ސީރިއާ ބައެއް ވެސް ހިމެނޭ ގޮތަށް ތުރުކީއަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ފަތިހު އައި ބިން ހެލުމުގައި ސީރިޔާ އާއި ތުރުކީން 11،104 މީހުން މަރުވެއްޖެއެވެ.
ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ބިންހެލުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި ސަރަހައްދުތަކަށް ޒިޔާރަތްކުރެއްވުމަށްފަހު ނޫސްވެރިންނަށް ބައްދަލުކުރައްވައި ވިދާޅުވީ ބިން ހެލުމުގެ ސަބަބުން ސީރިއާއިންނާއި ތުރުކީން 11،104 މީހުން މަރުވެފައިވާ ކަމަށެވެ. އަދި ބިން ހެލުމުގެ ސަބަބުން 42،654 މީހުން ޒަހަމްވެފައިވާ ކަމަށާއި އަދި 6،400 އިމާރާތެއް ވެއްޓުނު އިރު، ބިން ހެލުމުގެ ސަބަބުން 13 މިލިއަނަށްވުރެ ގިނަ މީހުންނަށް އެކަމުގެ އަސަރުކޮށްފައިވާ ކަމަށް އުރުދުޣާން ވިދާޅުވިއެވެ.
އުރުދުޣާން ވިދާޅުވީ ބިން ހެލުމުގެ ސަބަބުން ތުރުކީން މަރުވެފައިވަނީ 8,574 މީހުން ކަމަށާއި ސީރިއާއިން 2،530 މީހުން މަރުވެފައިވާ ކަމަށެވެ.
"މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ގަބޫލުކުރަނީ، ފަތިހު އައި ބިން ހެލުމަކަށްވުމުން އިމާރަތްތައް ވެއްޓުނު އިރު އިމާރާތުގައި މީހުން އުޅުނު. ވެއްޓުނު އިމާރާތްތަކުގެ ދަށުން ފެންނަ މީހުންގެ އަދަދު މިދަނީ ކޮންމެ ގަޑިއަކު އިތުރުވަމުން. ނަމްބަރުތައް މަތިވެގެންމިދަނީ،" އުރުދުޣާން ވިދާޅުވިއެވެ.
ބިން ހެލުމާ ގުޅިގެން އުރުދުޣާން ވަނީ ތުރުކީގައި ތިން މަސް ދުވަހަށް ކުއްލި ހާލަތުވެސް އިއުލާންކުރައްވައިފައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ އެ ގައުމުގެ 10 ސިޓީއަކަށެވެ. އެއީ ބިންހެލުމުގެ ސަބަބުން އިމާރާތްތައް ވެއްޓި އެންމެ ގިނަ ބަޔަކު މަރުވެފައިވާ ސިޓީތަކެވެ.
ފިނި މޫސުމުގެ ދުވަސްވަރުކަމަށްވުމުން މީހުން ހޯދުމަށާއި މީހުން ސަލާމަތް ކުރުމުގައި ގޮންޖެހުންތަކެއް ދިމާވަމުންދާ ކަމަށް އުރުދުޣާން ވިދާޅުވިއެވެ.
ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް އދ. އިން ވަނީ ގޮވާލައިފައެވެ. އެ އިދާރާއިން ބުނެފައިވަނީ މިއީ ފިނި މޫސުންކަމަށްވުމުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ލަސްވެއްޖެނަމަ، ހިތާމަވެރި ކާރިސާއެއް ހިނގުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އެމެރިކާ އަދި ޔޫރަޕިއަން ޔޫނިއަން ގައުމުތަކުގެ އިތުރުން އޭޝިއާގެ ބައެއް ގައުމުތަކުންވެސް މިހާރު ވަނީ ތުރުކީއަށާއި ސީރިއާއަށް ސިފައިންނާއި މީހުން ހޯދުމަށް ހާއްސަ ކުއްތާތައް ފޮނުވައިފައެވެ. ބިން ހެލުންތަކުގެ ސަބަބުން ގެއްލޭ މީހުން ހޯދުމަށް މެކްސިކޯގެ ސިފައިން ބޭނުންކުރާ ކުއްތާތަކުގެ ޓީމެއްވެސް ވަނީ ތުރުކީއަށް ފޮނުވައިފައެވެ.
"މީގެ ކުރިން މީހުން ހޯދަން ޖެހެނީ އެ ގެއްލިގެން އުޅޭ މީހަކު އިޝާރާތެއްކުރުމުން. މެކްސިކޯގެ ކުއްތާތަކަކީ ހައިލީ ޓްރެއިންޓް ފޯ އާތްކުއެކްސް ވިކްޓަމްސް ސާޗު. އެހެންވީމާ ދެން މީހުން ހޯދުމުގެ މަސައްކަތާއި ސަލާމަތް ކުރުން އަވަސްވެގެންދާނެ. ކުއްތާތަކަށް އިންސާނުންގެ ވަސް ދުވާނެ އިމާރަތްތަކުގެ ދަށުގައި މީހުން ތިއްބަސް. މިއީހަމަ އެކަމަ ހާއްސަ ޓްރެއިންޑް ކުއްތާތަކެއް،" މެކްސިކޯގެ ސިފައިންގެ އިސް އޮފިސަރަކު ވިދާޅުވިއެވެ.
ޖިއޮލޮޖިކަލް ސާވޭ އޮފް ޑެންމާކް އެންޑް ގްރީންލޭންޑުން އަންގާރަ ދުވަހު ބުނެފައިވަނީ، ތުރުކީގެ ދެކުނަށް ބިންހެލުން އައިސްފައިވަނީ ރެކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގައި ކަމަށެވެ. އޭގެ ފަހުންވެސް ރެކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގެ އިތުރު ބިން ހެލުމެއް ތުރުކީއަށް އައިސްފައިވާ ކަމަށެވެ. ފުރަތަމަ ބިން ހެލުމަށްފަހު ތުރުކީގެ އެކި ސަރަހައްދުތަކަށް ބާރުގަދަ ލޮޅުންތައް އައިސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިލަކް ސާވޭއިން ބުނެފައިވަނީ ތުރުކީއަށް އިއްޔެއައި ބިން ހެލުމަކީ 1939 ވަނަ އަހަރު ތުރުކީއަށް އައި ބާރުގަދަ ބިންހެލުމެއްގައި 30،000 މީހުން މަރުވި ފަހުން އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށެވެ. ތުރުކީއަށް އައި ބިން ހެލުމަކީ ވަރަށް މަދުން އަންނަ ވައްތަރުގެ ބިން ހެލުމެއް ކަމަށާއި ފާއިތުވި 25 އަހަރުގެ ތެރޭގައި ތުރުކީއަށް 7.0 މެގްނިޓިއުޑް ނުވަތަ އެއަށްވުރެ ބާރުމިނުގައި ބިން ހެލުންތައް އައިސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ތުރުކީގެ ސައިސްމޮލޮޖިކަލްއިން ބުނެފައިވަނީ ބިން ހެލުމުގެ ސެންޓާ ޕޮއިންޓް ހުރީ ދެކުނުގެ ސިޓީއެއް ކަމަށްވާ އާޒިއަންބާތުގައި ކައިރީގައިވާ ފަރުބަދަތަކުގެ ހަތް ކިލޯމީޓަރުގެ ފުނުގައި ކަމަށެވެ.
ސައިސްމޮލޮޖިކަލްއިން ބުނެފައިވަނީ ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރީ ކަހުރަމާންގެ ސިޓީތަކާއި ވިލެޖުތަކަށް ކަމަށެވެ. އެ ސަރަހައްދުތަކުގައި ބިން ހެލުމުގެ އަސަރު އެއް މިނެޓު ވަންދެން ހުރި ކަމަށެވެ. ބިންހެލުމުގެ އަސަރު ސޫރިއާގެ އުތުރުގެ ސަރަހައްދުތަކަށާއި ސައިޕްރަސްއަށާއި ލުބުނާނަށްވެސް ކޮށްފައިވާ ކަމަށް ސައިސްމޮލޮޖިކަލްއިން ބުންޏެވެ.
ޚަބަރު
ޚަބަރު