީ އަށް މިނިޓް ތެރޭގައި ދެގޯލު ޖަހައިގެންނެވެ. މެޗުގެ 62 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ފުރަތަމަ ގޯލް ޖެހީ ޑިއޯގޯ ޑަލޯ ނެގި ހުރަހަކުން މާކަސް ރަޝްފޯޑް ބޮލުންނެވެ. އޭގެ ފަހުން، ޔުނައިޓެޑްގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް އޭރިއާތެރެއިން ޖެހި ބޯޅައެއް ބްލޮކްވި އިރު، 70 ވަނަ މިނިޓްގައި ސަންޗޯ ވަނީ ލީޑްސް އޭރިއާތެރެއިން ކީޕަރު މެލިއޭ އަތުގައި ޖައްސާފައި ގޯލަށް ބޯޅަ ފޮނުވާލައިފައެވެ.
ސަންޗޯ ރޭގެ މެޗަށް އެނބުރި އައީ ކުޅުމާ ދުރުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހުއެވެ. ސަންޗޯ ވަކިންވެސް ތަމްރީނުތައް ފުރިހަމަކޮށް ފޯމު ރަނގަޅު ކުރުމަށް މަސައްކަތް ކޮށްފައިވާ އިރު، ރޭގެ ގޯލް ވެގެންދާނީ އޭނާއަށް ލިބޭނެ ރަނގަޅު ބޫސްޓަކަށެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު