ސިނާއީ ބޭނުމަށް ތިލަފުށިން ދޫކުރާ ބިމުގެ ތެރެއިން ރާއްޖެއިން ބޭރުގެ ކުންފުނިިތަކަށް ގަނެވޭގޮތަށް ކަނޑައަޅާފައިވަނީ މަދު ބިމެއް ކަމަށާއި ތިލަފުށިން އަލަށް ހިއްކައި އިތުރުކުރާ ސަރަހައްދުގެ 90 ޕަސެންޓް ބިން ހާއްސަކޮށްފައިވަނީ ދިވެހި ވިޔަފާރިތަކަށް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ވަނީ ސިނާއީ ބޭނުމަށް ތިލަފުށި ފޭސް ދޭކުން 50 ބިމެއް ވިއްކަން އިއްޔެ ހުޅުވާލައިފައެވެ. ބޮޑު މިނުގައި 25،000 އިން ފެށިގެން 35،000 އަކަފޫޓާ ދޭތެރޭގެ އެ ބިންތައް ގަތުމަށް އަމިއްލަ ފަރާތްތަކުންނާއި ކުންފުނިތަކަށްވެސް ހުށަހެޅޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ބޭރުގެ ކުންފުންޏަކުން ބިން ގަންނަން ހުށަހަޅައިގެން ބިޑް ކާމިޔާބުކޮށްފިނަމަ، އެ ފަރާތަކަށް ބިން ވިއްކުމުގެ ބަދަލުގައި 99 އަހަރަށް ކުއްޔަށް ދިނުމަށްވެސް އެޗްޑީސީން ވަނީ ނިންމައިފައެވެ.

އެޗްޑީސީގެ އެ ނިންމުމާ ގުޅިގެން މަޖިލީހުގެ ޖަލްސާގައި އިދިކޮޅު ބައެއް މެމްބަރުން ފާޅުކުރައްވާފައިވާ ކަންބޮޑުވުންތަކާ ގުޅިގެން އެ ކޯޕަރޭޝަނުން ވަނީ މިއަދު އިތުރު ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އެޗްޑީސީން ފާހަގަކޮށްފައިވާ ގޮތުގައި ތިލަފުށިން އަލަށް ހިއްކަމުންދާ ބިމުގެ 90 ޕަސެންޓް ބިން ދިވެހި ވިޔަފާރިތަކަށް ހާއްސަކޮށް، ކުލި ކޮންޓްރޯލް ކުރެވޭ އުސޫލުތަކުގެ ތެރެއިން ދިނުމަށް ވަނީ ކަނޑައެޅިފައެވެ.

ތިލަފުއްޓަކީ ސްޕެޝަލް އިކޮނޮމިކް ޒޯނެއް ނޫންކަން ފާހަގަކޮށް އެޗްޑީސީން އިތުރަށް ބުނީ ބޭރުގެ ވިޔަފާރިތަކުން ބިމަށް އެދި ހުށަހެޅުމުގައި އަމަލުކުރަން ޖެހޭނީ ރާއްޖޭގެ ގާނޫނުތަކާއި ކަމާ ބެހޭ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

"މިގޮތުން ދިވެހި ވިޔަފާރިތަކަށް ހާއްސަކޮށްފައިވާ ވިޔަފާރިތައް، މަސްވެރިކަން، ދަނޑުވެރިކަން ފަދަ ވިޔަފާރިތަކަށް މި ވިޔަފާރިތަކުގެ (ބޭރުގެ ކުންފުނިތައް) ސަބަބުން އެއްވެސް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން އަރުވަމެވެ. އަދި ހަމަ މިފަދައިން މިއީ ދިވެހިންނަށް، ވަޒީފާގެ ގިނަ ފުރުސަތު ލިބިގެންދާނެ މަޝްރޫއެއްކަން ފާހަގަކުރަމެވެ،" އެޗުޑީސީގެ ބަޔާނުގައިވެއެވެ.

އެޗްޑީސީން އިތުރަށް ބުނީ މި މަޝްރޫއުގެ މަގުސަދަކީ ރާއްޖޭގައި ސިނާއީ މަސައްކަތްތަކަށް ހުރި ދަތިތަކަށް ބޮޑު ލުޔެއް ހޯދުމާއި ދިވެހި ވިޔަފާރިތަކަށް ހުރި ފުރުސަތުތައް އިތުރުކުރުން ކަމަށާއި މި މަޝްރޫއުގެ ސަބަބުން މުދަލުގެ އަގު ހެޔޮވެ، ދިވެހިންނަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވާނެ ކަމަށެވެ. އަދި އެ ކުންފުނީގެ މަސައްކަތްތައް ބައްޓަންކޮށްފައިވަނީ ރާއްޖޭގައި ހުރި ވިޔަފާރިތަކަށް އެންމެ ލުއި ފަސޭހަ ގޮތްތައް ހޯދައިދޭ ގޮތަށް ކަމަށް އެޗްޑީސީން ބުންޏެވެ.

ސިނާއީ ބޭނުމަށް ތިލަފުށިން ބިން ވިއްކަން އެޗްޑީސީން ކޮށްފައިވާ އިއުލާނުގައި ވާގޮތުން ބިން ގަންނަން ހުށަހެޅޭނީ 18 އަހަރުން މަތީގެ މީހުންނަށެވެ. ވިއްކާ ބިމުގެ ތެރޭގައި ހަ ބާވަތެއްގެ ޕްލޮޓް ހިމެނޭ އިރު، އެންމެ ކުޑަ އަގެއްގެ ގޮތުގައި އަކަފޫޓަކަށް 1،700 ރުފިޔާ ދައްކަން ޖެހޭނެއެވެ. އަދި ބިން ލިބޭނީ އެންމެ މަތިން ބިޑް ހުށަހަޅާ ފަރާތަކަށް ކަމަށް އިއުލާނުގައިވެއެވެ.