މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތަކުން އެންމެފަހުގެ ރަނަރަޕް ކ، ގާފަރާއި ރ. އިނގުރައިދޫ، އއ. މަތިވެރި، ށ. ފީވަކުގެ އިތުރުން ތ. އޮމަދޫ މޮޅުވެއްޖެއެވެ.
މުބާރާތުގެ މެޗުތައް ހުޅުމާލޭ ރެހެންދި ޓާފުގައި ކުރިއަށްދާއިރު، ރޭވެސް ވަނީ އަތޮޅު ބުރުގެ 8 މެޗު ކުޅެފައެވެ. ރޭ ފުރަތަމަ ކުޅުނީ ކ. އަތޮޅާއި ތ. އަތޮޅުގެ މެޗުތަކެވެ. ކ. އަތޮޅުގެ ފުރަތަމަ މެޗުތައް ރޭ ފެށި އިރު، އެ އަތޮޅުގެ މެޗުތައްވެސް ކުރިއަށް ދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެއީ ހަތް ޓީމު އަތޮޅު ބުރުގައި ވާދަކުރާތީއެވެ.
ކ. އަތޮޅުގެ ގްރޫޕް އެކެއްގެ ދެމެޗު ރޭ ކުޅެފައިވާ އިރު، ފުރަތަމަ މެޗަކީ އެންމެފަހުގެ ރަނަރަޕް ގާފަރުން ތުލުސްދޫއާ ދެކޮޅަށް ކުޅުނު މެޗެވެ. މިފަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖް ފެށުމުގެ ގޮތުން ތ. ތިމަރަފުއްޓާ ދެކޮޅަށް ކުޅެ، ޝީލްޑް މެޗުވެސް ކާމިޔާބުކުރި ގާފަރުން ރޭ ތުލުސްދޫ ބަލިކުރީ 8-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގައި އަލީ މާއީސް (މައްޓު) އާއި އިބްރާހީމް ރިމާހް (ރިމޭ) ވެސް ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖަހައިދިން އިރު، ގާފަރުގެ އަނެއް ގޯލްތައް ޖެހީ ކެޕްޓަން ސާމިން މުހައްމަދު ނަސީރާއި އައްޒާމް ނިޔާޒްގެ އިތުރުން އަޒްޔާން އިބްރާހީމް އަދި ސަނީމް ސަމައިލް އެވެ.
ކ. އަތޮޅު ގްރޫޕް އެކެއްގައި ރޭ ކުޅުނު އަނެއް މެޗުގައި ދިއްފުށިން ވަނީ 4-1 އިން ގުރައިދޫ ބަލިކޮށްފައެވެ. ދިއްފުށީގެ ޒައިން ޒަފަރު ދެ ގޯލް ޖެހި އިރު، ރިލްވާން ރަޝީދާއި ހުސައިން ޝާހިލް އެޓީމުގެ އަނެއް ގޯލުތައް ޖަހައިދިނެވެ. ގުރައިދޫގެ ހަމައެކަނި ގޯލް ޖެހީ މުހައްމަދެވެ.
ތ. އަތޮޅުންވެސް މުބާރާތުގައި ހަތް ޓީމު ބައިވެރިވެފައިވުމާއެކު، އެ އަތޮޅުގެ އަތޮޅު ބުރުވެސް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ތ. އަތޮޅު ގްރޫޕް އެކެއްގެ ދެމެޗު ރޭ ކުޅެފައިވާ އިރު، ގާދިއްފުއްޓާއި ވޭމަންޑޫ ވާދަކުރި ފޯރިގަދަ މެޗު ނިމުނީ 3-3 އިން އެއްވަރު ވެގެންނެވެ.
ވޭމަންޑޫގެ ގޯލްތައް ހަމްދޫން އަހުމަދު އަދި މާޒިން އަހުމަދު ޖަހައިދިން އިރު، ހަމްދޫން ވަނީ މެޗުގައި ދެ ގޯލް ޖަހައިފައެވެ. ގާދިއްފުށީގެ ގޯލްތައް ޖެހީ އަހުމަދު އުނައިސްގެ އިތުރުން މުހައްމަދު އައިހަމް އަދި ހުސައިން ޒާހިދެވެ.
ތ. އަތޮޅު ގްރޫޕް އެކެއްގައި ދެން ކުޅުނު މެޗުގައި އޮމަދޫން ހިރިލަންދޫ ބަލިކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އޮމަދޫގެ އަހުމަދު ނަޝްވާން މެޗުގައި ދެ ގޯލް ޖެހި އިރު، ސަލްމާން ބިން މުހައްމަދު އިދުރީހާއި އިސްމާއީލް މިމްރާހް މުބީން އަދި މުހައްމަދު ލީވާން ހަސަން ވަނީ އިތުރު ގޯލްތައް ޖަހައިފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގައި ރޭ އއ. އަތޮޅުގެ މެޗުތައްވެސް ފަށާފައިވާ އިރު، އެ އަތޮޅުން ވާދަކުރަނީ ފަސް ޓީމެވެ. އެހެންކަމުން އަތޮޅު ބުރު ލީގު އުސޫލުން ކުޅެ، ޗެމްޕިއަން ކަނޑައަޅާނީ ފައިނަލް މެޗެއް ކުޅެގެންނެވެ.
އއ. އަތޮޅުގެ ފުރަތަމަ މެޗުގައި ރަސްދޫއާއި ފެރިދޫވީ އެއްވަރެވެ. އެއީ 1-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ފެރިދޫގެ ހުސައިން ހިޝާމް އަބްދުﷲ ގޯލެއް ޖަހައި ލީޑު ނަގައިފައި ވަނިކޮށް، ދެވަނަ ހާފްގައި ރަސްދޫން ވަނީ ގޯލް ޖަހައި އެއްވަރު ކޮށްފައެވެ. ރަސްދޫގެ ގޯލް ޖަހައިދިނީ އަލީ ރިޒްވާން އަހުމަދެވެ.
އއ. އަތޮޅުގައި ދެން ކުޅުނު މެޗުގައި އެ އަތޮޅުގެ އެންމެފަހުގެ ޗެމްޕިއަން މަތިވެރިން ވަނީ 4-1 އިން ތޮއްޑޫ ބަލިކޮށްފައެވެ. މަތިވެރީގެ ގޯލްތައް ޖަހައިދިނީ މުހައްމަދު އިމްރާނާއި އިސްމާއީލް ނަސީމް (ބޯވަ) ގެ އިތުރުން އަހުމަދު ފިރާޝް އަދި އަލީ އަލްސަން އެވެ. ތޮއްޑޫގެ ގޯލް ޖެހީ އިބްރާހީމް ޝިޔާރެވެ.
މުބާރާތުގައި ރޭ ކުޅުނު އަނެއް ދެމެޗަކީ ރ. އަތޮޅުގެ މެޗެއްގެ އިތުރުން ށ. އަތޮޅު ގްރޫޕް ދޭއްގެ މެޗެވެ. ށ. އަތޮޅު ގްރޫޕް ދޭއްގައި ފީވައް ކުޅުނު ދެވަނަ މެޗުގައި ރޭ ޅައިމަގު ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ފީވަކުން ކުޅުނު ފުރަތަމަ މެޗުގައި ފޯކައިދޫ ކައިރިން ބަލިވެފައި އޮތުމުން ރޭގެ މޮޅާއެކު އެޓީމަށް ވަނީ އުންމީދު ލިބިފައެވެ. މެޗުގައި ފީވަކުގެ ގޯލްތައް ޖަހައިދިނީ އަބްދުﷲ އަމާނާއި އަބްދުﷲ ރިމާހް އަދި އަލީ ޝާހީނެވެ. ޅައިމަގުގެ ހަމައެކަނި ގޯލް ޖަހައިދިނީ މުހައްމަދު ފަސީލެވެ.
ރ. އަތޮޅުން ފަސް ޓީމު ވާދަކުރާ އިރު، އެ އަތޮޅުގެ އަތޮޅު ބުރުގެ ފައިނަލް ކުޅޭނީ ލީގު ބުރަކަށް ފަހުއެވެ. ރޭ ކުޅުނު އެ އަތޮޅުގެ ފުރަތަމަ މެޗުގައި އިނގުރައިދޫން ވަނީ 8-0 އިން އިންނަމާދޫ ބަލިކޮށްފައެވެ. މެޗުގައި އަހުމަދު އައިހަމް (އައިހު) އާއި އަލީ ހާފިޒް (ހާއްޕެ) ގެ އިތުރުން މުހައްމަދު މަމްދޫހްވެސް ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖެހި އިރު، އެޓީމުގެ އަނެއް ގޯލް ޖަހައިދިނީ މުހައްމަދު ޖުމާނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މި އަހަރުގެވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
މުބާރާތުގެ އަތޮޅު ބުރުގެ މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ.
20:00 ލ. ގަން - ލ. މާމެންދޫ (ގްރައުންޑް 1)
20:00 ގދ. ގައްދޫ - ގދ. ވާދޫ (ގްރައުންޑް 2)
21:00 ލ. ކަލައިދޫ - ލ. މާބައިދޫ (ގްރައުންޑް 1)
21:00 ގދ. ތިނަދޫ - ގދ. ހޯޑެއްދޫ (ގްރައުންޑް 2)
22:00 ހދ. ނޮޅިވަރަންފަރު - ހދ. ނައިވައިދޫ (ގްރައުންޑް 1)
22:00 ހދ. ނެއްލައިދޫ - ހދ. ކުމުންދޫ (ގްރައުންޑް 2)
23:00 ހދ. ހިރިމަރަދޫ - ހދ. ނޭކުރެންދޫ (ގްރައުންޑް 1)
23:00 ހދ. މަކުނުދޫ - ހދ. ވައިކަރަދޫ (ގްރައުންޑް 2)
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް