އިންޓަ ސްކޫލު 17 އަހަރުން ދަށުގެ ސެމީ ފައިނަލް ފުރަތަމަ މެޗަށްފަހު ކ. ގުރައިދޫ ސަޕޯޓަރުންގެ ފަރާތުން ހިންގި ހަމަނުޖެހުމުގެ މައްސަލަ ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބަލައި، ފިޔަވަޅު އަޅައިފިއެވެ.
މިދިޔަ ހޯމަ ދުވަހުގެ ހަވީރު އިންޓަ ސްކޫލު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވާދަކުރީ ކ. ގުރައިދޫ ސްކޫލާއި ކަލާފާނު ސްކޫލެވެ. އެ މެޗު ކަލާފާނުން 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ފައިނަލަށް ދަތުރު ކޮށްފައިވާ އިރު، މެޗު ނިމުމުން ގުރައިދޫގެ ބައެއް ސަޕޯޓަރުން ދަނޑަށް އަރައި ރެފްރީއަށް ހަމަލާ ދީފައިވެއެވެ. އެ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވާ އިރު، އެފްއޭއެމްގެ ފަރާތުން މައްސަލަ ބަލަމުންދާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. ފެންނަ ފެނުމުގައި ބައެއް ކުޅުންތެރިންވެސް ރެފްރީއަށް ހަމަލާދޭން މަސައްކަތް ކުރިއެވެ.
އެ ވީޑިއޯގައި ފެންނަ ގޮތުގައި ގުރައިދޫގެ އޮފިޝަލުންނާއި ސަޕޯޓަރުން ރެފްރީއަށް ހަމަލާދިނުން ހުއްޓުވަން އެރަށަށް އުފަން ގައުމީ ޓީމުގެ ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް) ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވެއެވެ. އެ މަންޒަރާއެކު ހެލްމެޓަށް ވަނީ ވަރަށް ބޮޑަށް ތައުރީފުވެސް އަމާޒުވެފައެވެ.
އެ އަމަލުތައް އެޑިއުކޭޝަން މިނިސްޓްރީންނާއި ޔޫތު މިނިސްޓްރީންވެސް ކުށްވެރިކޮށްފައިވާ އިރު، އެފްއޭއެމުން މިއަދު ވަނީ ގުރައިދޫ ސްކޫލުގެ ފުޓުބޯޅަ ޓީމު، އެފްއޭއެމްގެ މުބާރާތްތަކުން އެއް އަހަރު ދުވަހަށް ސަސްޕެންޑް ކުރިކަން އަންގައިފައެވެ.
އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީން ބުނީ ސެމީ ފައިނަލުގެ އެ މެޗުގެ އޮފިޝަލުންނަށް ގުރައިދޫ ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިންނާއި ސަޕޯޓަރުން ހަމަލާދީފައިވާކަން އެނގެން އެބައޮތް ކަމަށެވެ. އެ ސަބަބާއެކު އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައިވަނީ މި ފަހަރު ގުރައިދޫ ސްކޫލުން އެފްއޭއެމްގެ 17 އަހަރުން ދަށުގެ އިންޓަ ސްކޫލް މުބާރާތުގައި ރަޖިސްޓްރީ ކުރި އެއްވެސް އޮފިޝަލަކަށް އަދި ކުޅުންތެރިއަކަށް ކުރިއަށް އޮތް އެއް އަހަރަށް އެފްއޭއެމުން ރާވައި ހިންގާ އެއްވެސް މުބާރާތެއްގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑް ކުރުމަށެވެ.
އޭގެ އިތުރުން، އެފްއޭއެމުން ރާވައި ހިންގާ އެއްވެސް މުބާރާތެއްގައި ގުރައިދޫ ސްކޫލު ބައިވެރިވާނަމަ ދިހަ މެޗު ހަމަވަންދެން ކުޅެން ޖެހޭނީ ސަޕޯޓަރުން ނުވައްދައި ކަމަށް ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމައިފައެވެ.
ޑިސިޕްލިނަރީ ކޮމިޓީގެ ނިންމުމުގައި ވަނީ ގުރައިދޫ ޓީމުގައި ހިމެނޭ ތިން ކުޅުންތެރިއަކަށް ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދީފައެވެ. އެއީ، ގުރައިދޫ ޓީމުގެ ޖާޒީ ނަމްބަރު 7، ޖާޒީ ނަމްބަރު 8 އަދި ޖާޒީ ނަމްބަރު 10 އެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް